އިންސާނުން ދިރިއުޅޭ ބީދައިން ޢާއިލާތަކާ ގެތަކާ ޝަހަރުތައް ބިނާކޮށްގެން އުންމަތެއްގެ ގޮތުގައި ދިރިއުޅޭ އެއް ޖަމާޢަތަކީ ހިނީގެ ޖަމާޢަތެވެ.
ހިނީގެ ދިރިއުޅުމާމެދު ކުރެވިފައިވާ ޢިލްމީ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި، މީގެ ސަތޭކަ މިލިއަނެއްހައި އަހަރުކުރީންވެސް ބިންމަތީގައި ހިނި ދިރިއުޅެއެވެ. ހިނީގެ ތަފާތު ވިއްސަކަށްހާސް ވައްތަރު މިހާތަނަށް ފާހަގަކުރެވިފައިވާއިރު، މިއިން ކޮންމެ ވައްތަރަކުން ބިލިއަން ބިލިއަން ހިނި ދުނިޔޭގެ އެތަން މިތަނުން ފެނެއެވެ. ބިމުގައިވާ ދިރުންހުރި ސޫފާސޫފީގެ 20% އަކީ ހިންޏެވެ. ހިނީގެ ބައެއް ޝަހަރުތައް 3 އަކަކިލޯ މީޓަރުގެ ބޮޑެތި ސަރަޙައްދުތަކަށް ފެތުރިފައި އޮވެއެވެ. މިއިން ކޮންމެ ޝަހަރެއްގައި، އެތައް ހާސް ގެއެއް ހިނިހޮރުތަކުގެ ގޮތުގައި އެސޮރުމެން ބިނާކުރެއެވެ. ކޮންމެ ގެއެއްގައި އެތައް މިލިއަން ހިންޏެއް ދިރިއުޅެއެވެ. ސަތޭކަ ޑިގްރީގެ ގަދަހޫނުގައި ދިރިތިބުމުގެ ޤާބިލްކަން ހިންޏަށް ލިބިގެންވެއެވެ.
ހިނީގެ ކޮންމެ ޝަހަރެއްގައި ހިނގަނީ އަންހެން ހިނީގެ ވެރިކަން އެހެން ޢިބާރާތަކުން ދަންނަވާނަމަ ރަނިކަމެކެވެ. ކޮންމެ ހިނިހޮރަކު، ރަނިކަމަނާއިން ތިބެއެވެ. ކޮންމެ ރާނީއެއްގެ މައިގަނޑު މަސައްކަތަކީ، ބިސްއެޅުމާ ބިސްފީކުރުމާ، އެންމެ މަތީ އަމުރުތައް ނެރުމެވެ. އެވްރެޖްކޮށް ރަނި ހިންޏެއް ފަހަރަކު 4 މިލިއަން ބިސް އަޅައެވެ.
ރަނި ހިންޏެއްގެ ޢުމުރު 20 އަހަރާ 30 އަހަރާ ދެމެދަށް ދެމިގެންދެއެވެ. މި ބާވަތުގެ ހިނި އެހެން ހިނިތަކަށްވުރެ ހަށިގަނޑުން ބޮޑެތި ވާނެއެވެ. ރަނި ހިންޏަށް ބިސްދިނުމުގެ ދައުރު، ނުވަތަ ބިސް އުފެއްދުމަށްޓަކައި ޖިންސީގުޅުން ހިންގުމުގެ ދައުރު އަދާކުރުމަށް ޚާއްޞަ ފިރިހެން ހިނި ކޮންމެ ހޮރެއްގައިވެސް ދިރިއުޅެއެވެ. ނަމަވެސް މި ބާވަތުގެ ފިރިހެން ހިނީގެ ޢުމުރު ވަރަށް ކުރެވެ. ރަނި ހިންޏަށް ބިސްދޭތާ މާކަ ގިނަ ވަގުތެއް ނުވެ، މި ބާވަތުގެ ފިރިހެން ހިނި މަރުވެއެވެ.
ރަނި ހިނީގެ އިތުރުން، ބިސްފީކުރުމުގެ މަރުޙަލާއިން ފެށިގެން، ތުއްތު ހިނިތައް ބަލައި ތަރުބިއްޔަތުކުރުމުގެ ޒިންމާ އަދާކުރާ އެތައް މިލިއަން އަންހެން ހިންޏެއްވެސް ކޮންމެ ހިނިހޮރެއްގައި އަދި ދިރިއުޅޭނެއެވެ. މިބާވަތުގެ އަންހެން ހިންޏަކީ ބިސްއުފައްދައި ބިސްއެޅުމުގެ ޤާބިލްކަން ލިބިފައިވާ އަންހެން ހިނިތަކެއް ނޫނެވެ. މިއަންހެން ހިނިތަކުގެ އިތުރު ޒިންމާތަކުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރުމާ، ހިނިހޮރުގެ ކަންކަން ރާނީ އަންގާ ގޮތެއްގެ މަތީން ބެލެހެއްޓުމާ ސިފައިންގެ ގޮތުގައި ތިބޭ ހިނިތަކަށް އޯޑަރު ދިނުން ހިމެނެއެވެ.
ސިފައިންގެ ގޮތުގައި ކޮންމެ ހިނިހޮރެއްގައިވެސް ރުކުރުވާ ލެވިފައިވާނީ ހަތިޔާރާއެކު ތިބޭ ފިރިހެން ހިނީގެ ޖަމާޢަތެކެވެ. މި ޖަމާޢަތުން ހިނިހޮރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން، ޢިމާރާތްކުރުމާ، ކާބޯތަކެތި އުފުލުމާ އެނޫން މުހުތާދުތަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނެއެވެ. މިކަންކަން ހިންގާނީ އަންހެން ހިނިތައް އޯޑަރުދޭ ގޮތެއްގެ މަތީންނެވެ.
ހިނިހޮރަށް ވަދެ އުޅުމުގެ ހުއްދަ ލިބިފައިނުވާ ބީރަށްޓެހި ހިންޏެއް ނުވަތަ އެނޫން ސޫތްޕެއް ހޮރުން އެތެރެވާން އުޅޭނަމަ، ސިފައިންގެ ހިނިތައް އެސޮރަށް ޙަމަލާދެއެވެ. އަދި ހިފައި ހައްޔަރުކުރެއެވެ. ހިނިހޮރުތަކުގެ އެތެރޭގައި، ޖަލަށްލުމާ، އަދަބުދިނުމާ، އަދި މަރުވާ ހިނި ވަކި ތަރުތީބަކުން ވަޅުލުމާ މިހުރިހާ ކަމެއްވެސް ހިނގައެވެ. ކޮންމެ ހިނިހޮރެއްގެ އެތެރޭގެ ފަށަލަތައްވެސް ބަހައިލެވިގެން ވަނީ، ގަދަފިންޏާ ގަދަހޫނުން ރައްކާތެރިވެވޭގޮތަށެވެ. ކާބޯތަކެތި ރައްކާތެރިކޮށް، ދަރީން ތަރުބިއްޔަތުކޮށް، އަދި ރަނިކަމަނާއިންނަށް އަރާމުގައި ދިރިއުޅެވޭ ގޮތަށެވެ.
ހިނީގެ ޝަހަރެއްގެ ތަރުތީބު ދިރިއުޅުމުގެ ޢަޖާއިބުތައް މިޒަމާނުގެ ޢިލްމުވެރީން އެތައް ދިހަ އަހަރެއްގެ ދިރާސާތަކަށް ފަހު ހޯއްދެވިއިރު، ހިންޏަކީ ބަސްމޮށި އުޅޭ މަޚްލޫޤެއްކަން، 2006 ވަނަ އަހަރު ޑރ. ރޮބަރޓް ހިކްލިން ވަނީ ކަށަވަރުކުރައްވާފައެވެ. އަދި އޭނާގެ ޢިލްމީ ހޯދުންތައް އެއަހަރުގެ ' ޖަރނަލް އޮފް ސައުންޑްސް އެންޑް ވައިބްރޭޝަން ' ގައި ވަނީ ހިމަނުއްވާފައެވެ.
ހިނީގެ ދިރިއުޅުމާ ބަސްމޮށުންތެރިކަމާމެދު މިޒަމާނުގެ ސައިންސް ޔަޤީންކޮށްދީފައިވާ ހަޤީޤަތްތައް މީގެ 1400 އަހަރަށްވުރެ ކުރީން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންވެފައެވެ. ހިނީގެ ނަމުން ނަންދެވިފައިވާ ކީރިތި ޤުރުއާނުގެ 27 ވަނަ ސޫރަތް ( ސޫރަތުއް ނަމްލު ) ގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.
(( حَتَّى إِذَا أَتَوْا عَلَى وَادِي النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لا يَشْعُرُونَ ))
މި އާޔަތުގެ މާނައީ : " ( ސުލައިމާންގެފާނު ލަޝްކަރާއިގެން ) ހިނީގެ ވާދީއަށް ފައިބާ ވަޑައިގަތް ވަގުތެވެ. އެހިނދު އަންހެން ހިންޏެއް ފިރިހެން ހިނިތަކަށް ބުންޏެވެ. އޭ ހިނިތަކާއެވެ. ކަލޯމެން ގޭގެއަށް ވަންނާށެވެ. އެއީ ސުލައިމާންގެފާނާ އެކަލޭގެފާނުގެ ލަޝްކަރަށް ނޭނގިތިބެ، ކަލޯމެންގެ ގައިމައްޗަށް އަރާ ފިސްފިސް ކުރިޔަ ނުދިނުމަށްޓަކައެވެ. "
އަންހެން ހިނީގެ އަމުރުވެރިކަމާ ރަނިކަން، އަދި ފިރިހެން ހިނިތައް އޯޑަރަށް ކިޔަމަންވެ ކަންކަން ކުރަމުން އަންނަ ތަރުތީބު، މީގެ އިތުރުން ހިނިތައް އެސޮރުމެންގެ ކަންކަމާމެދު މުޢާމަލާތުކޮށް ވާހަކަދައްކައި ހެދުން މިއީ ހިނގަމުން އަންނަކަމެއްކަން ކީރިތި ޤުރުއާނުގައި މާކުރީން ބަޔާންކުރެއްވީ، އެންމެހާ ތަކެތި އުހައްދަވައި ޚަލްޤުކުރެއްވި ގަދަކީރިތިވަންތަ ﷲ އެވެ. އެ ޙަޤީޤަތްތަކުގެ ތެދުކަމާ، ކީރިތި ޤުރުއާނުގެ މަތިވެރިކަން މި ޒަމާނުގެ ޢިލްމީ ހޯދުންތަކުން މިވަނީ ކަށަވަރުކޮށްދީފައެވެ.