ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށީގައި މަގެއް ހަދައިދޭނެ ބަޔަކު ހޯދަން އަލުން އިއުލާނު ކޮށްފި

ތިލަފުށީގައި ތާރު އަޅައިގެން 820 މީޓަރުގެ މަގެއް ހަދައިދޭނެ ބަޔަކު ހޯދަން މިދިޔަ މެއި މަހު ކުރި އިއުލާނު ބާތިލްކޮށް އަނެއްކާވެސް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުން އެ މަގު ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ. މިއީ މަގު ހޯދަން ކުރި އިއުލާނު ބާތިލް ކުރުމަށްފަހު އަލުން އިއުލާނު ކުރި ދެ ވަނަ ފަހަރެވެ.

އެ ކޯޕަރޭޝަނުން މިދޔަ އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށި އެކަކާއި ޓީއައިޒެޑް ގުޅުވައިދިނުމަށް މިހާރު ހަދާފައިވާ ކޯޒްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން ތާރު އަޅަައި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ބޭނުންވާ ބީލަން ފޮތުގެ އަގަކީ 100 ޑޮލަރެވެ. އަދި ބީލަން ހުށަހަޅާއިރު ބޭންކު ގެރެންޓީގެ ގޮތުގައި ދޭ 90 ދުވަހުގެ ތެރޭގައި 19500 ޑޮލަރު ހުށަހަޅަންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ތިލަފުށި ކޯޕަރޭޝަނުން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބަލައިގަންނަ ފަރާތްތަކަށް އެކަނި ކަމަށާއި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ޓެކްނިކަލް އަދި ކޮމާޝަލް ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ ވަކި ދޭއްޗެއްގެ ގޮތުގައި ކަމަށެވެ. ބީލަން ފޮތް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުން ވިއްކަ އެވެ. ބިޑް ހުށަހެޅުމާއި ޓެކްނިކަލް ޕްރޮޕޯސަލަށް ބިޑް ހުޅުވައިލާނީ މިމަހުގެ 26 ގައެވެ.