އެމްޓީސީސީ

ތިލަފުށީގެ ބިން ހިއްކަން 105 މިލިއަނަށް އެމްޓީސީސީއަށް

މާލެ ސަރަހައްދުން އުފައްދާ ކުނި މެނޭޖްކުރާ ސަރަހައްދު ތަރައްގީކުރުމަށް ތިލަފުއްޓަށް އިތުރަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ތިލަފުއްޓަކީ މިހާރުވެސް މާލެ ސަރަހައްދުން އުފައްދާ ކުނި ނައްތާލާ ރަށެެވެ. އެރަށް ޒަމާނީ ވަސީލަތްތަކާއެކު ކުނި މެނޭޖްކުރާ ރަށަކަށް ބަދަލުކޮށް ތިލަފުށީގައި ހާމައަށް ކުނިއެންދުން ހުއްޓާލަން ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފަ އެވެ. އަލަަށް ހިއްކަން މިއަދު އެމްޓީސީސީއާ ހަވާލުކުރި 15 ހެކްޓަރުގެ ބިމަކީވެސް އެ މަޝްރޫއުތަކާ ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުމު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާ އެވެ.

މިއަދު އެމްޓީސީސީ އާ ހަވާލުކުރި ބިންހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ކުރިއަށް އޮތް އަށް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ކުނި ނައްތާލަން ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ މެޝިނަރީތައް ތިލަފުއްޓަށް ގެނެސް އެތަން ތަރައްގީކުރާނެ ކަމަށެވެ. މެޝިންތައް ހޯދުމަށާއި އިންފްރާސްޓްރަކްޗާގެ މަސައްކަތްކުރަން ބޭނުންވާ ލޯނު އޭޑީބީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

މާލެ ހުޅުމާލެ އަދި ވިލިނގިލީގައި ބޭނުންކުރާ ކުނި ތިލަފުށީގައި ނައްތާލާއިރު މިހާރ ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މެޑިސިނަލް ދާއިރާއިން އުފައްދާ ނުރައްކާތެރި ކުނި ރައްކާތެރިގޮތެއްގައި ނައްތާލާނެ ވަސީލަތްތަކެއް ލިބިފައި ނެތުން ކަމަށް ތޯރިގް ވިދާޅުވި އެވެ. ނަމަވެސް ތިލަފުށީގައި މިހާރު ތަރައްގީކުރާ ސަރަހައްދުގައި ބަހައްޓާ އިންސިނެރޭޓަރުތައް ގާއިމްކޮށް ނިމުމުން އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ތިލަފުށީގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ެއްފަހަރާ 20 ޓަނުގެ ކުނިވާ ޒާތުގެ ކުނި ބަންދުކުރާ ބޭލިން ސިސްޓަމެއް ގަންނަން ވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ގާއިމުކުރެވޭ އިންސިނެރޭޝަން ފެސިލިޓީއަށް ވޭސްޓް ބޭލިން ސިސްޓަމް ގާއިމުކުރެވި އެ ސިސްޓަމް އޮޕަރޭޓް ކުރާނެ ގޮތުގެ ތަމްރީނުވެސް ދެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.