ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރަށް އަޅުކަންކުރަން އޭނާގެ ބުދު ބަހައްޓައިގެން ފައްޅިއެއް ހަދައިފި

ހަރުކަށި ހިންދީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީގެ ބުދު ބަހައްޓައިގެން އޭނާގެ ރަށުގައި ފައްޅިއެއް ހަދައިފި އެވެ.

މޮދީ ނިސްބަތްވާ ގުޖަރާތުގައި އަންނަ އާދީއްތަ ދުވަހު ހުޅުވަން ހަމަޖައްސާފައިވާ މި ފައްޅީގެ ވާހަކަ އިވި ވަޑައިގަތުމާ އެކު މޮދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކަން ކުރި ބަޔަކު އަވަހަށް އެކަން ހުއްޓާލަން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ އިންޑިއާގެ އާދަކާދައާ ހިލާފް" އަމަލެއް ކަމަށް ވެސް މޮދީ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މެއި މަހު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންވި މޮދީގެ 350 ސަޕޯޓަރަކު މި ފައްޅި ހެދީ އެކި ފަރާތްތަކުން ފައިސާގެ އެހީ ހޯދައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފައްޅީފައި އެންމެ ފުރަތަމަ ބެހެއްޓީ މޮދީގެ ފޮޓޯއެއް ކަމަށް ވިޔަސް ތަން ހުޅުވުމުގެ ކުރިން މިހާރު ވަނީ 170000 ރުޕީސް (2724 ޑޮލަރު) ހޭދަކޮށްގެން މޮދީގެ ސޫރަ އަށް ބުދެއް ހަދައިފަ އެވެ. އެތަން ހެދި މީހުން ބުނީ މޮދީގެ ބުދުގެ ކުރިމަތީގައި އަޅުކަން ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަނީ މޮދީ އަކީ އިންސާނެއްގެ ސޫރާގައި އައި ކަލާނގެއެއް ކަމަށް. އޭނާ މި ތަނުގެ ޗީފް މިނިސްޓަރުކަން ކުރި ފަހުން ކަންތައްތައް ދަނީ ރަނގަޅުވަމުން،" މޮދީގެ ސަޕޯޓަރަކު އޭއެފްޕީ އަށް ބުނެފައިވެ އެވެ.

މޮދީ ވިދާޅުވެފައި ވަނީ އެ ފައްޅި ހެދީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި މިކަހަލަ ފައްޅި އެޅުމަށް ވަގުތު އޮންނަ މީހުން އެ ވަގުތު އިންޑިއާ ސާފުކުރުމަށް ހޭދަކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ އިންޑިއާ އަކީ ސާފުތާހިރު ކުރުމަށް ފައްޓަވާފައިވާ ކެމްޕޭނަށެވެ.

މީގެ ކުރިން ވެސް އިންޑިއާގައި ވަނީ ސިޔާސީ ލީޑަރުންގެ ހަނދާނުގައި ފައްޅި އަޅައިފަ އެވެ. އެގޮތުން ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އާއި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދުމަށް ފަހު ސިޔާސީ ދާއިރާ އަށް ވަން އެންޓީ ރަމަ ރާއޯ އަށް ވެސް ފައްޅި އެޅި އެވެ. -- ބީބީސީ