ވާހަކަ

ހިތުގެ ތެޅުން

(ހަތަރު ވަނަ ބައި)

ގާދިރު ބުނަން އުޅެނީ ކީކޭކަން އަންދާޒާކޮށްލެވުމުން ކައިފު ނުތަނަވަސްވާގޮތްވިއެވެ. އެވަގުތު ޖަމީލުއާއެކު އެކޮޓަރިތެރެއަށް ވަދެގެންއައި ހަނާން ފެނި ކައިފްގެ މިނުތަނަވަސްކަން ދެގުނަވިއެވެ. ގާދިރުގެ ބަސް އިވި ހަނާނުގެ ތުންފަތަށް ފެތުރުނީ ފަޚުރުވެރި ހިނިތުންވުމެކެވެ. ގާދިރު ބުނަން އުޅެނީ ކީކޭކަން އޭނާއަށް އެނގޭފަދައެވެ.

"ދަރިފުޅާ.. ހަމަ ކުއްލި ގޮތަކަށްވެސް ބައްޕަ މިދުނިޔެ ދޫކުރަންޖެހިދާނެ. ބައްޕަ އެދެނީ ބައްޕަގެ ވިޔަފާރިއާ ދަރިފުޅު ހަވާލުވާން. " ގާދިރު އެހެން ބުނެލުމާއެކު ހަނާންގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުން ފިލައިގެންގޮސް އެމޫނުމަތިން ފާޅުވީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ.

ކައިފް އެއްވެސް އެއްޗެއް ނުބުނުމުން ގާދިރު މާޔޫސްވާގޮތްވިއެވެ. އޭނާގެ ތަނަވަސްކަމުން ފައިދާ ނުކުރީ ހަމައެކަނި ކައިފްއަށެވެ. މުއްސަނދި ދިރިއުޅުމަކަށްވުރެ ބޮޑަށް ކައިފް ލޯބިކުރީ އާދައިގެ ސާދަ ދިރިއުޅުމަކަށެވެ. ދެވަނަ ފަހަރަށް އެވާހަކަ ނުދައްކައި ގާދިރު ލޯމަރާލިއެވެ. ވިސްނުމުގެ ތެރޭގައި ހިނދުކޮޅެއް ހޭދަ ކުރުމަކީވެސް މިވަގުތު އޭނާއަށް ވޭނެއްފަދަ ކަމެކެވެ. އޭނާގެ ހަށިގަނޑުވަނީ އެއަށްވުރެ ބޮޑަށް ވަރުބަލިވެފައެވެ.

ގާދިރު އަރާމްކުރަން ބޭވުމަށްފަހު، ޝިރުމީނާގެ ހުއްދައާއެކު ކައިފް، އަތުގައިއޮތް ދަބަސް ހިފައިގެން ގެއަށް ދިއުމަށްޓަކައި ހޮސްޕިޓަލުންނިކުތެވެ. ކުލަކުލައިގެ ބޮކިތަކުން ދިއްލާ އަޅާފައިވާ މަގުތަކުގެ ހަލަބޮލިކަމަށްވުރެ ކައިފްގެ ހިތުގެ ހަލަބޮލިކަން ބޮޑެވެ. ގާދިރުގެ އެދުމަށް ކިޔަމަންވުމަށްވުރެ ބޮޑަށް އޭނާ ގަބޫލުކުރީ އޭނާގެ ސިކުނޑި އޭނާއަށް ބުނެދިން ކަންކަމެވެ.

ބާރުދުވެލީގައި ދުއްވާފައި ދިޔަ ސައިކަލް ގޮސް މަޑުކޮށްލީ ތިންބުރިއަށް ހަދާފައިވާ ޖާގަ ތަނަވަސް ގެއެއްގެ ކުރިމަށްޗަށެވެ. ގޭގެ މައި ދޮރުއަށިން އެތެރެއަށް ސައިކަލް ވެއްދުމަށްފަހު ގޭތެރެއަށް ވަނުމަށްޓަކައި އޭނާ ހިނގައިގަތެވެ. އެގޭގެ ވަށައިގެން ހައްދާފައިވާ ގުލްޝަނުގައި ފޮޅިފައިވާ ތަފާތު ވައްތަރުގެ މާމެލާމެލީގެ ވަހުގެ މައްޗަށް ގަދަ ވެފައިވަނީ ހުސްނުހީނާމަލުގެ ވަހެވެ. ގޭގެ މައިދޮރުއަށިން ގޭގެދޮރާ ހަމައަށް ގުޅާލެވިފައިވާ ގަލުގެ ފާލަން ފިޔަވައި ވަށައިގެންވާ ބިންގަނޑުވަނީ ވިނައިގެ ފެހި ދޫލައަކުން ނިވާކުރެވިފައެވެ. މުޅި ގޭތެރެވަނީ މާބްލްޖަހައި ޗާންދަލިޔާތަކުން ޒީނަތްތެރިކުރެވިފައެވެ.

ލިޔެލާޖަހައިގެން ޒީނަތްތެރިކުރެވިފައިވާ މާވަށިތަކުގައި އަތުރާފައިވާ މާމެލާމެލީގެ ހިތްގައިމުކަމުން ގޭތެރެއަށް އިތުރު ދިރުމެއް ގެނެސް ދީފައިވެއެވެ.

ދަބަސް ކޮނޑުގައި އަޅުވާލައިގެން ގެއަށް ވަނުމާއެކު ކައިފްގެ އަތުގައިއޮތް ދަބަސް ހޯދުމަށް ކާސިމް އަވަސްވެގަތެވެ. ކާސިމްއަކީ އެ ތަނަވަސް ދިރިއުޅުމަށް ގާދިރުމެން ފަށައިގަތީންސުރެ އެ ގޭގައި ދިރިއުޅެމުންދާ އެމީހުންގެ ޚާދިމެކެވެ. އެގޭގެ ކޮންމެ މީހެއްގެ އިތުބާރު ހޯދާފައިވާ މީހެކެވެ.

ކާސިމްއަތަށް ދަބަސް ދިނުމަށްފަހު ކައިފް އަވަސްވެގަތީ ގޭގެ ތިރީ ބައިގެ އެންމެ އެތެރެއަށްވާ ގޮތަށް ހުރި ކޮޓަރިއަށް ދިއުމަށެވެ.

އެކޮޓަރިއަށްވަނުމަށްފަހު ކައިފް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އެއީ އެ ގޭގެ ތަނަވަސްކަމުގެ ބޭރުން ޒީނަތްކުރެވިފައިވާ އާދައިގެ ކޮޓަރިއެކެވެ. ޗާނދަލިޔާގެ ބަދަލުގައި ކޮޓަރި އަލިކުރެވިފައިވަނީ ފަނޑު ބޮތްކެއްގެ އަލިންނެވެ. އެއަރ ކޮންޑިޝަނަރގެ ބަދަލުގައި ސީލިންގްގައި ލުއިގޮތަކަށް އެނބުރެމުންދިޔައީ ފަންކަލެކެވެ. ކޮޓަރީ އެއްފަރާތުގައި ބައިންދާލާފައި އިން ދަނގަޑު އެނދުގެ މަތީގައި މަރުވެފައިވާ މައްޔިތެއްފަދައިން އޮތް އަންހެންކުއްޖާއަށް ކައިފް ބަލާލީ ވޭނީ ނަޒަރަކުންނެވެ.

ދެލޯ ހުޅުވައިގެން އޮތަސް އެވަޅުވަދެފައިވާ ދެލޮލުގައި އެއްވެސް ދިރުމެއްނެތް ކަހަލައެވެ. ކައިފް ލޮލުގެ ފިނިކަން ރަމްޒުކޮށްދޭ އެރީތި މޫނުވަނީ މިލާ މޯޅިވެފައެވެ. ކޮޓަރީގެ އެއްފަރާތުގައި ނަމާދުކުރަން ހުރި ސަލީމާއަށް ބަލާލަމުން ކައިފްގޮސް އަންހެންކުއްޖާ ބާއްވާލާފައިއޮތް އެނދުގެ އެއްފަރާތުގައި އިން ގޮނޑިގައި އިށީދެލައިފިއެވެ.

" ބަލްޚާ....!" އެ އަންހެންކުއްޖާގެ ހިކިއަނަރޫފަ ވެފައިވާ އަތްތިލާގައި ހިފާލަމުން ކައިފް އެއަތް ތިލައަށް ބޮސްދިނެވެ.

" ކޮއްކޮ ދެން ހޭލާފަ ދޮންބެއަށް ގޮވާލާނީ ކޮން އިރަކުން.؟.. އެންމެ ފަހަރަކު ވީގޮތް ބުނެލަދީ!"

ކައިފްގެ އާދޭސް އަޑު އިވޭވަރަށްވުރެ ބޮޑަށް ބަލްޚާވަނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ.

ބަލްޚާ މިހާލަތަށް ދިޔަ ސަބަބަކީ ކޮބައިތޯ ބަލަން ކައިފް ކިތައްމެ ބޭނުންވިޔަސް، ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި ކައިފްގެ ސިނކުޑީގައި ދެމެމުން ދައުރުވަމުން ދިޔަ އެ ސުވާލަށް މިހާތަނަށްވެސް ޖަވާބެއް ލިބިފައެއްނެތެވެ. ޢުމުރުން 15 އަހަރުގައި އިމާރާތެއްގެ މަތިންވެއްޓި އޭނާ މިހާލަތަށްދިޔަ ސަބަބަކީ މިހާތަނަށްވެސް އެއްވެސް މީހަކަށް ހޯދަންއުޅެ ނުހޯދިފައިވާ ކަމެކެވެ. ކައިފްއާއި ބޮޑުމަންމަ ސަލީމާ ނޫނީ އެސަބަބު އެނގެން ބޭނުންވާ އެކަކުވެސް މިހާރު އެގޭގައި ނުވާފަދައެވެ. މާޒީގެ ނިވަލަށްވަދެ ހަނދާންތައް ވަޅުޖެހިލައިފިއެވެ. އެއް ދުވަސްވަރެއްގައި ބަލްޚާއަކީ ގާދިރުގެ ދެލޮލުގެ ނޫރު ކަމުގައިވިޔަސް މިއަދު ގާދިރުގެ ދެލޮލުގެ ނޫރުގެ ތެރެއިން ކެހި ބަލްޚާ އޭނާގެ ލޯމަށްޗަށްވެސް ފަރުދާވެފައިވާކަހަލައެވެ. އޭނައައި ޝިރުމީނާގެ މުއްސަނދި އެކުވެރިން އެގެއަށް ވަންނަ ކޮންމެ ފަހަރަކު ސަލީމާގެ ދެމައިން ތިބިކަން އެނގެންވެސް ބޭނުންނުވާވަރަށް ސަލީމަމެންވަނީ ބޭކާރުކޮށްލާފައެވެ.

ބަލްޚާއަކީ ގާދިރުގެ އަލަތުއަނބި ސަލީމާއަށް ލިބިފައިވާ ހަމައެކަނި ދަރިއެވެ. ހަގުއަނބީގެ ގޮތުގައި ހަމަސްވެސްނުވާ ތުއްތު ކައިފް ގޮވައިގެން ޝިރުމީނާ އެގެއަށް އައި ހިސާބުން ސަލީމާގެ ބޭނުންކެނޑި ގާދިރުއަށް ސަލީމާ ބޭކާރުވީއެވެ. ޝިރުމީނާއަކީ ރީތިކަމާއެއްވަރަށް ހަރުކަށިކަންވެސް ލިބިފައިވާ އަންހެނެކެވެ. ގާދިރުގެ ހަޔާތުގެ ހުންގާނުގައި ހިފަހައްޓައިގެންހުރެ ގާދިރުގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރަނީ ޝިރުމީނާއެވެ.

" ދަރިފުޅާ ކައިފް.. ތިއައީ ދޯ؟ ހޮސްޕިޓަލަށް ގޮއްސަތަ ތިއައީ؟" ކައިފްގެ ބޮލުގައި ފިރުމާލަމުން ސަލީމާ އެހިއެވެ.

" ލައްބަ ބޮޑުމަންމާ، އިރާތަ ކުރެއްވީތީ ބައްޕަ މިހާރު ރަނގަޅު. ނެތްތަ ކާއެއްޗެއް" ބަނޑުގައި އަތްހާކާލަމުން ލޯތްބާއެކު ކައިފް ބުނެލިއެވެ. ކައިފްގެ ހިތުން ޝިރުމީނާއަށް ދެވިފައިވާ ޤަދަރަށްވުރެ ސަލީމާއަށް ދެވިފައިވާ ޤަދަރާއި ލޯބި ވަކި ކުޑައެއް ނޫނެވެ. ބައެއްކަންކަމުގައި ޝިރުމީނާއަށްވުރެ ބޮޑަށް ސަލީމާގެ އެހީތެރިކަމާއި އަޅާލުން ކައިފްއަށް ލިބިފައިވެއެވެ. ކައިފްއަކީ ގާދިރުގެ އުފަންދަރިއަކަށް ނުވިޔަސް ދަރިންގެ މެދުގައި ތަފާތު ނުކޮށް ކައިފްއަކީ ގާދިރުގެ ދަރިއެއްގެ ގޮތުގައި ސަލީމާ ގަބޫލުކުރިއެވެ.

ތިންދުވަހަށްފަހު ދަތުރު ނިންމާލައި ޝައިލީންމެންވެސް އެނބުރި މާލެއައެވެ. ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި ގޭގައި އެއްދުވަސް މަޑުކޮށްލުމަށްފަހު ޖެހިގެންއައި ދުވަހު ޝައިލީން އޮފީހަށްދާން ގެއިންނުކުތެވެ. ޓެކްސީއަކަށް ގުޅާލުމަށްފަހު، ގޭދޮރުމަތީ މަޑުކޮށްގެންހުރެ އެތަށް އިރެއްވީއިރުވެސް ޓެކްސީ ނައުމުން، އޮފީހަށްދިއުމަށްޓަކައި ހިނގައިގަތް ވަގުތު ސައިކަލްގައި އައިސް ކައިފް މަޑުކޮށްލީ ޝައިލީންގެ ކުރިމަށްޗަށެވެ.

" އޮފީހަށްތަ؟ އަރާ! ގެންގޮސްދީފާނަން" އުއްމީދުވެސް ނުކޮށްހުއްޓައި ޝައިލީން ފެނުމުން ކައިފް އުފާވިއެވެ. ޝައިލީން ފެނުމުން ވާރޭގެ ތެރެއިން ފެނުނު އަންހެންކުއްޖާގެ މަތިން އޭނާ ހަނދާންވެއެވެ.

އިތުރު ބަހަނާއެއް ދެއްކުމަކާނުލާ ޝައިލީންވެސް ކައިފްގެ ސައިކަލްފަހަތަށް އަރާ އިށީނދެލިއެވެ.

" ކީއްވެ ކުއްލިއަކަށް މާލެއައީ؟ "

" އެއީ ހަމަ ކަމެއްދިމާވެގެން ކުއްލިއަކަށް އަންނަޖެހުނީ. އޭކޯތަ ދެން ކޮންމެ ދުވަހަކު ޝައިލީން އޮފީހަށް ލައިދެން އަޔަސް. މަވެސް މިމަގުންލާފަ އޮފީހަށްދަނީ." ލިބުނު ފުރުސަތުގެ ބޭނުން ކައިފު ހިފިއެވެ. ޝައިލީން ފެނުނީންސުރެ އޭނާގެ ހިތުގައި ނޭނގޭ ގާތްކަމެއް ޝައިލީނާމެދު ދިޔައީ އުފެދެމުންނެވެ.

" އޯކޭ. އެކަމް ކައިފްގެ ބައްޕަގެ އެހާބޮޑު އޮފީހެއް ހުންނަ އިރުވެސް......" ބުނެވެން އުޅުނު އެތި ގޯސްކަން އެނގުމުން ޝައިލީން ކުއްލިއަކަށް ހިމޭންވިއެވެ.

" ކިހިނެތް އެނގުނީ އަހަރެންގެ ބައްޕަގެ ބޮޑު އޮފީހެއް ހުންނަކަން؟؟" ކައިފްއަށް ލިބުނީ ހައިރާންކަމެވެ. އެއީ އޭނާއާ އެންމެ ގާތްކޮށް އުޅޭ މީހުންގެ ތެރެއިންވެސް މަދު ބަޔަކަށްނޫނީ ނޭނގޭކަމެކެވެ.

" މަށަށް ނޭނގުނަސް އެނގޭ މީހުންތިބެއޭ. ފުރެންޑެއް ބުނީ އެހެން." ޝައިލީން ނޭނގޭކަމަށް ހެދެމުން ދޮގެއްހަދާލިއެވެ.

ތަފާތު ވާހަކަ ދައްކަމުންގޮސް ސައިކަލްގޮސް ގޯޅިއެއްގެތެރެއަށް ވައިންވަގުތު ފެނުނު މަންޒަރުން ޝައިލީނަށް ދެލޯފޮހެލައި ދެވަނަފަހަރަށް އެ ދިމާއަށް ބަލާލެވިއްޖެއެވެ. އެމީހުންގެ ކުރީގައި އޮވެ ދުއްވަމުންދިޔަ ކަޅުކުލައިގެ ކާރުގެތެރޭގައި އިނީ ޒަހުރާހެން ޝައިލީންއަށް ހީވިއެވެ. އެކާރަކީ ޖަނާހުގެ ކާރެވެ. ޖަނާހުގެ ކާރުގައި ޒަހުރާ ދަތުރުކުރަންޖެހޭ ސަބަބު ވިސްނާވިސްނާވެސް ޝައިލީންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ޝައިލީންގެ ހުރިހާ ރައްޓެހިންނަކީ ވެސް ޖަނާހުދެކެ ފޫހިވާބައެކެވެ.

ނޫނެކެވެ. އެންމެން ޖަނާހުއާ ދިމާއަށް ރުޅިވެރި ބަސްތައް ރައްދުކުރިޔަސް ޒަހުރާ ދުވަހަކުވެސް ޖަނާހުއާ ދިމާއަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖަނާހުގެ އޮފީހުގެ ކުރިމަށްޗަށް ކައިފް ސައިކަލް މަޑުކޮށްލުމުން ޝައިލީން ސައިކަލުންފޭބުމަށްފަހު ޝުކުރު އަދާކުރިއެވެ. ބަދަލުގައި ކައިފް އެދުނީ ލަންޗްގަޑީގައި އޭނާއާއެކު ކޮފީއަކަށް ދިއުމަށެވެ.

އެދައުވަތު ޤަބޫލުކުރަމުން އޮފީހަށް ވަންނަން ޝައިލީން އެނބުރިލިވަގުތު އޭނާގެ އެއްފަރާތުން މަގުގެ އަނެއްފަޅިގައި ހުރި ޕާކިން ޒޯނުގައި ޕާކްކޮށްފައިއޮތް ޖަނާހުގެ ކަޅުކުލައިގެ ކާރުފެނުނެވެ. އޮފީހަށްވަދެ ވަގުތުން ޒަހުރާއަށް އޭނަ ގުޅާލިއެވެ.

"ކޮންތާކު؟" ޒަހުރާ ފޯނުނެގުމުން އެންމެ ފުރަތަމަވެސް ޝައިލީން ކުރީ އެސުވާލެވެ.

"ކޮންތާކުތަ މިގަޑީގަ އޮންނާނީ ވަޒީފާ ގަނޑެއްވެސް ނެތް މީހަކު؟" ޝައިލީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަހުރާވެސްކޮށްލީ ސުވާލެކެވެ. އެއަޑުގައިވަނީ ނިދީގެ އަސަރެވެ.

ދެފިކުރެއްގައިހުރެ ޝައިލީން ފޯނު ބޭއްވިއެވެ. އެއީ އޭނާއަށް ހީވިގޮތްބަވައޭ ހިތަށްއެރިއެވެ. ލޮލަށް ފެނުނު މަންޒަރަށް އޭނާގެ ހިތް ހެކިވިނަމަވެސް، ސިނކުޑި ބުނެދެމުން ދިޔައީ މުޅިން އެހެން ވާހަކަތަކެކެވެ. ޒަހުރާއާއި ޝައިލީން ދިމާވީ މީގެ ދެތިން އަހަރުކުރިންނެވެ. ކޮލެޖްއަށް ކިޔަވަން ދިޔަ ދުވަސްވަރުގައެވެ. ކޯސް ފުރިހަމަ ނުކޮށް ޝައިލީން ވަކި ހިސާބަކުން ނިންމާލި ނަމަވެސް، ޒަހުރާ ކޯސް ފުރިހަމަކުރިއެވެ. ކުލާހުގެ ފަހަތު ގޮނޑިބަރީގައި ތިބެ އުފެދުނު ރަޙުމަތްތެރިކަން މިއަދާ ހަމައަށްވެސް ދެމިގެން ދިޔައީއެވެ. ޒަހުރާއާ ގުޅޭ މާބޮޑު މަޢުލޫމަތެއް ނުއެނގުނަސް، ޝައިލީންގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި އޭނާ ޒަހުރާ ބަލައިގަތީ އިތުބާރާއެކުގައެވެ. ރަނގަޅު ރަހުމަތްތެރިން ހޯދުމަށްވުރެ ބޮޑަށް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ދިމާވި ހުރިހާ ކަމެއް ޙަައްލުކޮށް ހަމަ މަގަށް އަޅުވާނެގޮތެކެވެ. ކުށްވެރިވާ ފަރާތްތަކަށް ޙައްޤު އަދަބު ދޭނެ މަގެވެ.

އޮފީހަށްވަދެ ޖަނާހުގެ ކެބިން ތެރެއަށް ވަދެވުމުން ޝައިލީންއަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެކެވެ. (ނުނިމޭ)