އަޅުގަނޑުމެން ދިވެހީންގެ ގިނަ ބަޔަކު ދަންނަ ޙަދީޘްފުޅެއްގެ ހަނދާން އައު ކޮށްލާނަމެވެ. "ތުއްތު ކުއްޖާ މި ދުނިޔެމައްޗަށް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތްމަތީއެވެ. އެ ކުއްޖާ ޔަހޫދީއަކަށްވެސް ނަޞާރާއަކަށްވެސް މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިން ބަފައިންނެވެ."
ކީރިތި ރަސޫލާގެ މި ޙަދީޘްފުޅަކީ، އަލްބުޚާރީގައި، ﷲ ރުއްސުންލުއްވި އަބޫހުރައިރާގެ އަރިހުން ރިވާވެ، ނަޤުލުކުރެވިފައިވާ ހަދީޘްފުޅެކެވެ. މާނަކުރުމުގައި އަދި ލިޔުމުގައި ކުދިކުދި ފަރަގު އެކި ހަދީޘްފޮތްތަކުގައި ހުރި ނަމަވެސް، މި ޙަދީޘްފުޅުގެ މުޅި ދޭހައަކީ، ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ، ފިޠުރަތުގެ ސާފުގޮތްމަތީގައި، ﷲގެ އެއްކައުވަންތަކަމަށް އީމާންވެ ހެކިވާ ޙާލުގައިކަމެވެ. އެކުއްޖާ ބޮޑުވަމުން އައި ވަރަކަށް އެހެން ދީންތަކާ އެހެން ޢަޤީދާތައް އެކުއްޖާގެ ހިތަށް ވައްދުވައި، އެ ކުއްޖާ ބަދަލުކޮށްލަނީ، މައިންބަފައިން ކަމެވެ.
ކީރިތި ރަސޫލާގެ މި ހަދީޘްފުޅުގެ ތެދުކަން އިނގިރޭސި ވިލާތުގެ މަޝްހޫރު ޢިލްމުވެރިއެއްގެ ދިރާސާކުރުންތަކުން 2008 ވަނަ އަހަރު ވަނީ ކަށަވަރުކޮށްދީފައެވެ. އޮކްސްފޯޑް ޔުނިވާސިޓީގައި، އިންސާނާގެ ވިސްނުމާ، ހެދިބޮޑުވުމުގެ ކަންކަން ދިރާސާކުރެއްވުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރިއެއްކަމުގައިވާ ޑރ. ޖަސްޓިން ބެނެޓް ވަނީ އެތައް ދުވަހެއްގެ ހޯއްދެވުންތަކަށްފަހު، ކުޑަކުއްޖާ ދުނިޔެއަށް އުފަންވާއިރު، ﷲ ގެ އެއްކައުވަންތަކަމަށް ހެކިވާ ކަމަށާ، އެއްވެސް މީހަކު އެކުއްޖާގެ ޢަޤީދާއަށް ބަދަލު ގެންނާނެ ފިކުރެއް އުނގަންނައިނުދޭނަމަ ހެދިބޮޑުވުމުގެ މަރުޙަލާތައް ކަޑައްތުކުރާނީވެސް ﷲގެ އެއްކައުވަންތަކަމަށް ހެކިވެ، އެ އިލާހުގެ ގަދަކީރިތިވަންތަ ޚަލްޤުކުރެއްވުންތަކާމެދު ފިކުރު ހިންގުމުގައިކަން ސާބިތުކޮށްދެއްވާފައެވެ. ޑރ. ބެނެޓް މިހާރުވަނީ އޭނާގެ މި ހޯއްދެވުންތަކުގެ މައްޗަށް ފޮތެއްވެސް ލިޔުއްވާފައެވެ.
ބީބީސީ ރޭޑިއޯއިން، ޑރ. ބެނެޓްގެ ހޯއްދެވުންތަކާ ޙަވާލާދީ ތައްޔާރުކޮށްފައިވާ ޕްރޮގްރާމެއްގައި ބުނެފައިވަނީ، މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ ހޯދިފައިވާ ހޯދުންތަކުން، މި ދުނިޔެ މައްޗަށް ކުޑަކުއްޖާ ލޯހުޅުވާލާ ފުރަތަމަ ފަހަރުއްސުރެ އޭނާގެ ވަށައިގެންވާ ވެއްޓާ، ކަންކަން ހިނގާގޮތާ، އިލާހީ ޚަލްޤުކުރެއްވުންތަކުގެ މައްޗަށް ވިސްނަން ފަށާކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވަރސިޓީގެ ފެރަޑޭ އިންސްޓިޓިއުޓްގައި ދެއްވި ތަޤްރީރެއްގައި، އެކި ކުޑަކުދީންނާ ކުރެއްވި ސުވާލުތަކާ، އެ ސުވާލުތަކަށް ލިބުނު ޖަވާބުތަކުން ކަށަވަރުވި ކަންކަމުގެ މައްޗަށް ޑރ. ބެނެޓް ވާހަކަފުޅު ދައްކަވާފައިވެއެވެ. ޑރ. ބެނެޓް ވިދާޅުވާ ގޮތުގައި، ހައަރު ހަތްއަހަރުގެ ކުދީންގެ ގާތުގައި، ދޫންޏެއް ދެއްކުމަށްފަހު، އެސޮރު އުފެއްދެވި ސަބަބާމެދު ސުވާލުކުރުމުން، އެއީ ރީތި އަޑުތަކުން ގޮވުމަށާ، މި ދުނިޔެ ހިތްގައިމު ތަނެއްގެ ގޮތުގައި ފުރިހަމަކުރެއްވުމަށްކަމަށް ބުނެއެވެ. ތުއްތު ކުއްޖާގެ ޢުމުރުން 12 މަހުގައިވެސް ﷲ ގެ އުފެއްދެވުންތަކާ އަދި އިންސާނުން އަމިއްލައަށް އުފައްދައިގެން އުޅޭ ތަކެތީގެ ފަރަގާމެދު ވިސްނައެވެ. ޢުމުރުން 4 އަހަރުގެ ކުދީން، އެއްޗެއް ފެންނައިރަށް އެއީ ﷲގެ އުފެއްދެވުމެއްތޯ، ނުވަތަ އިންސާނުން އަތުން ހަދާފައިވާ އާލާތެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއްތޯ ދެނެގަނެ، ސިކުނޑީގައި ގޮތެއް ކަނޑައަޅައެވެ. މިސާލަކަށް މި ޢުމުރުގެ ކުއްޖަކަށް ލަކުޑި ގޮނޑިއެއް ފެނުމުން، އެ ގޮނޑި ޖަހަން ބޭނުންކުރި ލަކުޑި ހޯދީ ކޮން ތަނަކުންތޯ، އެ ލަކުޑި ހޯދި ގަސް ހެއްދެވީ ކޮން ފަރާތަކުންތޯ، މި ހުރިހައި ކަމެއްގެ މައްޗަށް ސުވާލު އުފައްދައި، ޖަވާބުތައް ދެނެގަނެއެވެ.
ޑރ. ބެނެޓް ވިދާޅުވާގޮތުގައި، އީމާންކަމުގެ ފިލާވަޅަކީ ކުއްޖާއަށް ފަހުން ދަސްކޮށްދޭ އެއްޗެއް ނޫނެވެ. އެ ފިލާވަޅު ކުއްޖާ އުފަންވާއިރުވެސް ސިކުނޑިވަނީ ދެނެގެންފައެވެ. އަހަރެމެން ކުރާ ކަމަކީ ކުއްޖާ ބޮޑުވި ވަރަކަށް އަހަރެމެން ބޭނުންވާ އުނި އިތުރު އެ ފިލާވަޅަށް ގެނަސް އަހަރެމެން ޤަބޫލުކުރާ ގޮތްތައް ކުއްޖާއަށް ވިސްނައިދިނުމެވެ.
" ތުއްތު ކުއްޖަކު އަމިއްލައަށް ބޮޑުވާން ފަޅު ރަށަކަށް ދޫކޮށްލައިފިނަމަ، އެ ކުއްޖާ އަމިއްލައަށް ކަންކަން ބަލައި ވިސްނައި، މިހުރިހާކަމަކާ ތަކެއްޗެއްގެ ވެރި ފަރާތަކީ ﷲ ކަން ޔަޤީންކުރާނެ " ޑރ. ބެނެޓް އޭނާގެ ތަޤްރީރުތަކުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގެ ފަތްފުށްތަކަށް ބަލާއިރު، ﷲގެ އެއްކައުވަންތަކަމުގެ ވާހަކަ ދައްކާނޭ އެއްވެސް މީހަކު ނެތި، ބުދަށް އަޅުކަންކުރުމާއިގެން މަޝްޣޫލުވެފައިވާ ސަހަރެއްގައި ﷲ ރުއްސުންލެއްވި އިބްރާހީމް ޢަލައިހިއްސަލާމް ބޮޑުފުޅުވަމުން އައިއިރު، އެކަލޭގެފާނު ހެއްދެވި އެއްކައުވަންތަ ފަރާތަކީ ކޮބައިތޯ ސުވާލު އުފައްދަވައި ވަށައިގެންވާ ކައުނަށް ބެއްލެވިއެވެ. ތަރިއާ ހަނދާ އިރުވެސް އެއީ ކަލާނގެ ކަމުގައި އެކަލޭގެފާނު ހީފުޅުކުރެއްވިއެވެ. ނަމަވެސް އެންމެފަހުން، މުޅި ކައުނު އުފެއްދެވި ޚާލިޤުވަންތަ އިލާހުގެ އެއްކައުވަންތަކަމާ ހަމަޔަށް އެކަލޭގެފާނުގެ ވިސްނުންފުޅު ދަތުރުކުރިއެވެ. މިވާހަކަތައް ކީރިތި ޤުރުއާނުގެ އަންޢާމު ސޫރަތުގެ 74 ވަނަ އާޔަތުން 83 ވަނަ އާޔަތަށް ވަރަށް ތަފްޞީލުކޮށް ބަޔާންވެފައި އެވަނީއެވެ.
ކީރިތި ޤުރުއާނުގެ އަޢުރާފް ސޫރަތުގެ 172 ވަނަ އާޔަތުން އެނގި ކަށަވަރުވާގޮތުގައި، އެންމެހައި އާދަމުގެ ދަރީންގެ ފުރާނަތައްވަނީ ﷲގެ އެއްކައުވަންތަކަމަށް ހެކިވެ އެ ކަލާނގެ ޙަޟްރަތުގައި އެކަމުގެ މައްޗަށް ޢަހުދު ކަށަވަރު ހިފައިފައެވެ. ކޮންމެ އިންސާނަކު ދުނިޔެ މައްޗަށް އަންނަނީ މި ޢަހުދުގެ މަތީގައި ހުރެއެވެ. މިއަދު އެ ޢަހުދުގެ މަތީން އަޅުގަނޑުމެން ޣާފިލުވެފައި ތިއްބަސް، ޤިޔާމަތްދުވަހު އެ ޢަހުދާމެދު އަޅުގަނޑުމެންނާ ސުވާލު ވެވޭނެއެވެ.
މާތްﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. (( وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ )) މާނައީ : " އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އާދަމުގެ ދަރީންގެ ކިބައިން، އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި، އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވި ހިނދު ހަނދުމަކުރާށެވެ! ( އެކަލާނގެ ވަޙީ ކުރެއްވިއެވެ. ) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ކަމުގައި، ތިމަން ރަސްކަލާނގެ ވޮޑިގެން ނުވަން ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. ( އިބަ ރަސްކަލާނގެއީ، އަޅަމެންގެ ވެރި ރަސްކަލާނގެއެވެ. ) އެކަމަށް އަޅަމެން ހެކި ވެއްޖައީމުއެވެ. ( އެކަން އެހެންވީ ) މިކަމާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން ތިމަންމެން ވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. "
ޒަމާންތަކަށް ދެމިގެންދާ މިފަދަ ކޮންމެ ޢިލްމީ ހޯދުމެއްގެ ނިމުން އަންނަނީވެސް ކީރިތި ޤުރުއާނާ މާތްނަބިއްޔާގެ ބަސްފުޅުތަކުގެ ތެދުކަން ހާމަކޮށްދެމުންނެވެ. ﷲގެ އެއްކައުވަންތަކަމާ، އިސްލާމްދީނުގެ މޫރިތިކަން ކަށަވަރުކޮށްދެމުންނެވެ.