މިއަދު އެހާ ވަރު ބަލިއްޔާ ރޯދ ވީއްލާ ގަޑިއަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ބުއިމެއް ތައްޔާރުކޮށްލަން އުޅޭށެވެ. އެހާ ވަރު ބަލިކޮށް ހުރެ ބުރަކޮށް އުޅެގެން އެއްޗެއް ހަދާނެ ކަމެއް ނެތެވެ. މިއަދު ހަދާނީ ވެނީލާ ފްލޯޓެވެ. ލުއިކޮށް ފަސޭހައިން ތައްޔާރު ކޮށްލެވޭއިރު ހަރަދެއް މާ ބޮޑު ނުދާނެ އެވެ. އެހާ މީރުވެސް ވާނެ އެވެ. ތައްޔާރުކޮށްލަން ފަސް މިނެޓް ވެސް ބޭނުމެއް ނުވާނެ އެވެ.
ފްރިޖުގައި ހުރިތޯ ބަލާބަލަ؟
ފުރިޖްގެ ތެރޭގައި ހުރިއްޔާ އިތުރަށް ގަންނަން ހަދާނެ ކަމެއް ނެތެވެ. ފިނިކޮށްފައި ހުރި ދަޅު އައިސް ކްރީމް ސޮޑާ ދަޅެއް ހޯދާލާށެވެ.
ދެން ސްކޫޕެއް ނޫނީ އެއަށްވުރެ ގިނައިން ވެނީލާ އައިސްކްރީމް ހޯދާށެވެ.
މިހިރީ ރެޑީވެފަ
ތައްޓަކަށް އައިސް ކްރީމް ސޮޑާ ދަޅުގެ އެއްބައި އަޅާފައި މައްޗަށް އައިސްކްރީމް ސްކޫޕް ލާފައި ވިރެން ފެށުމުން ދަޅާއި އެއްކޮށް ސާވް ކުރާށެވެ. އޭގެ ކުރިޔަށް ފްލޯޓްގެ މައްޗަށް ކަނަމަދު ނޫނީ އާލްމޮންޑް ކޮޅެއް އުކާލާށެވެ. ބޭނުން ކުރުމުން ހީވާނީ ހަށިގަނޑުގެ ވަރުބަލިކަން ވެސް ނެއްޓި ވިރިގެންދާހެނެވެ. ވަރަށް މީރުވާނެ އެވެ. ވަރަށް ބޮޑަށް މީހާ ބަދަލުކޮށްލާ ތާޒާކޮށްލާނެ އެވެ. މޫޑު އައިސް މީހާ އުފާވެރި ކޮށްލާނެ އެވެ. އަޅެ މިއަދު ޓްރައިކޮށްލަންވީ ނޫންހެއްޔެވެ؟