މުސްލިމުންނަށް އެމެރިކާ ބަންދުވެ މަނާ ކުރަންޖެހޭ ކަމަށް ވިދާޅުވެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގައި މުސްލިމުން މަނާ ކުރުމަށް ނުވަތަ މުސްލިމުންނަށް ކަންކަން މަނާ ކުރަން ޓަރަމްޕް ގެންގުޅުއްވާ ސިޔާސަތަކީ އެމެރިކާގެ ހަގީގީ ސިފައެއް ނޫނަ ކަމަށެވެ. އޮބާމާ އަދި ވިދާޅުވީ މުސްލިމުންނާ މެދު ވަކި ގޮތަކަށް ކަންކަން ކުރުމާއި، މުސްލިމުން އެކަހެރިކޮށް ކަންކަމުގައި ހުޅަނގުގެ މީހުން އިސް ކުރުމަކީ އެމެރިކާއަށް ވަކި ސަލާމަތްތެރިކަން ބޮޑުވާނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެމެން އެމެރިކާ މީހުން ދެކެން ބޭނުންވާ އެމެރިކާގެ ސިފައެއް ނޫން އެއީއަކީ،" އޮބާމާ ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ އޮލާންޑޯގައި ހުންނަ ނައިޓް ކުލަބަކަށް ދިން ހަމަލާއާ ގުޅިގެން ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ، އޭނާ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފިނަމަ، މުސްލިމުން މަނާ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މުސްލިމުންނަށް އެމެރިކާއަށް ވަނުމަށް ހުރަސް އަޅާނެ ކަމަށެވެ.
އެވާހަކަ އަށް އިޝާރާތް ކުރައްވާ އޮބާމާ ވިދާޅުވީ އޮލާންޑޯއަށް ހަމަލާ ދިނީ އެމެރިކާއިން ބޭރު ބައެއް ނޫން ކަމަށާއި އެއީ އެމެރިކާގެ އެތެރެއިން ރޭވިގެން އައި، އެމެރިކާގެ ރައްޔިތަކު ދިން ހަމަލާއެއް ކަމަށެވެ.
"އެމެރިކާގެ ހުރިހާ މުސްލިމުންނާ މެދު އަހަރެމެން ތަފާތުކޮށް ކަންތައް ކުރަންވީތަ؟ ވަކި ދީނެއް ގަބޫލު ކުރާތީ އެބަޔަކާ މެދު ތަފާތު ކުރުން ގެންގުޅެންވީތަ؟" އެމެރިކާގެ މަރުކަޒީ ބޭންކުގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވިއެވެ.
އޮބާމާ އާއި ޓްރަމްޕްކީ މީގެ ކުރިންވެސް ސިޔާސީ ގޮތުން ބަހުގެ ހަމަލާތައް ބަދަލު ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އެގޮތުން 2011 ވަނަ އަހަރު ޓަރްމަޕް ވަނީ އޮބާމާއަކީ އެމެރިކާގެ ރައީސްކަން ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
ޓްރަމްޕް އޭރު ވިދާޅުވީ އޮބާމާ އުޅުއްވަނީ އުފަންދުވަހުގެ ސެޓްފިކެޓް އޮޅުވާލައިގެން ކަމަށާއި، އޮބާމާއަކީ އެމެރިކާއަށް އުފަން ބޭފުޅެއް ނޫން ކަމަށެވެ. އެމެރިކާގެ ގާނުނު ބުނާ ގޮތުން އެމެރިކާއަށް އުފަން ނޫން މީހަކަށް އެމެރިކާގެ ރައީސްކަމެއް ނުކުރެއްވޭނެ އެވެ.