ސީބީއެމް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާތަކަށް ދިވެހިން ހޯދަނީ

  • ފަށާއިރުވެސް 25 ވަޒީފާ
  • ހަތް އަހަރުތެރޭ އެންމެ އިސްކޮށް ތިބޭނީ ދިވެހިން
  • ސީބީއެމް ފަށަނީ ސެޕްޓެމްބަރު މަހު

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ސެޕްޓެމްބަރު މަހު ފަށަންވާއިރަށް ބޭންކުގެ ވަޒީފާތަކަށް ދިވެހިން ހޯދަން ފަށައިފި އެވެ.

ޗަމްޕާ ބްރަދާސްގެ ބޮޑު ހިއްސާއެއް އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓްގެ 45 ޕަސެންޓާއި ކޮމާޝަލް ބޭންކް އޮފް ސިލޯންގެ 55 ޕަސެންޓް ހިއްސާއާއެކު އުފައްދާ، ސީބީއެމް އިން ވަނީ ވަޒީފާތަކަށް ދިވެހިން ހޯދުމުގެ ގޮތުން "އަވަސް އިއުލާނު" މެދުވެރިކޮށް ވެސް މީހުން ހޯދަން ފަށާފަ އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ބޭންކުގެ ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވީ ބޭންކް ފަށާއިރު ވެސް ގިނަ އަދަދެއްގެ ދިވެހިން ބޭނުންވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ފަށާއިރު ވެސް އެންމެ ފުރަތަމަ 25 މީހުން ބޭނުންވޭ. މި 25 މީހުންގެ ތެރެއިން ބޭންކް ފަށާއިރު ފުރަތަމަ ސީނިއާ މެނޭޖުމަންޓުގައި ތިބޭނީ ސްރީލަންކާ މީހުން. އެކަމަކު ހުރިހާ ޖޫނިއަ ވަޒީފާތަކުގައި ތިބޭނީ ހުސް ދިވެހިން،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން ގެނެސް ތަމްރީން ދޭނެ ކަމަށާއި، އަދި މަގުސަދަކީ 5-7 އަހަރު ތެރޭގައި ސީނިޔަ ވަޒީފާތަކުގައި ތިބި ބިދޭސީންގެ ބަދަލުގައި ދިވެހިން ތިބުން ކަމަށެވެ.

"އަސްލު މިހާރު ވެސް 15 ސްކޫލް ލީވާސް ނޫނީ ޑިގްރީ މީހުން ހަދައިގެން ތިބި މީހުން ވެސް ބޭނުންވޭ،" އާދަމް ވިދާޅުވި އެވެ.

ސީބީއެމް ފަށަން ތައްޔާރު ވަމުންދާއިރު، މި ބޭންކުން ދޭ ހިދުމަތްތައް ބިނާވެފައިވާނީ ޓެކްނޮލޮޖީގެ މައްޗަށް ކަމަށް އާދަމް ވިދާޅުވި އެވެ. އަދި މި ބޭންކުން ކުދި އަދި މެދު ވިޔަފާރިތަކަށް ހާއްސަ ލޯނުތަކެއް ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.