ހަބަރު

އިންތިހާބަށް ދާން އިންތިގާލީ ސަރުކާރެއް ބޭނުންވޭ: އިދިކޮޅު އިއްތިހާދު

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބު ހަމަހަމަ އިންސާފުވެރި އިންތިހާބަކަށް ހަދަން އިންތިގާލީ ސަރުކާރެއް އުފައްދަންޖެހޭ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އެކުލަވާލި ޔުނައިޓެޑް އޮޕޮޒިޝަން ކޯލިޝަން އިން ބުނެފި އެވެ.

ޔުނައިޓެޑް އޮޕޮޒިޝަން ކޯލިޝަންގެ ފަރާތުން އިއްޔެ ބޭއްވި ބައްދަލުވުމެއްގެ ހަވާސާގައި "އޭބީސީ ނިއުސް" އާ ވާހަކަ ދައްކަވަމުން އެ ކޯލިޝަންގެ މެންބަރު އަހުމަދު ނަސީމް ވިދާޅުވީ، އިންތިގާލީ ސަރުކާރެއް މުހިއްމު ވަނީ ރާއްޖޭގެ މަސްލަހަތު ދަމަހައްޓައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އެއީ 2018 އިގެ އިންތިހާބަކީ ހަމަހަމަ އިންސާފުވެރި އިންތިހާބަކަށް ހަދަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ޔުނައިޓެޑް އޮޕޮޒިޝަން އުފެދުނީ ރާއްޖޭގައި މިހާރު އޮތް ވެރިކަން ނިންމުމަކަށް ގެންނަން ގާނޫނާއި ގަވާއިދު ތަކާއި ހަމަތަކުގެ ތެރެއިން ގުޅިގެން މަސައްކަތްތަކެއް ކުރަން އަދިި ހަމަ ޖެހޭ އުސޫލުތަކެއްގެ ތެރޭގައި ގާއިމްވެފައިވާ ހިންގުމުގެ ނިޒާމަކަށް މަގު ކޮށުމަށް،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގެ އިލެކްޝަން ކޮމިޝަނަކީ ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައަކަށް ބަދަލުވެފައިވާ ކަމަށާ އެ ކޮމިޝަން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ސިޔާސީ މީހުނާއެކުގައި ކަމަށެވެ.

"އިލެކްޝަން ކޮމިޝަން މިހާރު އެވަނީ އިލެކްޓްރޯނިކް ވޯޓިން ރާއްޖެއަށް ތައާރަފްކޮށް ވޯޓުލުމުގެ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލަން ވެސް ތައްޔާރުވެފައި،" ނަސީމް ވިދާޅުވި އެވެ.