ސައުދީ ރަސްގެފާނު ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފަސްޓް ލޭޑީ، ފާތިމަތު އިބްރާހިމްގެ ޖަމިއްޔާއިން ބެއްސެވުމަކީ މައްސަލައެއް ނޫން ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން މިހެން ބުނެފައިމިވަނީ ސައުދީ ރަސްގެފާނު ހަދިޔާކުރެއްވި ކަދުރުތައް މެޑަމްގެ ސަދަގާތް ފައުންޑޭޝަނުންގެ ނަމުގައި ބަހަމުންދާ މައްސަލަ ފެންމަތިކޮށްފައި ވަނިކޮށެވެ.
ފޮރިން މިނިސްޓްރީން ވެސް އާންމުކޮށްފައިވާ ސައުދީ އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ، ސައުދީ ރަސްގެފާނު ރާއްޖެއަށް ކަދުރު ހަދިޔާކުރުމުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ރަމުޒުކޮށްދޭ ކަމަށާއި އެ ކަދުރުގެ މައްސަލަ ބޮޑުވެފައިވާތީ ހިތާމަކުރާ ކަމަށާއި ސައުދީ އެމްބަސީން ބުނީ، މެޑަމް ފާތުންގެ ޖަމިއްޔާއިން އެ ކަދުރުތައް ބައްސަވަމުން ގެންދަވާތީ އުފާކުރައްވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މެޑަމް ފާތުންނަކީ ފާގީރުންނާއި މިސްކީނުންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކޮށްދިނުމުގައި އަމިއްލަ އިސް ނެންގެވުމާއެކު އަވަދިނެތި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ކަދުރުތައް މެޑަމް ބެއްސެވުމަކީ އެއްވެސް މައްސަލައެއް އޭގައި އޮތް ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ކަދުރު ބެއްސެވުމުގައި މެޑަމް އިސްނަންގަވައިގެން ކުރައްވާ މަސައްކަތަށް ޝުކުރު ވެސް ސައުދީ އެމްބަސީން ވަނީ އަދާކޮށްފަ އެވެ. އަދި ކަދުރުގެ މައްސަލަ ބޮޑުނުކުރުމަށް ވެސް އެ އެމްބަސީން ވަނީ އެދިފަ އެވެ.
ސައުދީ ސަރުކާރުން 50 ޓަނު ކަދުރު ރާއްޖެއަށް ހަދިޔާކުރިއިރު އޭގެ ތެރެއިން 10 ޓަނު ކަދުރު ރައީސް ޔާމީން ކެމްޕޭނު އޮފީހުގައި ހުރެ ކަމަށް ބުނެ އެވެ.