ރާއްޖެ ކުޅިވަރު

ނިއު، ވަރުގަދަ ވެލެންސިއާ ހިފަހައްޓައިފި

މޮޅު ކުޅުންތެރިންތަކަކާއެކު ނުކުތް ވެލެންސިއާ މޮޅުވިޔަ ނުދީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ މެޗު 1-1 އިން މިރޭ އެއްވަރުކޮށްފި އެވެ.

މި މެޗުގެ ވެލެންސިއާ ލަނޑު ޖަހައި އެއްވަރުކުރަންދެން ރަނގަޅަށް ކުޅުނީ ވެސް ކުރީ ހަތަރު އަހަރާ ހިލާފަށް އާދައިގެ ޓީމެއް އޮތް ނިއު އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ޖާފުގެ 40 ވަނަ މިނިޓްގައި އަހުމަދު ސުހައިލް (ބަންބުޗް) އެވެ. އޭނާ މި ލަނޑު ޖެހީ ވެލެންސިއާގެ ފަހަތާއި ކީޕަރުގެ ހެދި ބޮޑު މިސްޓޭކަކުންނެވެ.

ލީޑު ލިބުމުން ނިއުއިން ވަރަށް ބޮޑަށް ލަސްކުރަމުންދިޔަ މެޗުގައި ވެލެންސިއާ އަށް އެއްވަރުކޮށްދިނީ 87 ވަނަ މިނިޓްގައި ހަސަން އަދުހަމް (ސަޑޭ) އެވެ. އޭނާ މި ލަނޑު ޖެހީ ފަހުހާފުގައި ކުޅެން ނުކުތް ފުހައިދް ތަނަވަސްކޮށްދިްނ ފުރުސަތެއްގަ އެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ނުކުޅެހުރި ސަޑޭ އަކީ މި މެޗުގައި ވެލެންސިއާއިން އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އޭނާ ޖެހި ނުރައްކާތެރި ދެ ބޯޅައެއް ސަލާމަތްވީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މި މެޗުގައި ފަހަރގު ބޮޑުކުރަން ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަބުދުﷲ ހަނީފް (ބެންޖޯ) އަށް ވެސް ހުސް ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

މެޗު އެއްވަރުވުމުން ހަތަރު މެޗުން މިހާތަނަށް ވެލެންސިއާ އާއި ނިއު އަށް ވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ޓޭބަލުގެ އެއްވަނާގައިވަނީ 12 ޕޮއިންޓާއެކު މާޒިޔާ އެވެ.