ދިވެހި ޕްރެމިއާ ލީގް

ވެލެންސިއާއިން ނިއު ހައިރާންކޮށްލައިފި

ފުރަތަމަ ހަތަރު މިނިޓްތެރޭގައި ޖެހި ތިން ގޯލާއެކު އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއުރޭޑިއަންޓް 4-2އިން ބަލިކޮށް ވެލެންސިއާ ހަމަޖެހިލައިފި އެވެ.

ޓޭބަލުގެ އެއްވަނާގައި އޮތް ނިއު ބަލިވުމުން މިރޭ މަހިބަދޫ އަތުން ޓީސީ ބަލިވެއްޖެނަމަ ލީގުގައި ނިއު އަށް އޮތް ލީޑު ދެ ޕޮއިންޓަށް ހަނިވާނެ އެވެ.

މި މެޗުން މޮޅުވުމުން ވެލެންސިއާ ވަނަ ޕޮއިންޓާއެކު ޓޭބަލުގެ ހަ ވަނާގަ އެވެ. ނިއު އެއްވަނާގައި އޮތީ 23 ޕޮއިންޓާއެކުގަ އެވެ. އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގައި އޮތް މަހިބަދޫއާ ދެކޮޅަށް ނުކުންނައިރު ޓީސީ އޮތީ 18 ޕޮއިންޓާއެކުގަ އެވެ.

މިއަދުގެ މެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ 11 ވަނަ މިނިޓްގައި އަހުމަދު ރިލްވާން އެވެ. އެގެ ތިން މިނިޓް ފަހުން އޭނާ ދެ ވަނަ ލަނޑު ޖެހީ ނިއުގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުނު ބޯޅަ ހޯދައިގެންނެވެ. އަދި ވެލެންސިއާގެ ތިން ވަނަ ލަނޑު 18 ވަނަ މިނިޓްގައި ބަލްގޭރިޔާގެ ފޯވަޑް ވަލްޑިސްލާވް މިރްޗޭވް ޖެހީ ނިއުގެ ކީޕަރު އަލީޝާގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ވެލެންސިއާ ތިން ލަނޑު ޖެހި ފަހުން ނިއުގެ ފުރަތަމަ ލަނޑު ޖެހީ 25 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. އަދި މެޗުގެ 87 ވަނަ މިނިޓްގައި ނިއުގެ ދެ ވަނަ ލަނޑު ޖެހީ ވެލެންސިއާގެ ޑިފެންޑަރުން ހެދި މިސްޓޭކެއްގައި ގޯލް އޭރިޔާތެރެއިން ބޯޅަ ލިބުމުން އަލީ ފާސިރު (ސެންޓޭ) އެވެ. އެކަމަކު އޭނާގެ މި ގޯލަށް ފެހު މެދުރޮނދުން ކުޅުން ފެށި ބޯޅަ ނިއުގެ ޕެނަލްޓީއޭރިޔާތެރެއިން ހުސްކޮށް ލިބުމުން މިރްޗޭވް ގޯލަށް ފޮނުވާލީ ނިއުގެ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތުނުދީ އެވެ.

މި މެޗުގެ ފަހުހާފުގައި ވެލެންސިއާގެ މަޒްހަރު އަބުދުﷲގެ ކަނާތު އުޅަބޮއްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނ ދަނޑުން ބާލައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މެޗަށް ފަހު ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ނިއުއަތުން ލިބުނު މޮޅަކީ ލީގުގައި ކުރިއަށްދާން ލިބުނު ވަރަށް މުހިންމު މޮޅެއް ކަމަށެވެ.

"ނިއުއަކީ ލީގު ޗެމްޕިއަންކަމަށް ވާދަކުރާ ޓީމެއް. އެމީހުންނަށް މިމެޗުގެ ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް. އެހެންވީމަ ނިއު ބަލިކޮށް ލިބުނު ލިބުނު މޮޅަކީ ވަރަށް މުހިންމު މޮޅެއް،" ޝިބާއު ބުންޏެވެ.

އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އަދި ބިދޭސީ މިޑްފީލްޑަރު ވިލިއަމް މަކޯ ނެތި ކުޅުނު ނިއުގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނީ ވެލެންސިއާ ފުރަތަމަ 18 މިނިޓްގައި ތިން ލަނޑު ޖެހުމުން އޭނާގެ ޓީމަށް ލިބުނ ޝޮކެއް ކަމަށެވެ. އަދި ބަލިވުމުގެ ޒިންމާނަގާނީ އޭނާ ކަމަށެވެ.