ރޯދަ މަހާ ރޯއްޖާ

އެންމެ ދުވަސްވީ ޔުނިވަސިޓީ: މުސްލިމް އަންހެނެއްގެ އިންސާނީ ހިދުމަތެއް

ޔޫރަޕްގެ މަޢުލޫމާތު ފަތުރާ ބައެއް ވަސީލަތްތަކުން ދަޢުވާކުރަނީ ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވާސިޓީއަކީ އިޓަލީ ވިލާތުގެ ޔުނިވަރސިޓީ އޮފް ބޮލޯނިއާ ކަމަށެވެ. ނަމަވެސް މީލާދީން 1088 ވަނަ އަހަރު އުފެދުނުކަމަށް ބުނާ މި ޔުނިވަރސިޓީއަށް ވުރެ 229 އަހަރު ކުރީން، މީލާދީން 859 ވަނަ އަހަރު މޮރޮކޯގެ ފާސް ގައި ވިސްނުންތެރި މުސްލިމް އަންހެނަކު ވަނީ ދުނިޔޭގައި މިހާރު ހިނގަމުންދާ އެންމެ ދުވަސްވީ ޔުނިވަރސިޓީ ބިނާކޮށްފައެވެ. އެއީ މޮރޮކޯގެ ޤަރަވިއްޔީން ޔުނިވަރސިޓީއެވެ. ދުނިޔޭގެ ރެކޯޑްފޮތުގައި އަދި ޔުނެސްކޯއިން ފާހަގަކުރާ އެންމެ ޒަމާންވީ ޔުނިވަރސިޓީގެ ގޮތުގައިވެސް އިސްލާމީ ތަޢުލީމު ފަތުރާ މި ހިޔާވަހީގެ ނަންވަނީ ރެކޯޑްކުރެވި، މުޅި އިސްލާމީ އުންމަތަށް ޝަރަފަކަށް ވެފައެވެ.

ޤަރަވިއްޔީން ޔުނިވަރސިޓީގެ ޢުމުރުން މިހާރު 1157 އަހަރު މީލާދީގޮތުން ހަމަވެއްޖެއެވެ. ތަޢުލީމް ފެތުރުމުގައި 12 ޤަރުނުވެފައިވާ މި އިސްލާމީ ބިނާ އިންސާނިއްޔަތަށްޓަކައި ހަދިޔާކުރީ ފާޠިމާ ބިންތު މުޙައްމަދު އަލްފިހްރީއެވެ. ފާޠިމަތަކީ ވަރަށް ޅަ ޢުމުރުއްސުރެވެސް ޢިލްމަށް ލޯބިކުރި އަންހެންކުއްޖެކެވެ. ޙަޔާތުގައި ކަން ދިމާކުރިގޮތުން ފާޠިމަތުގެ ޒުވާން ޢުމުރުގައި ބައްޕައާ ފިރިމީހާއާ ބޭބެވެސް މި ދުނިޔެ ދޫކުރިއެވެ.

ބައްޕައަކީ މުޅި އެ ސަރަޙައްދުގައިވެސް ނަންހިނގާ ވިޔަފާރި ވެރިއެއްކަމުން، ބައްޕަ ނެތް ދުނިޔޭގައި ބައްޕަގެ މުދާ ވާރުތަކުރަން ތިބީ ފާޠިމަތާ، އަދި ފާޠިމަތުގެ ކޮއިކަމަނާ މަރިޔަމްއެވެ. މި ދެބޭންގެ ވިސްނުމަކަށްވީވެސް ބައްޕަގެ ވިޔަފާރީން ވާރިތަކުރި މުދަލުން އިސްލާމްދީނާ މުޅި އިންސާނިއްޔަތަށްޓަކައި ﷲގެ މަގުގައި ދެމިހުންނަނިވި ހޭދައެއް ކުރުމެވެ.

ފާޠިމަތަށް ފެނުނީ އޭނާ ދިރިއުޅޭރަށުގައި ހުރި މަސްޖިދުލް ޤަރަވިއްޔީން ކިޔާ މިސްކިތެވެ. އެ މިސްކިތުގެ ޖާގަދަތިކަމާ މަރާމާތަށް ބޭނުންވެފައިވާ މިންވަރުގެ ބޮޑުކަމާއެކު، ބައްޕަގެ ހަނދާނުގައި އަދި ދެމިހުންނަނިވި ޞަދަޤާތެއްގެ ގޮތުގައި މި މިސްކިތުގެ ބިނާ އައުކުރުމަށް ފާޠިމަތު ޢަޒުމު ކަނޑައެޅިއެވެ. މިސްކިތުގެ ޖާގަ ބޮޑުކުރުމަށް އެތާނގެ ވަށައިގެން ބިން ގަތެވެ. އަދި ފާޠިމަތުގެ ސީދާ ބެލުމުގެ ދަށުން ޖާގަ ބޮޑު، ރީތި، އަދި އެ ޒަމާނުގެ އިންޖިނޭރިންއާ ރީތި ޑިޒައިންތައް ހިމެނޭ ނަންހުރި ބިނާއެއްގެ ގޮތުގައި މި މިސްކިތް އަލުން ބިނާކުރިއެވެ. މިކަމަށްޓަކައި ފާޠިމަތުގެ މުޅި ތަނަވަސްކަން ހުސްކޮށްލިއެވެ.

މިސްކިތް ބިނާކުރުން ފެށުނީއްސުރެ ނިމެންދެން ކޮންމެ ދުވަހަކު ފާޠިމަތު ހުރީ ރޯދައަށެވެ. އެއީ ﷲގެ ޙަޟްރަތަށް އިބްތިހާލުވެ، އެ މަސައްކަތުގައި ބަރަކާތްލައްވައި ކާމިޔާބަށް އެދި ދުޢާކުރުމަށެވެ. މިސްކިތް މުޅީން ފުރިހަމަވެ ނިމުމުން، މި އިޚްލާޞްތެރި މަސައްކަތް ކާމިޔާބުވީކަމުގެ މައްޗަށް އުފާކޮށް މިސްކިތުގައި ﷲގެ ހަޟްރަތަށް ޝުކުރުކޮށް ފާޠިމަތު ސަޖިދަކުރިއެވެ.

ފާޠިމަތުގެ ވިސްނުމަކަށްވީ، ނަމާދު ޤާއިމްކުރުމާ އަޅުކަންކުރުމުގެ އިތުރުން، ދީނީ މަޢުލޫމާތު ފަތުރާ، މީސްތަކުންނަށް ފައިދާހުރި ޢިލްމުތައް ކިޔަވައިދޭނޭ ބޮދު ސަރަޙައްދެއް އެ މިސްކިތުގެ ޢިމާރާތްތެރޭގައި އޮތުމެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީގެ ގޮތުގައި 'ޖާމިޢަތުލް ޤަރަވިއްޔީން' އުފެއްދީ ފާޠިމަތުގެ މި ދުރުވިސްނޭ ޕްލޭންގެ ދަށުންނެވެ.

މިއީ ޢިލްމު ފެތުރުމާ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި މުސްލިމް އަންހެންދަރީންގެ ދައުރު އޮންނާންވީ ގޮތުގެ ދިރިހުރި މިސާލެކެވެ. މިއަދުވެސް މޮރޮކޯގެ ފާސްގައި ދީނީ އަދި ދުނިޔަވީ ތަޢުލީމުގެ އެތައް ފެކަލްޓީއަކާއެކު 1157 އަހަރުވީ ޤަރަވިއްޔީން ޔުނިވާސިޓީ ދަނީ ހިނގަމުންނެވެ. މިވީ ދިގުމުއްދަތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅަކުން އެ ޔުނިވަރސީޓީއަށް ކިޔަވާކުދީން ވަނީ ޖަމާވެފައެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައި އެ ޔުނިވަރސީޓީގެ ދަސްވެނީންވަނީ ޢިލްމީ ޚިދުމަތްތަކެއް ކޮށްދީފައެވެ.