އަޒްލިފް ރައޫފު

އަޒްލިފް މަރުވިކަން ކަށަވަރެއް ނުކުރެވޭ: ޑިފެންސް މިނިސްޓަރު

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ އަޒްލިފް ރައޫފު، ހަނގުރާމައަށް ގޮސް މަރުވެފައިވާކަން ކަށަވަރުވެފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ހަނގުރާމައަށް އަޒްލިފް ސީރިއަށް ދިޔަ ކަމަށް ބުނަނީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. ސީރިއާއަށް ދިޔައިރު އޮޅުވާލައިގެން އޭނާގެ އަންހެނުންނާއި އެއް އަހަރުގެ ފިރިހެން ދަރިފުޅާއި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ގެންދަން މަސައްކަތް ކުރި ކަމަށް ވެސް ވެއެވެ.
އަޒްލިފު މަރުވި ނަމަވެސް އޭނާ މަރުވީ ކިހިނެއް ކޮން ކަހަލަ ހަމަލާއެއްގައި ކަމެއްގައި ކަމެއް އަދި ވެސް ސާފެއް ނުވެ އެވެ. ހަމައެކަނި ސޯޝަލް މީޑިއާގައި އުޅެނީ އަޒްލިފް މަރުވެފައިވާކަމަށް ބުނާ ފޮޓޯތަކެކެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ވެސް ފޮނުވާފަ އެވެ. ނަމަވެސް އޭރު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާކޮށްފައެއް ނުވެ އެވެ. އަފްރާޝީމް މައްސަލާގެ އިތުރުން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އަޒްލިފަށް ތުހުމަތުތަކެއް ކުރެ އެވެ.

އަޒްލިފް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންތަކެއް ހަނގުރާމައަށް ގޮސް، މަރުވެފައިވާކަމަށް ބުނި ނަމަވެސް އަދި ބެލިބެލުމުން އެމީހުން މަރުވެފައިވާކަން ކަށަވަރުނުވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމުގައި އެކި ރިޕޯޓްތައް ހުރުމުން އެކަން ކަށަވަރު ނުކުރެވިފައި ވަނީ ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މީގެ ކުރިން ބުނެފައި ވަނީ އަޒްލިފް މަރުވިކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.