ހުޅުމާލޭގެ ސެކިއުރިޓީއަށް ބަހައްޓާ ސީސީޓީވީ ތަކަށް އުރީދޫ އިން ހިލޭ ނެޓްވޯކް ދިނުމާއި ސެންޓްރަލް ޕާކަށް ހިލޭ ވައިފައި ދިނުމަށް އެޗްޑީސީއާ އެކު އެ ކުންފުނިން މިއަދު އެއްބަސްވެއްޖެ އެވެ.
ސެންޓްރަލް ޕާކަށް ހިލޭ ވައިފައި ދިނުމަށާއި ސީސީޓީވީ ހިލޭ ނެޓްވޯކް ދިނުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު އުރީދޫން ސޮއިކުރީ މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ހުޅުމާލެ ސްމާޓް ސިޓީއަކަށް ބަދަލުކޮށްލުމަށް އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ފެށުން ކަމަށެވެ. ހުޅުމާލެ ފަދަ ރަށެއް ތަރައްގީ ކުރާއިރު ސްމާޓް ސިޓީ ކޮންސެޕްޓް އަކީ ކޮންމެހެން އެޑަޕްޓްކުރަންޖެހޭ ކޮންސެޕްޓެއް ކަމަށް ވިކްރަމް ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސެންޓްރަލް ފާކަށް ދާ މީހުންނަށް ވަކި ވަގުތުތަކަކަށް ފްރީ އިންޓަނެޓް ބޭނުންކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންމެ ދުވަހަކު ކޮންމެ ޑިވައިސްއަކަށް 15 މިނެޓް ހިލޭ އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. އަދި 15 މިނިޓަށް ވުރެ އިތުރަށް އިންޓަނެޓް ބޭނުންވާނަމަ އިތުރަށް ޑޭޓާ ގަނެލެވޭނެ ހިދުމަތްވެސް ދޭނެ ކަމަށް އުރީދޫން ބުންޏެވެ.
ވިކްރަމް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލެ ސެންޓްރަލް ޕާކުން ފްރީ ވައިފައިގެ ހިދުމަތް ދޫކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގައި އުރީދޫ ސުޕަ ފާސްޓް އިންޓަނެޓް ދިނުމަށް ފައިބާ ނެޓްވޯކް އަޅައި ހުޅުމާލޭގެ ސެކިއުރިޓީއަށް ހަރުކުރާ ސީސީޓީވީ ކެމެރާތަކަށް ހިލޭ ނެޓްވޯކް ދޫކުރާނެ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ފުރަތަމަ ބުރުގައި 25 ކެމެރާ އަޅާއިރު ހުޅުމާލޭ ފޭސް އެކެއްގެ އެކި ސަރަހައްދުތައް ކަވަރު ކުރެވިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ. ހުޅުމާލެއަށް ސުޕަނެޓްގެ ހިދުމަތް މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތައާރަފް ކުރެވިގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.