ހަބަރު

ކޮމަންވެލްތުން ރާއްޖެއަށް ހާއްސަ މަންދޫބެއް ކަނޑައަޅައިފި

Jun 16, 2016
1

ރާއްޖޭގެ ކަންކަން އިސްލާހުކޮށް، ކަންކަން ރަނގަޅު ކުރުމަށް ރާއްޖެއަށް ލަފާދީ އެކަމުގައި އެހީތެރިވުމަށް، ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބަކަށް ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ ހަމަޖައްސައިފި އެވެ.

ކޮމަންވެލްތުން އެކަން އަދި އިއުލާން ނުކުރި ނަމަވެސް، ކެންޔާގެ ދަ ސްޓާ ނޫހުން ބުނީ މުޓުންގާ އެކަން އިއުލާން ކުރެއްވީ އޭނާ ރިޓަޔާ ކުރެއްވުމާ ގުޅިގެން އޭނާއަށް އަލްވަދާއު ކިޔުމަށް ކެންޔާގެ ސްޕްރީމް ކޯޓްގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ކަމަށެވެ.

އެކަން އިއުލާން ކުރައްވައި މުޓުންގާ ވިދާޅުވީ ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅާ ހާއްސަ މަންދޫބަކަށް އޭނާ ކަނޑައެޅީ ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އެރުވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި އޭނާގެ މަސައްކަތަކަށް ވާނީ ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށް މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް އެހީތެރިވެދިނުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ މުއައްސަސާތަކާއި ޑިމޮކްރެސީ ވަރުގަދަ ކުރަން އެހީ ވާން ވެސް މަސައްކަތް ކުރުމަކީ އަހަންނަށް އަލަށް ހަވާލުވެފައި އޮތް ކަމެއް،" މުޓުންގާ ވިދާޅުވެފައިވެ އެވެ.

ހާއްސަ މަންދޫބެއް ކަނޑައަޅައި ދިނުމަށް ކޮމަންވެލްތްގައި ރާއްޖެއިން ވަނީ މީގެ ކުރިން އެދިފަ އެވެ. މަންދޫބު އޭނާގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގެ އެވެ.