މުސްލިމުންނަށް އެ މީހުންގެ ދީނަށް އުޅުމުގެ ހައްގު އިންޑިއާގެ ގާނޫނު އަސާސީން ދީފައި އޮތަސް އެއް އަންބަަށް ވުރެ ގިނައިން ގެންގުޅުމަކީ އެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
އިންޑިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު އިހްތިޔާރުކުރާ ދީނަކަށް އުޅުމުގެ މިނިވަންކަން ލިބިގެންވެ އެވެ. ނަމަވެސް ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިސްލާމް ދީނުގައި ހަތަރު އަނބިން ހުއްދަ ނަމަވެސް އެއީ ދީނުގެ ބައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި ދީނަށް އުޅުމުގައި ވެސް އާންމު މަސްލަހަތާއި ސިއްހީ އާދަތަކާއި އާންމު އުސޫލުތަކުގެ ބޭރުން ކަމެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ކައިވެންޏާ ބެހޭ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއަށް އިންޑިއާގައި ފައްތަން ޖެހިފައިވާ ކަމަށާއި އެކަމަކު ގިނަ އަނބިން ގެންގުޅެވޭ ގޮތަށް ގާނޫނަކުން ހަމަޖެއްސުމަކީ މުހިންމު ކަމެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމެވުމުގައިވެ އެވެ.
މިގޮތަށް ހުކުމް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ ވަޒީފާއެއްގައި ހުރި ފިރިހެން މުވައްޒަފަކު ކައިވެނިކޮށްގެން ހުރެ އެހެން މީހަކާ ކައިވެނިކުރި މައްސަލައެއްގައި އޭނާ ވަޒީފާ އިން ވަކިކުރުމުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހުކުމުގައި ވަނީ މި މައްސަލަ ހުށަހެޅި މީހާ ދެ ވަނަ ކައިވެނިކޮށްފައި ވަނީ ފުރަތަމަ ކައިވެނި ރޫޅާނުލައި ކަމަށާއި އަދި ދެ ވަނަ ކައިވެނި ސަރުކާރުގެ އިދާރާތަކުގައި ރަޖިސްޓްރީ ވެސް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ މިއީ ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށް ވަނީ ނިންމައިފަ އެވެ. ވަޒީފާ އިން ވަކިކުރި މީހާގެ ދެ ވަނަ އަނބިމީހާ ވަނީ އެހެން އަންބެއް ހުންނަކަން ކުރިން ބުނެފައި ނުވާތީ އެ މައްސަލަ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.