އެކްސިޑެންޓް

ވޭނެއް ކޮންޓްރޯލުން ނެއްޓި، ބޯޓަކަށް އަރައި މީހަކަށް އަނިޔާވެއްޖެ

"މީރުބަހުރު" ބަނދަރުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުނުވެ ގޮސް، ފަޅުގައި އަޅާފައި އޮތް ބޯޓަކަށް އަރައިފި އެވެ. މި ހާދިސާގައި ބޯޓުގައި ހުރި މީހަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ، ވޭން ބޯޓަށް އެރުމުގެ ސަބަބުން އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ހާދިސާގައި ވޭން އެރި ބޯޓްގެ ފަހަތުގައި ހުރި ދޮރުފަތް އެކީ ނައްޓައިގެން ގޮސް ދޮރުގެ ބިއްލޫރިތައް ވެސް ވަނީ އެއްކޮށް ތަޅައިގެން ގޮސްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި މީހާއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އެ ޒަހަމްތަކުގެ ތަފްސީލާއި އެމީހާގެ ހާލު އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ވޭން ދުއްވާފައި އައީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި ކޮންޓްރޯލުން ނެއްޓުނީ އެ ސަރަހައްދުން ދިޔަ އެހެން ވެހިކަލެއް އޯވަޓޭކް ކުރަން ވޭން އުޅެނިކޮށް ކަމަށެވެ. އަދި ކޮންޓްރޯލުން ނެއްޓި ވޭން ބޯޓުގެ ތެރެއަށް އެރި އިރު، ބޯޓްގެ އިންޖީނު ރޫމްކައިރީގައި ހުރި މީހެއްގެ ގައިގާ ޖެހުނު ކަމަށެވެ. އަދިއެ ވަގުތު އޭނާ ބޯޓުގެ ތެރެއަށް ބުރައިގެން ދިޔަ ކަމަށާއި ދޮރުފަތުގެ ބައިތަކާއި އޭގައި ހުރި ބިއްލޫރިތައް ބުރައިގެން ގޮސް އޭނާގެ ގައިގާ ޖެހުނު ކަމަށް ވެސް މަންޒަދު ދުށް މީހުން ބުންޏެވެ.

މީރު ބަހުރު ސަރަހައްދަކީ އަތޮޅުތަކަށް ދަތުރު ކުރާ ބޯޓުތައް އަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދަށް މުދާ ބަރުކޮށްގެން ބޮޑެތި ޕިކަޕްތަކާއި ވޭން ފަދަ ތަކެތި ވަދެ އެވެ.