އަހަރާއި މަސްތައް ގުނުމުގައި ޢާއްމުކޮށް ދެގޮތެއް ބޭނުންކުރެވެއެވެ. އެއްގޮތަކީ، އިރުގެ ދައުރުކުރުމުން މިންކޮށްގެން އަހަރުގެ ދުވަސްތައް ގުނުމެވެ. 12 މަހާއި 365 ދުވަސް އަހަރެއްގައި އޮންނަނީ މިގޮތަށް ގުނާ ގުނުމުގައެވެ.
އަހަރާއި މަސްތައް ގުނާ ދެވަނަގޮތަކީ، ހަނދުގެ ދައުރުކުރުމުން އަހަރާއި މަސްތައް މިންކުރުމެވެ. މިގޮތަށް މިންކުރާއިރުވެސް އަހަރެއްގައި އޮންނަނީ 12 މަހެވެ. ނަމަވެސް އަހަރުގެ ދުވަސްތަކުގެ ޢަދަދު އިރުގެ އަހަރަށްވުރެ ހަނދުގެ އަހަރުގައި މަދެވެ. ހަނދުގެ އަހަރެއްގައި އެވެރެޖްކޮށް އޮންނަނީ 354 ދުވަހެވެ.
ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. ((إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ)) މާނައީ : " ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި ( އަހަރެއްގެ ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި 12 މަހެވެ." ޢަރަބިބަހުން މަސްދުވަހަށް ކިޔާ ނަމަކީ شَهْر ( ޝަހްރު ) އެވެ. އެކަހެރި ނަމެއްގެ ގޮތުގައި މިލަފްޒު ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ. އާދެ، 12 މަހުގެ ޢަދަދަށެވެ.
ދުވަހަށް ޢަރަބިބަހުގައި ކިޔަނީ يَوْم ( ޔައުމު ) އެވެ. އެކަހެރި ނަމެއްގެ ގޮތުގައި މި ލަފްޒު ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވަނީ، 365 ފަހަރުއެވެ. އާދެ، އިރުގެ އަހަރެއްގައި ޢާއްމުކޮށް އޮންނަ ދުވަހުގެ ޢަދަދަށެވެ. ގިނަ ނަމުގެ ގޮތުގައި اَيّام ( އައްޔާމް ) ނުވަތަ يَوْمَيْن ( ޔައުމައިނި ) ( ދުވަސްތައް ނުވަތަ ދެދުވަސް ބުނެދިނުމުގެ މާނައިގާ ) ކީރިތި ޤުރުއާނުގައި 30 ފަހަރު މި ދެ ލަފުޒު ތަކުރާރުވެފައިވެއެވެ. މަހެއްގައި އެވްރެޖްކޮށް އޮންނަނީވެސް 30 ދުވަހެވެ.
އެހެންކަމުން، މަސް، އަދި ދުވަސް، ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވާ ޢަދަދުތަކާ، 12 މަހާ، މަހެއްގައި އެވްރެޖްކޮށް އޮންނަ 30 ދުވަހާ، އަހަރެއްގައި އެވްރެޖްކޮށް އޮންނަ 365 ދުވަހާ ޢަދަދުގެ ގޮތުން އިއްތިފާޤްތަކެއް އެބަހުއްޓެވެ.
ކީރިތި ޤުރުއާނުގެ ފަތްފުށްތައް ބަލައި ދިރާސާކުރަމުންދާއިރު، ޢަދަދުގެ މިފަދަ ކިތަންމެ އިއްތިފާޤްތަކަކާ ވަޒަންހަމަކުރުންތަކެއް ފާހަގަވެއެވެ.
މިސާލަކަށް ހަތްއުޑުގެ ވާހަކައަށް ވިސްނައިލަމާތޯއެވެ؟ سَبْعَ سَماَوات ނުވަތަ السَّماواتُ السَّبْعُ ( ހަތްއުޑު ) އެކުވި ނަމެއްގެ ގޮތުގައި ޤުރުއާނުގައި ވާރިދުވެފައި އޮތީވެސް 7 ފަހަރުއެވެ. އެއީ، ބަޤަރާސޫރަތުގެ 29 ވަނަ އާޔަތާ، އިސްރާއުސޫރަތުގެ 44 ވަނަ އާޔަތާ، މުއުމިނޫން ސޫރަތުގެ 86 ވަނަ އާޔަތާ، ފުއްޞިލަތުސޫރަތުގެ 12 ވަނަ އާޔަތާ، ޠަލާޤް ސޫރަތުގެ 12 ވަނަ އާޔަތާ، މުލްކު ސޫރަތުގެ 3 ވަނަ އާޔަތާ، ނޫޙް ސޫރަތުގެ 15 ވަނަ އާޔަތުގައެވެ.
އިސްލާމްދީނުގެ ރުކުންތަކަށް ބަލާއިރު، ނަމާދަކީ ރައްކައުތެރިކަމެކެވެ. صلاة ( ޞަލާތު )، ނަމާދުގެ ލަފުޒު އަދި نجاة ( ނަޖާތު ) ރައްކައުތެރިކަމުގެ ލަފުޒު ޤުރުއާނުގައި ވާރިދުވެފައިވަނީ އެއް ވަރަކަށެވެ. 68 ފަހަރުއެވެ. ރޯދައަކީ ވަރަށް ބޮޑު ކެތްތެރިކަމެކެވެ. صَوْم ( ޞައުމު ) ރޯދައިގެ ލަފުޒު އަދި صَبْرُ ( ޞަބްރު ) ކެތްތެރިކަމުގެ ލަފުޒުވެސް ޤުރުއާނުގައި ވާރިދުވެފައިވަނީ 14 ފަހަރުއެވެ. ސިޙުރުގެ ވާހަކައާ ފިތުނައިގެ ވާހަކަ ޤުރުއާނުގައި ވާރިދުވެފައިވަނީ 60 ފަހަރުއެވެ. ކާފިރުންގެ ވާހަކަ 154 ފަހަރު ޤުރުއާނުގައި ވާރިދުވެފައިވާއިރު، އަލިފާނާ އަންދައިލުމުގެ ވާހަކަ ހުރި ލަފުޒުތައް އެއްކޮށްލުމުންވެސް އަންނަނީ 154 އެވެ. ހަނގުރާމައިގެ ލަފުޒު 6 ފަހަރު ވާރިދުވެފައިވާއިރު އަސީރުންގެ ލަފުޒުވެސް ވާރިދުވެފައިވަނީ 6 ފަހަރުއެވެ. އަޅުގަނޑުމެން ޤުނޫތުކިޔަނީ ރުކޫޢުއިން ތެދުވެއެވެ. ޤުނޫތުގެ ލަފުޒުވެސް ރުކޫޢުގެ ލަފުޒުވެސް ޤުރުއާނުގައި ވަނީ 13 ފަހަރުއެވެ.