އެމްޑީއޭ

ޓެގް އެޅުވި މީހެއްގެ ދިފާއުގައި އެމްޑީއޭ؟!

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެންގެވުމަށް ޓެގް އަޅުވާފައިވާ ޒުވާނަކު ސަލާމަތްކުރަން އެމްޑީއޭއިން މަސައްކަތްކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. މިކަން ފެންމަތިވީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެމްޑީއޭގެ "ޒުވާނުންގެ އުއްމީދު" ގެ ވައިބާ ގުރޫޕްގެ ސްކްރީންޝޮޓްތަކުންނެވެ.

އެ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި ޓެގް އަޅުވާފައިވާ ސަޓޯ ނަމަކަށްކިޔާ ޒުވާނަކު ސަލާމަތްކުރުމަށް އެމްޑީއޭއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ ޕާޓީގެ ޒުވާނުން ދަނީ އޭނާ ދޫކޮށްލުމަށް ވެސް އެ ގްރޫޕްގެ ތެރޭގައި ގޮވާލަމުންނެވެ.

މި ގުރޫޕްގައި އެމްޑީއޭގެ ޒުވާނުންގެ ރައީސް އަދި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ރީހާން ވިދާޅުވެފައިވަނީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ޒުވާނުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ އޯގާތެރި ލީޑަރެއް ކަމަށެވެ. އަދި ޑެޕިއުޓީ ލީޑަރު މައުރޫފަކީ ޒުވާނުންނާ ގުޅޭ ޒުވާނުންދެކެ ލޯބިވާ ލީޑަރެއް ކަމަށެވެ. ސަޓޯގެ "ކަންތަކުގައި" މައުރޫފް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ރީހާން ވިދާޅުވެފައިވެ އެވެ.

"ސަޓޯ ކަންތަކުގައި އަޅުގަނޑުމެންގެ ޑީއެލް އެމްޕީ މައުރޫފް ވަަރަށް ބުރަކޮށް ދަނީ މަސައްކަތްކުރައްވަމުން، އިހުލާސްތެރިކަމާއެކު އެމްޑީއޭ އާއި ލީޑަރު ސިޔާމާއެކު ހުރިހާ ކުދިން ވެސް ތިއްބަވާ،" ރީހާން ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން ރީހާންއަށް މިއަދު އަވަސްއިން ގުޅުމުން ވިދާޅުވީ، އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރީހާން ވިދާޅުވީ، އެމްޑީއޭގެ ލީޑަރުން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ސަރުކާރާ ދެކޮޅު އެއްވެސް ކަމެއް ވެސް ނުކުރައްވާނެ ކަމަށެވެ.

އެމްޑީއޭގެ ޒުވާނުން ވަނީ ސަޓޯއަކީ އެމްޑީއޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ޒުވާނެއް ކަމަށް ވެސް ބުނެފަ އެވެ. އޭނާއަކީ މާރާމާރީ ހިންގާ ޖިނާއީ ކުށްތަކަށް އަރައިގަންނަ ޒުވާނެއް ނޫން ކަމަށް ވެސް އެ ޒުވާނުން ބުނެފައިވެ އެވެ. އަދި މީހުންގެ ހަގީގަތް ނުބަލާ މީހުންގެ ފައިގައި ޓެގް އަޅުވާ ކަމަށް ބުނެ އެމްޑީއޭގެ ޒުވާނުން ވަނީ ހޯމް މިނިސްޓަރަށް ފާޑުވެސް ވިދާޅުވެފަ އެވެ.

އެމްޑީއޭގެ ޒުވާނުން މިހެން ބުނެފައިވާއިރު، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޓެގު އަޅުވާފައިވަނީ ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ކަމަށެވެ. އަދި ޓެގު އެޅުވުމުގެ ބޭނުމަކީ މުޅި ގޭންގްތައް ފުނޑާލުން ކަމަށެވެ.