ބޮލީވުޑް

"އުޅުތާ ޕަންޖާބު"ގެ ދެ ތަރިންނަށް ތައުރީފު

Jun 18, 2016


ހުކުރުދުވަހު އިންޑިއާގެ ބައިސްކޯފުގެތަކުގައި އެޅުވި "އުޅުތާ ޕަންޖާބު" ގެ ފުރަތަމަ ދުވަހުގެ ވިޔަފާރި ރަނގަޅެއް ނޫނެވެ. އެކަމަކު ފިލްމް ބެލި އެންމެން ވެސް ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރިއެވެ.
ފިލްމުގެ މުހިއްމު ބައިތައް އަދާކޮށްފައިވަނީ ޢާލިއާ ބަޓާއި ޝާހިދު ކަޕޫރެވެ. އެ ދެމީހުންގެ ބައި އަދާކޮށްފައި ވަނީ ވަރަށް ފުރިހަމައަށްކަމަށް ބުނެ ބެލުންތެރިން ދަނީ އެ ދެމީހުންނަށް ވަރަށް ބޮޑަށް ތަޢުރީފުކުރަމުންނެވެ.

ފިލްމުގެ މައިގަނޑު ވާހަކަ ބިނާ ވެފައި ޕަންޖާބުގެ އުތުރުބިތުގެ ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާ ވެރިވެފައިވާ މިންވަރުގެ މައްޗަށެވެ.
"އުޅުތާ ޕަންޖާބު" އަށް އާދަޔާ ޚިލާފު މަޝްހޫރުކަމެއް ލިބިގެންދިޔައީ ފިލްމު ސެންސަރ ބޯޑުގައި ތާށިވުމުގެ އިތުރަށް 89 މަންޒަރެއް ބުރިބުރިކޮށްލަން ސެންސަރ ބޯޑުން ނިންމުމާގުޅިގެންނެވެ. ފިލްމު ދައްކަން ކަނޑައަޅާފައި އޮތް ވަގުތަށް ފިލްމު ލިބުނީ ކޯޓު އަމުރަކާގުޅިގެންނެވެ.

ފިލްމު ބެލި ބައެއް ފަރާތްތަކުން ބުނި ގޮތުގައި ފިލްމުގެ ބައެއް މަންޒަރާއި ބައެއް ބަހުރުވައިން މުޖުތަމަޢަށް ނޭދެވޭ އަސަރު ކުރާނެއެވެ.

"ބައެއް މަންޒަރުތަކާއި ބައެއް ލަފުޒުތަކާއި ޖުމްލަތައް އަހަރެންގެ ޢާއިލާގެ މީހުންނަށާއި ދަރީންނަށް އަޑުއިއްވާކަށް އަހަރެން ބޭނުމެއްނޫން!" ފިލްމު ބެލި މީހަކު ބުންޏެވެ.

ނަމަވެސް ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ ޙަޤީޤީ، އަދި ހަރުދަނާ ކަންތައްތަކެއްގެ މައްޗަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އަބީޝެކް ޗައުބޭ ޑައިރެކްޓްކޮށް، އަނޫރަގް ކަޝްޔަޕް ޕްރޮޑިއުސް ކޮށްފައިވާ "އުޅުތާ ޕަންޖާބު" ބަލަން ފުރަތަމަ ދުވަހު ގިނަ ބަޔަކު ނުދިޔަކަމަށް ވިޔަސް ފިލްމު، ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުވެގެންދާނޭ ކަމަށް ގިނަބަޔަކު ލަފާކުރެއެވެ.

"އުޅުތާ ޕަންޖާބު" އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ހިންދޫންގެ ހައްދުފަހަނަޅާފައިވާ ޝިވްސޭނާގެ މީހުން ފިލްމާ ދެކޮޅަށް ނިކުމެ ހިންގަފާނެ ނޭއްގާނި ހަރަކާތްތަކެވެ.

ފުލުހުން ތިބީ ލަޓިބުރި އަތަށްލައިގެން އެކަމަށް ތައްޔާރުވެގެންނެވެ.