- ހޯމް މިނިސްޓަރަށް ޕްރެޝަރެއް ނެތް
- ޓެގްގައި ތިބި މީހުން ޓަކި ދެނީ ސިޔާސީ ދޮރުތަކުގަ
- ސަޓޯގެ ފަހަތުން ދާނީ އިންސާފު
އެމްޑީއޭއިން ދިފާއު ކުރާ ކަމަށް ބުނާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެއް ކަމަށް ހޯމް މިިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު ނަސީރު މިހެން ވިދާޅުވީ، ސަޓޯގެ ފައިގައި ޓެގް އަޅުވާފައިވަނީ އޭނާއަކީ ކާކުތޯ ނުބަލައި މައުލޫމާތު ވެސް ސާފު ނުކޮށް ކަމަށް ބުނެ އެމްޑީއޭގެ ޒުވާނުން މިނިސްޓަރަށް ފާޑުކިޔާފައި ވަނިކޮށެވެ.
އަލީ ޝާން (ސަޓޯ) އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ހ. ލޮބީ ހުސެއިން ހުމާމްއާއެކު އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މީހެކެވެ. އެ މައްސަލާގައި ސަޓޯއަށް ދައުވާކޮށް ޝަރީއަތް ވެސް ހިންގާފައިވެ އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.
އެ މައްސަލާގައި ސަޓޯ ސަލާމަތްވެފައިވަނީ ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމަށް ވެސް ތުހުމަތުތައް ކޮށްފައި ވެއެވެ.
މިނިސްޓަރު އުމަރު ނަސީރު "އަވަސް" އަށް ވިދާޅުވީ، ސަޓޯއަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެއް ކަމަށާއި އޭނާގެ ފަހަތުން ގޮސް، އޭނާ އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.
އެމްޑީއޭގެ "ޒުވާނުންގެ އުއްމީދު" ގެ ވައިބާ ގުރޫޕްގެ ސްކްރީންޝޮޓްތަކެއް ކަމަށް ބުނާ ކެޕްޗާ ފޮޓޯތަކެއް މިއަދު އާންމުވެފައިވާއިރު އޭގައި ވަނީ ސަޓޯ ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ސަޓޯއަކީ އެމްޑީއޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ޒުވާނެއް ކަމަށް އޭގައި ބުނެ އެވެ.
މީގެ އިތުރުން އޭނާއަކީ މާރާމާރީ ހިންގާ ޖިނާއީ ކުށްތަކަށް އަރައިގަންނަ ޒުވާނެއް ނޫން ކަމަށް ބުނާއިރު އޭގައި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު ރީހާން ކަމަށް ބުނާ މީހަކު ވަނީ ސަޓޯގެ "ކަންތަކުގައި" އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މައުރޫފް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ، އެމްޑީއޭއިން އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ.
ޓެގް އަޅުވާފައި ތިބި މީހުން ސިޔާސީ ދޮރުތަކުގައި ޓަކި ޖަހައި ސިޔާސީ ފަރާތްތަކަށް އެމީހުން ދޫކޮށްލުމަށް ޕްރެޝަރުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ޓެގް އަޅުވާފައި ތިބި މީހުން ޕްރެޝަރުކުރަނީ ސިޔާސީ މީހުންނަށް ކަމަށާއި އެމަނިކުފާނަށް އެއްވެސް ޕްރެޝަރެއް ނުކުރާ ކަމަށެވެ.