ބޭރު ކުޅިވަރު

ލުކާކޫގެ ދެ ގޯލުން ބެލްޖިއަމް އުއްމީދު ބޮޑުކޮށްފި

ރޮމެލޫ ލުކާކޫގެ ދެ ގޯލާއެކު އަޔަލޭންޑް 3-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު ބެލްޖިއަމް ބޮޑުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ އަތުން 2-0 އިން ބަލިވި ޓީމު ވަނީ މިރޭގެ މެޗުގައި އަޔަލޭންޑާ ދެކޮޅަށް ބެލްޖިއަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފަހު ހާފު ފެށުތަނާ ލުކާކޫ އެވެ. އޭނާގެ މި ލަނޑަށް ފަހު ދެ ވަނަ ލަނޑު ޖަހައިދިނީ އެލެކްސް ވިސްޓެލް އެވެ. ލުކާކޫ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން އެޑެން ހަޒާޑު ހުސްކޮށްފައިދިން ބޯޅައަކުންނެވެ.

މި މެޗަށް ނުކުތްއިރު ބެލްޖިއަމްގެ ކުޅުންތެރިންްނާއި ކޯޗާ ދެމެދު ކޮންމެ ވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ވެސް އޮތީ އުފެދިފަ އެވެ. އެއީ ކޯޗު ބައެއް ކުޅުންތެރިންނަށް ފާޑު ކިއުމުންނެވެ. ނަމަވެސް މެޗުގެ ކުރިން ކީޕަރު ތިބައޫ ކޯޓުއާ ބުނީ ޓީމުގެ ތެރޭގައި ކޯޗާއި ކުޅުންތެރިން ދެއްކީ ވަރަށް ބިނާކުރުވަނިވި ވާހަކަތަކެއް ކަމަށާއި އޭގެ ސަބަބުން އެންމެނަށް ވެސް ކަންކަން އޮޅުންފިލައި ޓީމު ހަމައަކަށް އެޅިފައިވާ ކަމަށެވެ.

މި މެޗުން ބެލްޖިއަމް މޮޅުވުމުން އެ ޓީމު އޮތީ ޓޭބަލުގެ ދެ ވަނާގަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައިވަނީ ކުޅުނު ތިން ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އިޓަލީ އެވެ. އަޔަލޭންޑާއި ސްވިޑްން އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މުބާރާޓުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ކުޅޭނީ ބެލްޖިއަމް އާއި ސްވިޑްން އަދި އަޔަލޭންޑާއި އިޓަލީ އެވެ.