ބޭރު ކުޅިވަރު

ކޭން އަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ޖާގައެއް ހައްގު: ހޮޖްސަން

ޓޮޓެންހަމް ހޮޓްސްޕާގެ ޒުވާން ފޯވަޑް ހެރީ ކޭން އަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ޖާގައެއް ހައްގު ކަމަށް އިންގްލެންޑްގެ ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.

މި ސީޒަންގައި ކުޅުނު 35 މެޗުގައި 23 ލަނޑު ޖަހާފައިވާ ކޭން ،21، އަށް ތައުރީފްކުރަމުން ހޮޖްސަން ބުނީ ސެންޓަ ފޯވަޑެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ކޭންގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އަދި މިހާުރު އޭނާ އަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ޖާގައެއް ހައްގު ކަމަށެވެ.

"އަހަރެން މި ޓީމާ ހަވާލުވި ފަހުން ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނިން. ހަމަގައިމު ވެސް ކޭން އަށް މިހާރު އެ ފުރުސަތު ހައްގު،" ހޮޖްސަން ބުންޏެވެ.

ހޮޖްސަންގެ ވާހަކަތަކާއެކު، އަންނަ މަހު ލިތުއޭނިއާ އާއި އިޓަލީއާ ދެކޮޅަށް އިންގްލެންޑް ކުޅޭ ދެ މެޗަށް ނަގާ ސްކޮޑުން ކޭން އަށް ޖާގަ ލިބޭނެކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.

ޓޮޓެންހަމްގެ ފުރަތަމަ 11ގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުޅުުނު ކޭން އަކީ މި ސީޒަންގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އިނގިރޭސި ދެ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ކޭން އާއި ކިއުޕީއާރްގެ ފޯވަޑް ޗާލީ އޮސްޓިން، ކޮންމެ ކުޅުންތެރިއަކު ވަނީ ލީގުގައި 13 ލަނޑު ޖަހައިފަ އެެވެ. -- ބީބީސީ