ދެހާސް އެއްވަނަ އަހަރު ނިކުތް އަނިލް ކަޕޫރާއި ރާނީ މުކަރްޖީ ލީޑްރޯލުން ފެނިގެންދިޔަ "ނާޔަކް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފިލްމެކެވެ.
މި ފިލްމަކީ 1999 ވަނަ އަހަރު އެސް ޝަންކަރް އުފެއްދި ތަމަޅަ ފިލްމު "މުދަލްވަން" ގެ ރީމޭކް އެކެވެ.
އަނިލް ކަޕޫރު މި ފިލްމުގައި ފެނިގޮސްފައިވަނީ ޓީވީ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް މަހަރަޝްތްރަ ސްޓޭޓްގައި ހިނގާ ހަމަނުޖެހުންތަކެއްގެ ތެރެއިން އެ ސްޓޭޓްގެ އެކްޓިން ޗީފް މިނިސްޓަރާ ދިމާވެ، އެ މަގާމު އެއް ދުވަހަށް ފުރުމަށް ޗެލެންޖްކޮށް ސިޔާސީ ބައެއްގެ އަނދަވަޅަކަށް އޭނާ ވެއްޓެ އެވެ.
މި ފިލްމު ރިލީޒްކުރިތާ ފަނަރަ އަހަރު ފަހުން ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އީރޯސް އިންޓަނޭޝަނަލް އާއި ޕްރޮޑިއުސަރު ދީޕަކް މުކުތް ގުޅިގެން އުފައްދާ މިފިލްމުގެ ދެވަނަ ބައިިގެ ވާހަކަ ލިޔަނީ "ބަޖްރަންގީ ބައިޖާން" އާއި "ބާހުބަލީ" ފަދަ ފިލްމުގެ ތަކުގެ ވާހަކަ ލިޔެފައިވާ ކޭވީ ވިޖެޔަންދްރަ ޕްރަސާދް އެވެ.
ޕްރޮޑިއުސަރު ދީޕަކް ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އޭނާ ވަނީ "ނާޔަކް" ގެ ޕްރޮޑިއުސަރު އޭއެމް ރަތްނަމް އަތުން އެފިލްމުގެ ހުރިހާ ރައިޓްސް އެއް ގަނެފަ އެވެ. އަދި ދީޕަކް ވަނީ މި ސިލްސިލާގެ ދެވަނަ ފިލްމުވެސް ބިނާކުރާނީ ސިޔާސީ ކަންތައްތަކެއްގެ އިތުރުން ލޯބީގެ ވާހަކަވެސް އޭގައި ހިމެނޭނެ ގޮތަށް ކަމަށް ބުނެފަ އެވެ.
"ދެވަނަ ފިލްމުގެ ފެށޭނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުން. އެކަމަކު މިއީ މުޅިިން ތަފާތު ވާހަކައެއް. ނަމަވެސް ފުރަތަމަ ފިލްމުގައި ހިމެނުނު ޝިވާޖީ ރޯއި (އަނިލް ކަޕޫރު ކުޅުނު ރޯލު) ހިމެނޭނެ." ދީޕަކް ބުނެފައިވެ އެވެ.
މިހާރު ދެވަނަ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ފަށާފައިވާއިރު ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ނިމޭނެ ކަމަށްވެ އެވެ. އަދި ސްކްރިޕްޓް ނިމުމުން ފިލްމުގައި ހިމެނޭނެ ތަރިންނާއި ޑައިރެކްޓަރު ވެސް ކަނޑައެޅިގެންދާނެ ކަމަށް ބުނެފައިވެ އެވެ. ފިލްމުގެ ސްކްރިޕްޓް ނިމޭގޮތަކުން އަނިލް ކަޕޫރު މިފިލްމުން ފެނިގެންދާން އޭނާ ބޭނުންވާ ކަމަށް ވެސް ދީޕަކް ބުނެފައިވެ އެވެ.
"ނާޔަކް" އަކީ ވަރަށް މަޝްހޫރު ވެގެން ގޮސްފައިވާ ފިލްމަކަށްވީއިރު، ފުރަތަމަ ފިލްމަށްވުރެން މިފިލްމުގައި އެކްޝަން މަންޒަރުތައް ގިނަވެފައި ފެންވަރު ރަނގަޅުވާނެ ކަމަށް ވެސްވެ އެވެ.
އަނިލް ކަޕޫރާއި ރާނީގެ އިތުރުން މުހިންމު ރޯލަކުން ކުރީގެ ތަރި އަމްރިޝް ޕޫރީ ވެސް ފެނިގޮސްފައިވެ އެވެ.