ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި އާލިއާ ބަޓް މުހިންމު ރޯލުން ފެނިގެންގޮސްފައިވާ ފިލްމު "އުޅްތާ ޕަންޖާބު" ހުކުރު ވަނީ ރިލީޒްކޮށްފަ އެވެ.
ފިލްމު ރިލީޒް ކުރުމާއެކު ފިލްމަށާއި ފިލްމުގެ ތަރިންގެ މޮޅު އެކްޓިން އަށް ކްރިޓިކްސް އިން ތައުރީފު ކުރަމުން އަންނައިރު، އެ ތަރިއެއްގެ އެކްޓިންއަށް އެންމެ ގިނަބަޔަކު ތައުރީފު ކުރަމުން އަންނަނީ ބަތަލާ އާލިއާ އަށެވެ.
އަބީޝެކް ޗައުބޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައިޖެހި މުޅި މުޖްތަމައު ހަލާކުވެފައިވާ މިންވަރު ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގައި އާލިއާ ފެނިގެންދަނީ ބިހާރް ސްޓޭޓުން ޕަންޖާބަށް ހިޖުރަކުރާ ހޮކީ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ޑްރަގްގެ ވިޔަފާރިކުރާ ބައެއްގެ އަތްދަށުވެ އެވެ.
ފިލްމު ސިނަމާތަކާ ހަމަޔަށް އައުމުގެ ދެ ދުވަސްކުރިން އިންޓަނެޓްގައި ލީކްކޮށްލި ނަމަވެސް ފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ފާހަގަކުރުމަށް ފިލްމުގެ ދެ ތަރިން ކަމަށްވާ ޝާހިދު އާއި އާލިއާ ވަނީ އެ ދެތަރިންްގެ ފޭނުންނާއެކު ފިލްމުގެ ފުރަތަމަ ދުވަހުގެ ކާމިޔާބީ ފާހަގަކޮށްފަ އެވެ.
މި އިވެންޓްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޝާހިދު ވަނީ މި ފިލްމުން އާލިއާ އަށް ނެޝަނަލް އެވޯޑް ލިބެން ޖެހޭނެ ކަމަށް ބުނެފަ އެވެ. ޝާހިދު މިހެން ބުނެފައިވަނީ ނޫސްވެރިން އާލިއާ ކުރެން ފިލްމަށް ލިބެމުން އަންނަ ތަރުހީބުން އުފާވޭތޯ އެހުމުން އޭނާ އަށް އެ ސުވާލަށް ޖަވާބު ދެވުމުގެ ކުރިންނެވެ.
އާލިއާ ވެސް ވަނީ އެވޯޑެއް ލިބިއްޖެނަމަ އުފާވާނެ ކަމަށާއި އެކަމަކު އެންމެ މުހިންމީ ބެލުންތެރިންނަށް އޭނާ ކުޅުނު ރޯލާ ގަޔާވުން ކަމަށް ބުނެފަ އެވެ.
"މިއީ ވަރަށް އުނދަގޫ ދަތުރެއް. އަހަރެން ޝުކުރު ކުރަން މިފަދަ ރޯލެއް ކުޅެން އަހަންނަށް ފުރުސަތު ލިބުނީތީ." އާލިއާ ބުނެފައިވެ އެވެ.
ޝާހިދު ކުރެން މި ފިލްމުން ނެޝަނަލް އެވޯޑެއް އޭނާއަށް ލިބޭނެ ކަމަށް އުންމީދު ކުރަންތޯ އެހުމުން ވަނީ އޭނާގެ ފިލްމު "ހެއިދަރް" ރިލީޒްވުމުން ވެސް ނޫސްވެރިން އެހެން ބުނުމުން އޭނާގެ އުންމީދުތައް ވަރަށް މަތިވި ކަމަށާއި ނަމަވެސް އަދި އެވޯޑާއި މެދު ނުވިސްނާ ކަމަށް ބުނެފަ އެވެ.
ޝާހިދު ވަނީ މިހާރަށް އެންމެ މުހިންމީ މި ފިލްމުގައި އޭނާ ކުޅެފައިވަނީ ވަރަށް ތަފާތު އަދި ކޮންމެ މީހަކު ގަޔާވާނެ ރޯލެއް ނޫން ނަމަވެސް ބެލުންތެރިން އޭނާ ކުޅެފައިވާ ރޯލާ މެދު ހިތްހަމަޖެހުން ކަމަށް ބުނެފަ އެވެ. ޝާހިދު މި ފިލްމުގައި ކުޅެފައިވަނީ ޑްރަގްގެ ވަބާގައި ޖެހިފައިވާ ޒުވާން ރޮކް ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.
މި ފިލްމުގައި ހުތުރު ބަސްތަކާއި ޕަންޖާބުގެ ނަން ހަޑިވާގޮތަށް މަންޒަރުތައް ހިމެނޭ ކަމަށް ބުނެ ފިލްމުގެ 89 މަންޒަރެއް އެޑިޓްކޮށްގެން ނޫނީ ފިލްމު ފާސްކޮށް ނުދޭން ނިންމި އެވެ. ނަމަވެސް ފިލްމު އުފެއްދި ފަރާތުން މިކަމާ ހިތްހަމަނުޖެހި މިމައްސަލަ މުމްބައި ހައިކޯޓަށް ވައްދައި ކޯޓުން ވަނީ ފިލްމުން އުނިކުރަން ޖެހޭނީ އެންމެ މަންޒަރެއް ކަމަށް ނިންމާފަ އެވެ. ސެންސަރު ބޮޑާއި ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްގެން މި ފިލްމަކަށް ސެންސަރު ބޮޑުން ފާސްކޮށްފައިވާ ސެޓްފިކެޓް ލިބި ހަމަނޭވާ ނުލެވިގެން އުޅެނިކޮށް ވަނީ ފިލްމުގެ ބޮޑުބައެއް އިންޓަނެޓްގައި ލީކްކޮށްފާފަ އެވެ.