ރޯދަ މަހާ ރޯއްޖާ

މާރުކޭޓު ހޮޓާ: ތާޒާ މަސްރޮށިން ކުޅުދިޔާކޮށްލައިފި!

  • ސާފުތާހިރުކަން ދަމަހައްޓަން ގިނަކަންކަން ކުރޭ
  • މިތާނގެ ސޫޖީ ވެސް ވަރަށް މީރުވެފައި ހާއްސަ
  • މަސްރޮށި ފިހެލާ ގޮތަށް ލިބެނީ އަތަށް

މާލޭގެ ތޮއްޖެހިފައި އޮންނަ މާރުކޭޓު ހިސާބުގައި އުންގުޅެމުން ކޭއްތެމުން މި ފަހަރު ދިޔައީ ބާޒާރުކޮށްލާކަށެއް ނޫނެވެ. އެއީ މީހުން ތައުރީފުތައް އޮއްސަމުން އެދާ، އެންމެ މީރު މަސްރޮށީގެ ރަހަ ބަލައިލާށެވެ. އެހެން ނަމަވެސް އެ މަސްރޮށި ހަދައި ހޮޓާ ހުރި ތަން ފެނިފައި ހައިރާންވެ ސުވާލު އުފެދި މަޑުކޮށްލަން ޖެހުނެވެ. ހަލަބޮލި މަސްމާރުކޭޓުގެ މަތީގައި އެބުނާ ފެންވަރުގެ އެއްޗެއް ލިބޭނެ ކަމަށް އެއް އިރެއްގައި ވެސް ހީނުކުރަމެވެ. ކޮންމެއަކަސް މާރުކޭޓު ހޮޓާ ތަޖުރިބާ ކޮށްލުން މިފަހަރު ކީއްތޯ އެވެ؟

މަސްމާރުކޭޓްގެ ސިޑިން މައްޗަށް އަރާ އިރު، މޫނު ޖެހޭނީ މާރުކޭޓު ހޮޓަލުގެ މައިދޮރުގަ އެވެ. އެއީ މަސްރޮށިން މީހުންގެ ހިއްތައް އަތުލައި، ބާޒާރު މަތީގައި މަސައްކަތް ކުރާ މީހުންގެ އެއް ނަމްބަރު ހޮޓަލެވެ. އެއީ ކިތައް ތަރީގެ ހޮޓަލެއް ކަމެއް ނޭނގެ އެވެ. އާންމުކޮށް މާލޭގައި މި ހިރަ މީހުންނަ ހޮޓާތަކަައި ބަލާ އިރު މާރުކޭޓު ހޮޓާގެ ޖާގަ ވަރަށް ވެސް ބޮޑެވެ. ތަން ހަދާފަ ހުރީ ގިނަ ބައޔަކު އެއް ފަހަރާ އެއްވި ނަމަވެސް، ފަސޭހައިން ހިނގާފައި އުޅެވޭ ގޮތަށެވެ. މަސްމާރުކޭޓު ހޮޓާ ކޮންމެ ގޮތަކަށް އޮތަސް މާރުކޭޓު ހޮޓާގެ ސާފުތާހިރުކަން ހިފަހައްޓަން ގިނަ ކަންތައްތަކެއް ކޮށްފައި އެބަ ހުއްޓެވެ.

ކޮންމެއަކަސް އެތަނަށް ވަދެ ހެދިކާތަކައި ދިމާލަށް ބަލާ އިރު ވެސް އެންމެ ހާއްސަކޮށް ހުރީ ބޮޑު މަސްރޮށްޓެވެ. މަސްރޮށިތައް ފިހަން ބޮޑު ތަވައެއް މަތީގައި ބަހައްޓާފައި ހުރި އިރު، މިހާ ތާޒާ މަސްރޮށްޓެއް ރާއްޖެއިން ލިބޭނެހެން ހިއެއް ނުވެ އެވެ. ތާޒާ މަސްރޮށި ހޯދަން ބޮޑު ކިޔޫ އެއްވެސް އޮތެވެ. އެތަނުގައި ސައިބޯން އިން ކޮންމެ މީހެއްގެ ތަށީގައި ވެސް މަސްރޮށްޓެއް އޮވެ އެވެ. އެތަނަށް ވަދެފިއްޔާ މި މަސްރޮށީގެ ރަހަ ނުބަލާ ނުނިކުންނާނެ އެވެ. މިތަނުގެ އެންމެ ހާއްސަ ބުޔުމަކީ ސޫޖީ އެވެ.

"މިތާ އެންމެ ހެދިކާ ވަރަށް މީރުވާނެ ދެން ރަނގަޅުވާނީ މަސްރޮށި. ދެން ދިވެހި ކެއުންތައް ވެސް ލިބެން ހުންނާނެ. އަބަދުވެސް މާރުކޭޓުގައި މަސައްކަތައް ފަހު ކާން އަރާތަން މިއީ. ހުރިހާ ކަމެއް ވެސް ވަރަށް ބަރާބަރު ވާނެ،" އެތަނަށް އާންމުކޮށް ސައިބޯން ގޮސްއުޅޭ މީހަކު ބުންޏެވެ. "ސޫޖީއަކީ މިތާގެ އެންމެ ހާއްސަ ބުއިން. ވަރަށް ގިނަ މީހުން އަންނާނެ ހާއްސަކޮށް ސޫޖީ ބޯން. އަދި ސޫޖީ ފުޅި ފުޅިއަށް އަޅައިގެން ވެސް ވަރަށް ގިނަ މީހުން ގެންދާނެ. އެކަހަލަ ކިތަންމެ އެއްޗެއް ހުންނާނެ މިނޫން އެހެން ހޮޓަލަކުން ކަމުނުދާނެ،"

އަހަރެންގެ ހޮވުމަކަށް މި ވީ ވެސް ދެ މަސްރޮއްޓާއި ސޫޖީ އެވެ. މިތަނާ ބެހޭ ގޮތުން މީހުން މި ކަނޑަނީ ފޮންޏެއް ނޫނެވެ. މާރުކޭޓު ހޮޓަލުގެ ރަހަތައް ހަމަ ވަރަށް ވެސް ތަފާތެވެ. ހާއްސަކޮށް މަހުގެ ތާޒާކަމައި، މަސްހުނިގަނޑު ވަރަށް ވެސް މީރެވެ. އަދި ސޫޖީގެ ފޮނިމިން ވަރަށް ހެޔޮވަރެވެ. ވަރަށް ފުރިހަމަ އެވެ. މިއީ ކޮންމެ މީހެއް ވެސް ތަޖުރިބާކޮށްލަން ޖެހޭ ހޮޓަލެކެވެ.

ކޮންމެއަކަސް މާރުކޭޓު ހޮޓަލޭ ބުނުމުން ފަކުރު ގަންނަ އެތައް ބަޔަކުވެސް އުޅޭނެ އެވެ. އެއީ ގޮޑެއްހެން މި އޮންނަ، މަސްމާރުކޭޓު މަތީގައި މި ހޮޓާ ހުންނާތީ އެވެ. ނަމަވެސް އެތަނުން މި ލިބެނީ ތާޒާ ހެދިކާ އެވެ. ހާއްސަކޮށް މިވަރުގެ މަސްރޮއްޓެއް މި މާލެއިން ލިބޭނެއެކޭ ނުބުނެ އެވެ. މިތަނަށް އާންމުކޮށް އަންނަ މީހުން ބުނަނީ، ޒަމާން ބަދަލުވެ، ދިޔަ ނަމަވެސް މިތަނުގެ ހެދިކާގެ ރަހަތައް ހަމަ އެ މީރު ކަމުގައި ހިފަހައްޓައިދީފައިވާ ކަމަށެވެ. ހާއްސަކޮށް މަސްރޮއްޓެވެ. މި ހޮޓަލުގެ ތާޒާ މީރު މަސްރޮށީގެ އަޖުމަ ބަލައިލަން ކިހިނެތްވާނެ ހެއްޔެވެ؟