ބޭރު ކުޅިވަރު

ކަންޓޭ އާއި ޖީރޫޑަށް ފުރުސަތެއް ނެތް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ފްރާންސް ނުކުންނައިިރު މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ފޯވަޑް އޮލީވިއާ ޖީރޫޑަށް ފުރުސަތު ނުދޭން ކޯޗު ނިންމައިފި އެވެ.

ކޯޗު ޑިޑިއޭ ޑެޝޯން މި ގޮތަށް ނިންމީ މި ދެ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބެންޗުން ސްޓާޓް ކުރި ޕައުލް ޕޮގްބާ އަށް މިރޭ ޓީމުން ކޯޗު ފުރުސަތު ދޭނެ އެވެ.

މުބާރާތުގައި ރޫމޭނިޔާ އަތުން 2-1 އިން އަދި އަލްބޭނިޔާ އަތުން 2-0 އިން މޮޅުވި ފްރާންސް އޮތީ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. ނަމަވެސް ކެޕްޓަން ހޫގޯ ލޮރިސް ބުނީ މި މެޗު ފަސޭހައެއް ނުވާނެ ކަމަށެވެ.

"އަލްބޭނިޔާ އާއި ރޫމޭނިޔާ ކުޅުނީ ވަރަށް ތަފާތު ގޭމެއް. އެކަމަކު އަހަރެން މި ބުނަނީ ސްވިޒަލޭންޑާއެކު ކުޅެން ފަސޭހަވާނެ ވާހަކައެއް ނޫން. އަހަރުމެން ފުރަތަމަ ވިސްނާނީ މި މެޗުން މޮޅުވާން. އަހަރުމެން ގްރޫޕުގެ އެއްވަނަ ބޭނުން. އެއީ މީހުންގެ އުއްމީދުތަކާ އެއްހަމައަކަށް ދާން އަހަރުމެން އެބަޖެހޭ. އެއިރުން އިތުބާރު ވެސް ބޮޑުވާނެ،" ލޮރިސް ބުންޏެވެ.

މިރޭގެ މެޗާއެކު ލޮރިސް އަށް ކެޕްޓަން ބޭންޑާއެކު 54 މެޗު ހަމަކުރެވޭނެ އެވެ. މިއީ ފްރާންސްގެ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯން ވެސް ކެޕްޓަން ކުރި އަދަދެވެ.