ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެމުންދާ ފްރާންސްގެ ދަނޑުތަކާމެދު ޔޫއޭފާއިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މުބާރާތުގެ ދަނޑުތަކާބެހޭ ޑިރެކްޓަރު މާޓިން ކަލެން ބުނީ ފްރާންސްގެ ސެއިންޓް ޑެނިސް އާއި މާސޭ އަދި ލިއްލެގެ ދަނޑާމެދު އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
އޭނާ މި ގޮތަށް ބުނީ ވިއްސާރައިގެ ސަބަބުން ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެ އެކަމުގެ ޝަކުވާ މުބާރާތުގައި ވާދަކުރާ ޓީމުތަކުން އުފުލާލައިފައިވަނިކޮށެވެ. މުބާރާތް ބާއްވާ ގައުމު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ވެސް ވަނީ ދަނޑުތަކާމެދު ޝަކުވާކޮށްފަ އެވެ.
މި ދުވަސްވަރަކީ ފްރާންސަށް ވިއްސާރަ ދުވަސްކޮޅެކެވެ. ހާއްސަކޮށް ފްރާންސްގެ ދެކުނަށް މިދިޔަ 10 އަހަރުތެރޭގައި ވެސް މެއި ޖޫންގައި އެންމެ ބޮޑަށް ވިއްސާރަކުރާ ފަހަރަކީ މިއީ އެވެ.
މާޓިން ކަލެން ބުނީ ހޫނު މޫސުމުގައި ބާއްވާ މި މުބާރާތުގައި ވާރޭވެހި މިހާބޮޑަށް ވިނަގަނޑު ހަލާކުވާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާނެ ކަމަށާއި ނަމަވެސް މިހާރު ވިނަގަނޑު ރަނގަޅު ކުރުމަށް ވަގުތީ ހައްލު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބައެއް ދަނޑުތަކުގައި ފަސް މެޗު ނުވަތަ ހަ މެޗު ކުޅެން ހަމަޖައްސާފައިވާއިރު ކޮންމެ މެޗަކަށް ދަނޑުތައް ތައްޔާރުކުރަން ވިނަތައް އިންދުން ފަދަ ވަރަށް ގިނަ މަސައްކަތް އަވަހަށް ފަށަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
2008 ވަނަ އަހަރުގެ ޔޫރޯގައި ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ބައެއް ދަނޑުތަކުގެ ވިނަގަނޑު އެއްކޮށް ބަދަލުވެސް ކުރި އެވެ. މާޓިން ކަލެން ބުނީ އެފަދަ ބަދަލެއް ގެންނަންވެއްޖެނަމަ އެކަން ކުރާނެ ކަމަށާއި ނަމަވެސް އެއީ ވަރަށް އުނދަގޫ އަދި އުނދަގޫ މަސައްކަތެއް ކަމަށެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ވަނީ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވުމުން ބައެއް މެޗުތަކުގައި ޓީމަށް މައްސަލަ ދިމާވާ ކަމަށް ވެސް ބުނެފަ އެވެ.
ޔުއޭފާއިން ވަނީ ރޭ އައިސްލޭންޑާއި ހަންގޭރީ ކުޅުނު މެޗުގެ ކުރިން އިއްޔެ ދަނޑުގައި އެ ދެ ޓީމަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ވެސް ނުދީފަ އެވެ. އެއީ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާތީވެ މެޗަށް ދަނޑު ތައްޔާރު ނުކުރެވިދާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި މިރޭ ފްރާންސާއި ސްވިޒަލޭންޑް ކުޅޭ މެޗުގެ ކުރިން އެ ދެ ޓީމަށް ވެސް ލިއްލެގެ ދަނޑުގައި ފަރިތަކުރަން ފުރުސަތު ދީފައެއްނުވެ އެވެ.