ބޭރު ކުޅިވަރު

ރޮސިސްކީ އަށް ޔޫރޯ ނިމިއްޖެ

ޗެކް ރިޕަބްލިކްގެ ކެޕްޓަން ތޯމަސް ރޮސިސްކީ އަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމިއްޖެ އެވެ.

އުމުރުން 35 އަހަރުގެ ކެޕްޓަނަށް މުބާރާތް ނިމުނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ތިން ހަފުތާ އާއި ހަ ހަފުތާއާ ދެމެދުގެ އަދަދަކަށް ނުކުޅެން ހުންނަންޖެހޭނެ ކަމަށް ޓީމުގެ ޑޮކްޓަރުން ލަފާކުރުމުންނެވެ.

އެންމެ ޕޮއިންޓަކާއެކު ޗެކް މުބާރާތުގެ ގްރޫޕް ޑީގެ ތިން ވަނާގައި އޮތްއިރު ތުރުކީއާއެކު ކުޅޭ މެޗުން މޮޅުވެގެން އެ ގައުމަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ރޮސިސްކީ އަކީ ޗެކް ރިޕަބްލިކަށް އެންމެ ޒުވާން އުމުރެއްގައި މެޗެއް ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި މި ފަހަރުގެ ޔޫރޯގައި ކުޅުމާއެކު އޭނާ ވެގެންދިޔައީ އެ ގައުމަށް ކުޅެދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ހުސްވި ސީޒަނުގައި އެންމެ 20 މިނިޓް ކުޅުނު ނަމަވެސް އޭނާ ޔޫރޯ އަށް ގެނައީ ގައުމީ ޓީމުގައި އޭނާހެ ތަޖުރިބާގެ ބޭނުން ވެސް ހިފުމަަށެވެ.