ބޭރު ކުޅިވަރު

އާދޭސްކުރަން، ރޮނާލްޑޯއާބެހޭ ސުވާލު ނުކުރޭ: ކޯޗު

ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއްް ނުދައްކާނެ ކަމަށާއި ޓީމުގެ ކެޕްޓަނާބެހޭ ގޮތުން އޭނާއާ ސުވާލު ނުކުރަން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އެދެފި އެވެ.

އޭނާ މިހެން ބުނީ ރޮނާލްޑޯ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، ރޭ އޮސްޓްރިއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗަށް ފަހު އެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅެ، ލަނޑެއްް ނުޖެހި އެއްވަރުވި ދެ ވަނަ މެޗެވެ. މިހެންވެ އެ ގައުމަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ހަންގޭރީ އަތުން މޮޅުވެގެންނެވެ.

"އަހަރެން ބޭނުމެއް ނޫން ރޮނާލްޑޯއާބެހޭ ގޮތުން ވާހަކަ ދައްކަން. އަހަރެން ގާތުގައި ސުވާލު ނުކުރޭ. އާދޭސް ކުރަން،" މެޗަށް ފަހު ސަންޓޯސް ބުންޏެވެ.

މި މެޗުގައި ރޮނާލްޑޯ އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު އޭނާ ވަނީ އެތައް ފުރުސަތެއް ވެސް ނަގާލައިފަ އެވެ.

ކޯޗު ބުނީ މެޗުގައި އެތައް ފުރުސަތުތަކެއް ނަގާލެވުމުން އޭނާގެ ކުޅުންތެރިންނަށް ކޮންސަންޓްރޭޓް ނުކުރެވުނު ކަމަށެވެ.

"މިއީ އިންސާފެއްނޫން. އަހަރުމެންނަށް ގޯލެއް ނުޖެހި މެޗު ނިމުމަކީ ގަބޫލު ކުރެވޭ ކަމެއްނޫން. އެކަމަކު މިއީ ފުޓްބޯޅަ. ދެން މިއޮތީ އަހަރުމެންނަށް މި މުބާރާތުގައި ފައިނަލެއް. މުބާރާތުގެ ފުރަތަމަ ފައިނަލް ކުޅެން މިޖެހެނީ 22 ގައި. ކުރާނެ ކަމެއްނެތް،" ކޯޗު ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ފޯވަޑް ލުއިސް ނާނި ބުނީ އެތައް ފުރުސަތުތަކެއް ލިބި ބޭކާރުވި މެޗުން މޮޅުވާން ކުޅުންތެރިން ހުރިހާ ކަމެއް ވެސް ކުރި ކަމަށެވެ.

"އަނެއްކާ ވެސް ބޯޅަ ގޯލަށް ނުވަދެ މެޗު ނިމުނީ. އަހަންނަށް ހީވަނީ އަދި އަހަރުމެންގެ ވަގުތު އަންނާނެހެން. ކުރިއަށް އޮތީ އެންމެ މުހިންމު މެޗު. އެމެޗުގައި އަހަރުމެން ގޯލު ނުޖަހައިވާކަށް ނެތް،" ނާނި ބުންޏެވެ.

ޕޯޗުގަލް މިހާރު އޮތީ ގްރޫޕް އެފްގައި ދެ ޕޮއިންޓާއެކު ތިން ވަނާގަ އެވެ. އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ހަންގޭރީ އެވެ. ދެ ވަނާގައިވަނީ ދެ ޕޮއިންޓާއެކު ގޯލުގެ ތަފާތުން އޮތީ އައިސްލޭންޑެވެ. އެއް ޕޮއިންޓާއެކު ފުލުގައި އޮތީ އޮސްޓްރިއާ އެވެ.