ވާހަކަ

ތުނޑިމަތީގައި ލޭ

ލޯގަނޑާ މޫނު ކައިރިކޮށްލުމަށް ފަހު ޒަހީނާގެ އަތުގައި އޮތް ފިނިފެންމާ ގެނެސް ބޮލުގެ އެއް ފަރާތެއްގައި ހަރުކޮށް، ހެޔޮވަރުކޮށްލައިފި އެވެ. އެއަށް ފަހު ފަރިބަލަން އިނދެފައި ގޮސް އަނެއްކާވެސް ލޯގަނޑާ މޫނު ކައިރިކޮށް، ކުރިން ހަރުކުރި ތަނުން އެ މާ ނަގައި އެހެން ތަނެއްގައި ހަރުކޮށްލި އެވެ. ދެން އަނެއްކާވެސް ލޯގަނޑާ ދުރަށް ޖެހިލުމަށް ފަހު ފަރިބަލަން ފެށީ އެވެ.

އޭނާ އެ ތައްޔާރުވަނީ ބޭރަށް ދާށެވެ.

ގެއިން ނުކުމެގެން ހާސްކަމެއްގެ ތެރެއިން ފިޔަވަޅު އަޅަމުން، ފަސްއެނބުރި ބަލަމުން ގޮސް ގޯޅިއަކަށް އެޅިއިރު މިސްކިތް މަގުން ނުކުމެގެން ބޮޑު ސިންގާ ރެލީ ބައިސިކަލެއްގައި އެހެރަ އަންނަނީ ސަމީރު އެވެ. ގަމީހުގެ ބައެއް ގޮށްތައް ނައްޓުވާލައިގެން މޭފުއްޕާލާފައި މަގުގެ ކޮޅުން އޭނާ ދައްކާލުމާ އެކު ޒަހީނާ ކުރަން ފެށި ދުޢާ އަކީ އޭނާގެ ނުބައި ދެ ލޮލާއި ދުލުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރި އާދޭހެވެ. ނަމަވެސް ކޮންމެ ދުއާއެއް ވަގުތުން އިޖާބަކުރައްވާ އާދޭހަކަށް ނުވެ ސަމީރުގެ ދެ ލޮލާއި ހުތުރު އަނގައިން ޒަހީނާ ޝިކާރަކޮށް ލަދުގަންނަވާލީ އެވެ.

"މަންޖެގަނޑާ. ހާދަ ނަލަ ހެދިލައިގެން ތިއޮތްދަނީ. ކާކުގެ އުނގަށް ވެއްޓެންތަ މިއަދު،" މާދުރުން ޒަހީނާ ފެނިގެން އޭނާއާ ދިމާލަށް ހުންގާނު އަނބުރާލި ގޮތަށް އައިސް ކައިރިއަށް ބުރަކި ޖައްސައި ކުރި ބައްދާލަމުން ސަމީރުގެ ރާގުގަނޑު އަޅުވާލި އެވެ.

ޒަހީނާ އޮތީ ސަމީރުގެ ރެލީ ބައިސިކަލާއި ތެޅިގަލުގެ އުއަ ފާރާ ދެމެދުގައި ތާށިވެފަ އެވެ. ގުޑިލަން ނުކެރިފަ އެވެ. އެކަމަކު ބިރުގަނެފައި ހުރިވަރުން ކޮންމެވެސް ވަރަކަށް ތުރުތުރުއަޅަމުން ދެ އެވެ.

ހިސާބުގަނޑުން މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ފާރާއި ބައިސިކަލާ ދެމެދަށް ލައި ފިއްތާލައިގެން ހުރެ ސަމީރު، ޒަހީނާ އަށް ކޮންމެ ފަދަ ޖެއްސުމެއް ކުރިޔަސް އެކަން ހުއްޓުވާނެ މީހަކު ނާންނާނެ އެވެ. އެކަން އޭނާ އަށް ވެސް އެނގެ އެވެ. އެހެން ނޫނަސް ސަމީރަކީ ރަށު މީހުން ހީކޮށްފާނެ އެއްޗަކަށް ވިސްނާ ޒުވާނެއް ނޫނެވެ. އަނގަ އާއި އަތުގެ ބާރު ދައްކާލައިގެން އުޅޭ މީހެކެވެ.

"ހާދަ ރީތި ފިނިފެންމަލެކޭ ދޯ މިއީ،" ޒަހީނާގެ ބޮލުގައި ހުރި މާ ނަގައިގެން އޭގެ ވަސް ބަލައިލަމުން ސަމީރު ބުނެލި އެވެ.
ޒަހީނާ ހުރީ ދެ ލޯ މަރައި، މޫނުގައި ދެ އަތް އަޅައި ބާރުކޮށްލައިގެންނެވެ. ސަމީރު އައިސް އެއިން އަތެއްގައި ހިފުމުން ކުރިއަށް ވުރެ ބާރުލައިގަތެވެ.

"އައްދެ މަ ނުވެސް އުޅެން ކަލޭގެ މޫނު ބަލާ ހިތަކުންނެއް."
"މާ ރީތި މީހެއް ވެސް ނޫނޭ މިއީކީއެއް އަދި"
"ބަލަ ކައެއަށް ވުރެ މާ ރީތި ކުދިން ވާނެއޭ މި ސަމީރަށް."

ޒަހީނާގެ ފަރާތުން ލިބޭނެ އިތުރު މޮޅެއް ނެތްކަން އިހްސާސްވެ ސަމީރު އޭނާގެ ބައިސިކަލް ދުރައް ޖައްސައި، އެއަށް އަރައިގެން ނައްޓާލައިފި އެވެ. ވެއްޓުނު ފިނިފެންމާ ބައިސިކަލްގެ ފުރޮޅު ދަށުވެ ޗިސްވީ އެވެ.

ކަރުނަ ފޮހެމުން ޒަހީނާ ދުއްވައިގަތީ ތުނޑިއަށް ނުކުންނަން އޮންނަ މަގުންނެވެ. އޭރު، ރަތްވިލާތަކާ އެކު ދުނިޔެ، ފުސް އަނދިރިކަމެއްގެ ތެރެއަށް މަޑުމަޑުން ގެނބެމުން ދަނީ އެވެ.

ގޮނޑުދޮށުގައި އިށީނދެލައިގެން އިން ނާޒިމްއާ އަރާހަމަކޮށްލިއިރު ޒަހީނާގެ މޫނުމަތިން ކަރުނައިގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ބިރުވެރިކަން ވެސް ވަނީ ފިލައިގެން ގޮސްފަ އެވެ. ބަންޑުންވަމުން ދިޔައީ، ބައްދަލުވާން ކެތްމަދުވެފައި ހުރި މީހަކާ އެންމެފަހުން ބައްދަލުވުމުގެ އުފާވެރިކަމެވެ.

ޒަހީނާ ފެނުމާ އެކު ފުންމައިގެން ތެދުވެ، ނާޒިމް އޭނާގެ ގައިގައި ނިކަން ބާރަށް ބައްދައިގަތެވެ.

"ހާދަ ލަސްވީ މިއަދު؟،"

އަތުގައި އޮތް ފިނިފެންމަލެއް ޒަހީނާގެ ބޮލުގައި ހަރުކުރުމަށް ފަހު ކަންފަތް ކައިރިއަށް ނާޒިމް ބޮސްދިނުމުން އެރި ހީލިގަނޑަކާ އެކު ޒަހީނާ ދުރަށް ޖެހިގަތެވެ.

ގޮނޑުދޮށަށް ފައިބައިގެން ދެން އޭނާ ދުއްވައިގަތީ ތުނޑިއާ ދިމާލަށެވެ. ފަހަތުން ނާޒިމް ވެސް ދުއްވައިގަތެވެ.

*** ** ***

"މިގޮތަށް ކިހާ ދުވަހެއް ވަންދެންތަ މަންމަ އަށް ފިލައިގެން ބޭރަށް އަންނަން ޖެހޭނީ،" އުނގުގައި ބޯއަޅައިގެން އޮތް ލޯބިވެރިޔާގެ ފަން އިސްތަށިގަނޑުގެ ތެރެއިން އިނގިލިތައް ދުއްވަމުން ގޮސް ޒަހީނާ ސުވާލެއްކޮށްލި އެވެ.

ދެ މީހުން މިހާރު އެތިބީ ގޮސް ތުނޑީގެ އެންމެ ކޮޅުގަ އެވެ. އޭރު އެމީހުންގެ ފަހަތުން ރަށް ފެންނަނީ ނިދާފައި އޮތް ބޮޑު ފުރޭތައެއްގެ ހިޔަނި ފަދައިންނެވެ. ރުއްތަކުގެ ފަންތައް ހެލިލާ މަންޒަރު ފެންނަނީ އެ ފުރޭތައިގެ އަތްފައި ހަރަކާތްކޮށްލާ ޒާތުގަ އެވެ.

"ދެން ބުނެ ބަލަ،" ލޯ މަރާލައިގެން، އުނގުގެ އަރާމުކަމުގެ ތެރެއަށް ގެއްލިފައި އޮތް ނާޒިމްގެ ކޮލުގައި ޒަހީނާ މަޑުމަޑުން ވިކާލި އެވެ.

"ޒަހީ އަށް އެނގޭތަ ހަގީގީ ލޯތްބަކީ ކޮބައިކަން؟،" ސީދާ ޖަވާބެއް ނުދީ ނާޒިމް ވެސް ކޮށްލީ ސުވާލެކެވެ.

އެއަށް ފަހު ދެން ވެސް ވާހަކަ ދެއްކީ އޭނާ އެވެ.

"އެއީ މަންމަމެންނަށް ފިލައިގެން ވެވޭ ލޯތްބޭ."

"ކިހާ ތެދުވެރި. އަހަރެމެން ދެ މީހުން ފިޔަވައި އިތުރު އެކަކަށް ވެސް އަހަރެމެން ދެ މީހުންގެ ލޯބި ފާހަގަނުވޭ"
"އެއީ އަހަރެމެން ދެ މީހުންގެ ހާއްސަކަމެއް ނޫންތަ؟"
"ސިއްރު ލޯތްބެއް ނޫންތަ އެންމެ ފޮނި ލޯތްބަކީ؟"

ނާޒިމްގެ ވާހަކަ އެހިސާބަށް ގެންގޮސްފައި ދެ ލޯ ހުޅުވާލި އެވެ. އޭރު ޒަހީނާގެ ތުންފަތްމަތީގައި ކުޅެމުން ދިޔަ ލުއި ހިނިތުންވުން ނާޒިމްގެ މޫނަށް ވެސް ބަންޑުންވެއްޖެ އެވެ.

"އެކަމަކު އަބަދަކު މި ތުނޑިއަކަށް ނާދެވޭނެއެއް ނޫން،" އުނގުން ތެދުވިގެން އައިސް ނާޒިމް ކައިރީގައި އިށީނުމުން ޒަހީނާ އެހެން ވާހަކައެއް ފެށި އެވެ.

"އެއީ ކީއްވެޔޯ،" ޒަހީނާގެ ލޭގެ ހޫނުކަން އިހްސާސްވާ ވަރަށް ގާތަށް ޖެހިލަމުން ނާޒިމްގެ ކަނާއަތުން އޭނާގެ އުނަގަނޑު ވަށައިލި އެވެ.

"ޖިންނި ވެސް އަވަލަފާނެނުން،" އިނގިލިތަކުން އުނަގަނޑާ ދިމާލަށް އަރުވަމުން ދިޔަ ހީލިތަކާ ހެދި ޒަހީނާ އިނީ ވާހަކަ ދައްކަން ވެސް އުނދަގޫވެފަ އެވެ.

"ނޭނގެއެއް ނޫން މިވެސް ޖިންނިއެއް ނޫން ކަމެއް،" ނާޒިމްގެ އަޑު ކުއްލިއަކަށް ވަރުބަލިކޮށްލައިފި އެވެ.

އޭރު އޭނާ އޮތީ ލޯބިވެރިޔާގެ ކޮނޑުގައި ބޯއަޅައިގެންނެވެ. ކޮނޑުގައި ބޯއަޅައިގެން އޮތީ ޖިންނިއެއް ނޫންކަން ޒަހީނާ އަށް ވެސް އެނގެ އެވެ.

"އަހަންނަށް ހެވޭ ޖިންނިއަކަށްވިޔަސް،" ޒަހީނާ ވެސް ކޮށްލީ ސަމާސާއެކެވެ.

އެކަމަކު އެއާ އެކު ފަހަތުން އިވުނު އަޑަކުން ދެ މީހުން ވެސް ފިތްކަނޑައިގެންދިޔައީ އެވެ. ފުންމައިގެން ގޮސް ޒަހީނާ އަށް ބައްދައިގަނެވުނީ ލޯބިވެރިޔާގެ ގައިގަ އެވެ. ފަސް އެނބުރި ބެލިއިރު މުޅި ހިސާބުގަނޑު ވަނީ އަނދިރިކަމެއްގެ ތެރެއަށް ގަނބައިގެން ގޮސްފަ އެވެ.

ނަމަވެސް އިވެމުން ދިޔަ އަޑުން، އެ ހިސާބުގަނޑުގައި މަޑުން ތިބޭކަށް ނާޒިމް އާއި ޒަހީނާއަކަށް ވެސް ނުކުރުނެވެ. އެއީ އަންހެނެއްގެ ރުއިމުގެ އަޑެވެ. މީހެއްގެ ކިބައިން ސަލާމަތްވުމަށް އެދި ހޭރެމުން ދިޔަ އަންހެނެކެވެ. އެކަމަކު ކުއްލި ކުއްލިއަށް އިވެމުން ދިޔަ އެ އަޑު ކުއްލިއަކަށް ކެނޑިގެން ވެސް ދިޔައީ އެވެ.

"އޭ... މަޑުކޮށްބަލަ،" އަންހެން މީހާގެ އަޑު އިވުނު ދިމާލަށް ނާޒިމް ހިނގައިގަތުމުން ކުރު ފިޔަވަޅުތަކެއްގައި އައިސް ޒަހީނާ އޭނާގެ އަތުގައި ހިފީ ގަނެފައި ހުރި ބިރެެއްގެ ބޮޑުކަމުންނެވެ.

ލަސް ފިޔަވަޅުތަކެއް ނަގަމުން ދަނިކޮށް ނާޒިމްގެ ސަމާލުކަން އަތުލީ މާދުރު ނޫން ހިސާބަކުން ފެންނަން ހުރި އައްޔެކެވެ. އެއީ ޓޯޗު ބައްތިއެއްގެ އަލި އެވެ. ދިއްލާފައި ބިން މައްޗަށް އެއްލާލައިފަ އެވެ. އޭރު އެ ދިމާލުން މީހެއްގެ ހިލަމެއްވެ އެވެ. އެއީ ފިރިހެނެއް ކަމާއި އޭނާގެ އަތް ދަށުގައި އިތުރު މީހަކު އޮތްކަން އެނގުމާ އެކު ނާޒިމް ހުރި ހިސާބުގައި މަޑުކޮށްލި އެވެ. އޭރު އައްޓަމަހެއްހެން އޭނާގެ ގައިގައި ތައްވެގެން ހުރި ޒަހީނާ ތުރުތުރުއަޅަމުންދާކަމުގެ އިހްސާސް ވެސް އޭނާ އަށް ކުރެވެ އެވެ.

ޒަހީނާ ގޮވައިގެން ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅަން ނާޒިމް އިތުރަކަށް ބޭނުމެއް ނުވި އެވެ. އެހިސާބުން ނާޒިމް އެދުނީ އޭނާގެ ލޯބިވެރިޔާ އެތަނުގައި މަޑުކުރުމަށެވެ. އަދި ކަމެއް ގޯސްވެއްޖެ ނަމަ ރަށު ތެރެއަށް ދުއްވައިގަތުމަށެވެ.

"ނުކެރޭނެ. ހިނގާ ބަލަ ދެ މީހުން ދާން މިތަނުން."

ނަމަވެސް ނާޒިމް އޭނާގެ ލޯބިވެރިޔާ ދޫކޮށްލާފައި ވަގު ފިޔަވަޅުތަކެއް ނަގަމުން ކުރިއަށް ޖެހެން ފެށީ ކުރިމަތިން ފެންނަ އޮތް ޓޯޗް ބައްތީގެ އައްޔާ ދިމާލަށެވެ. ކުރިމަތީގައި އޮތީ ކިހާ ވަރެއްގެ ނުރައްކަލެއްކަމެއް އޭނާއަކަށް އޭރު އިހްސާސެއް ވެސް ނުކުރެވެ އެވެ.

ވާނުވާ އެނގޭ ހިސާބަށް ދެވުނުއިރު ދެން ފެނުނު މަންޒަރާ އެކު ނާޒިމްގެ ހަތަަރެސްފައި ތުރުތުރުއަޅައިގަތެވެ. ޒުވާން އަންހެން ކުއްޖެގެ އިތްފަތްތެރިކަން މާ ސިންގާ ފިރިހެނަކު ފޭރިގަންނަނީ އެވެ. ހެދުންތައް އިރައި އޮރިޔާންކޮށްފައި އޮތް އަންހެން ކުއްޖާގެ ފުރާނައެއް ވެސް ނެތެވެ. އޭނާގެ ބޮލުގެ ނިއްކުރިއަށް ޖަހާފައި ހުރި ކަތިވަޅިއެއް އޭރު ވެސް ފެންނަން ހުއްޓެވެ.

މި މަންޒަރު ފެނި ފިލަން ދުއްވައިގަތުމަށް އެނބުރިގަތް ވަގުތު ފައި ފުރޮޅާލައިގެން ނާޒިމް ވެއްޓިއްޖެ އެވެ. ހަޅޭލައްވައިގަތުމަށް ކިތަންމެ ބޭނުންވެފައި ހުއްޓެއް ކަމަކު ގަނެފައި ހުރި ބިރެއްގެ ސަބަބުން އަނގައިން އެއްވެސް އަޑެއް ވެސް ނާދެ އެވެ. ނަމަވެސް އޭރު މަރާލާފައި އޮތް އަންހެން މީހާގެ ކިބައިން އުފާ ހޯދަމުން ދިޔަ ބިޔަ ބޮޑު މީހާ ތެދުވިގެން އައިސް ނާޒިމްގެ މޫނަށް ބައްތީގެ އަލި އަޅުވާލައިފި އެވެ. އިތުރު ފުރުސަތެއް ނުދީ އޭނާގެ އަނެއް އަތުގައި އޮތް ކަތިވަޅިން ހަމަލާ ދިނީ ނާޒިމްގެ ކަރަށެވެ.

އެއަށް ފަހު އެމީހާގެ ސަމާލުކަން ލިބުނީ ދުރުން އިވުނު އަންހެނެއްގެ އަޑަށެވެ. އެއީ ޒަހީނާ ބަޑިފަޅައިގެން ދިޔަ އަޑެވެ. އަނގަމަތީގައި އަތް އަޅައިގެން އޮތް ނަމަވެސް ލޯބިވެރިޔާގެ ފުރާނަ ޖަހައިގަތް ރަހުކުޑަގޮތް ފެނިފައި އެ ހިތް ފަޅައިގެން ނުކުތީއެވެ.

އަޑުއިވުނު ދިމާލަށް އެ މީހާ ކުއްލިއަކަށް ބައްތި ދިއްކޮށްލި އެވެ. މީހަކު ފެންނާކަށް ނެތެވެ. ފެންނަން ހުރީ ވެލި ފުންޏެކެވެ. އެ ދިމާލަށް އޭނާ ހިނގައިގަތުމުން ފައިގައި ކުއްލިއަކަށް ހިފީ ނާޒިމް އެވެ. ނާޒިމްގެ ދުވަސް އެއްކޮށް ނުދަނީ އެވެ. އެ މަންޒަރު ފެނި އަނެއްކާވެސް އޭނާއާ ދިމާލަށް އެނބުރި ކަތިވަޅިން އެ މީހާ ދެން ހަމަލާ ދިނީ ނާޒިމްގެ ބޮލުގެ މެދަށެވެ. އެއަށް ފަހު އަންހެނެއްގެ އަޑު އިވުނު ދިމާލަށް އެމީހާ ދުއްވައިގަތެވެ.

ވެލިފުނި މަތިން ފުންމައިގެން އަރައި ބެލިއިރަކު އެތަނުގައި އެކަކު ވެސް ނެތެވެ. ދެން އިވުނީ މާ ދުރުން މީހަކު އެހީ އަށް އެދި ރޮއިގަތް އަޑެވެ.

ސަލާމަތްވުމަށް ރަށު ތެރެއަށް ދުވަމުން ދިޔަ ޒަހީނާ ކޮންމެވެސް އެއްޗެއްގައި އަޅައިގަނެގެން ވެއްޓި އަނިޔާވީ އެވެ. މަޑުމަޑު ލަސް ހިނގުމެއްގައި ދުރުން އައި މީހާގެ ބައްތީގެ އަލި ޒަހީނާގެ މޫނަށް އެޅުނުއިރު ކައިރީގައި އޮތް ބޮޑު ރެލީ ބައިސިކަލު ވެސް އޭނާ އަށް ފެނިއްޖެ އެވެ. އަދި ކަތިވަޅި ހިފައިގެން ކުރިމަތީގައި ހުރި މީހާގެ މޫނު ރަނގަޅަށް ނުފެނުނަސް އެއީ ކާކުކަން ވެސް އެނގިއްޖެ އެވެ.

*** *** ***

ޓޯސްޓްވެގެން ދެ ޕާންފޮތި ޓޯސްޓަރުން ފުންމައިގެން އެރިއިރު ދެ ބިހުގެ ނަލަ ބިސްގަނޑެއް އަޅައިގެން ސަމީރު އެނބުރި ގަންނަނީ އެވެ. އެއަށް ފަހު ބްރޭކްފާސްޓަށް ހަމަކުރަން ޖެހޭ ހުރިހާ އެއްޗެއް ހަމަކޮށް، ފްރިޖު ތެރެއިން ނެގި މިލްކް ޕެކެޓަކާއި ޖޫސް ޕެކެޓެއް ހިފައިގެން އޭނާ ހިނގައިގަތީ ބަދިގެ ތެރޭގެ މާ އެތެރޭގައި ހަދާފައި ދޮރަކާ ދިމާލަށެވެ. އެ ދޮރު ހުޅުވާލުމުން މަގު ހުޅުވިގެން ދިޔައީ ބިންގަރާސް ސިޑިއަކަށެވެ.

އެތެރެއަށް ވަދެ ދޮރު ލައްޕައި ތަޅުލުމަށް ފަހުއެ ސިޑިން އޭނާ ތިރިއަށް ފޭބީ މަޑުމަޑުން ލަސްލަހުންނެވެ. ގޭގެ، ވިހި ފޫޓް ބިމު އަޑީގައި ގާއިމުކޮށްފައިވާ ބިންގަރާސް ކޮޓަރި ތެރެއިން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވެގެންނެވެ. ސިޑި ނިމޭތަނުގައި ހުރީ ކުޑަ މޭޒެކެވެ. ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ ފަނޑު އަލިކަމެކެވެ.

ސިޑިން ތިރިއަށް ފޭބުމަށް ފަހު ސަމީރުގެ އަތުގައި ހުރި ކާ އެއްޗެހިތައް މޭޒު މަތީގައި ބެހެއްޓި އެވެ. އެވަގުތު ސަމީރަށް ހަމަލާ ދިނުމަށް ހައިވާނެއްހެން ފުމެމުން އައި މީހާ ކުއްލިއަކަށް މައިތިރިވެގެން ވެއްޓުނީ އޭނާގެ ދެ ފައިގައި ޖަހައިފައި ހުރި ޗެންޗޭނަށް ވާންވެ ބާރުވެގެންނެވެ.

އެއީ ޒަހީނާ އެވެ. އުފާކޮށްލަން ނުލިބުނު އެ އަންހެން ކުއްޖާ އެވަނީ ތުނޑިމަތިން ހޮވައިގެން ގެނެސް ސަމީރުގެ އަޅަކަށް ހަދައިފަ އެވެ.

މޫނުކުނިކޮށްލައިގެން ކަޅި ވެސް ޖަހާނުލައި ސަމީރާ ދިމާލަށް ޒަހީނާ ބަލަހައްޓައިގެން ހުއްޓެވެ. މާ ބޮޑު ސަމާލުކަމެއް ނުދީ ސަމީރު އެރީ ބިންގަރާހުން މައްޗަށެވެ. ހެނދުނުގެ ނާސްތާ އަށް ޒަހީނާގެ ޝައުގުވެރިކަމެއް ނެތަސް އެ ރެއަށް ފަހު ކޮންމެ ދުވަހެއްގެ ހެނދުނުގެ ކެއުން ވެސް ސަމީރަށް ވަރަށް ހާއްސަ އެވެ.

ބަދިގެ ތެރޭގައި ހުރި ސްޓޯރޭޖު ކޮޓަރިއަށް ވަދެ އެތަނުގައި ހުރި ބޮޑު ޑީ ފްރިޖު ހުޅުވާލުމަށް ފަހު އޭނާ ނެގީ ނިކަން ވަރުގަދަ އަށް ޕެކެޓްކޮށްފައިވާ ދެ ވައްތަރެއްގެ މަހެވެ. އެއީ ކުދިކުދިކޮށް ކޮށާފައި ހުރި މަސްތަކަކާއި ބޯވަ ފައިތަކެއްގެ ސިފަ ލިބިފައިވީ އެއްޗެހިތަކެކެވެ.

ކައްކަން ތައްޔާރުކޮށް ސަމީރު އަޅުވާލީ ރޭޑިއޯ އެވެ. އަލީ ރަމީޒުގެ ލަވަ އެކެވެ.

އެއަށް ފަހު، ނާޒިމްގެ ގައިން ކޮށި މަސްތަކާއި އޭނާގެ ސިކުނޑީގެ ބައިތަކުން މޮޅު ސޫޕުގަނޑެއް އަނބުރައި ކައްކަން ފެށީ އެވެ. އައްޔަގެ އަޑުދަށުން "ނިންދެވީތި މޭމަތީ" ކިޔަމުންނެވެ.