ރޯދަ މަހާ ރޯއްޖާ

ވަފާތެރި އެންމެ ބޭބެއަކާ ކެހިވެރި ދިހަ ބޭބެއިން

މިއީ ކީރިތި ޤުރުއާނުގެ ވާހަކަތަކުގެ ތެރެއިން ވިސްނާ ފިކުރުކުރާ ބަޔަކަށް ފެންނަން އޮތް ބޮޑު ޢިބްރަތެކެވެ. ރަސޫލު ބޭކަލެއްގެ އެއްބަނޑު އެއްބަފާގައި ހުންނެވި އެންމެ ބޭބެއެކެވެ. ވަފާތެރިކަމާ އެހީތެރިކަމުގައި އެއީ ލާމަސީލު ނަމޫނާއެކެވެ.

އެއީ މޫސާގެފާނުގެ ބޭބޭފުޅު ހާރޫން ޢަލައިހިއްސަލާމެވެ. ތާރީޚީ ފަތްފުށްތަކުން އެނގޭގޮތުގައި މޫސާގެފާނަށް ވުރެ 3 އަހަރު ދޮށީ ބޭބޭފުޅަކު ކަމުގައި ހާރޫންގެފާނު ވެވަޑައިގަތެވެ. ހާރޫންގެފާނު އުފަންވެ ވަޑައިގަތް އަހަރަކީ އަލަށްވިހާ ފިރިހެން ދަރީން ވަގުތުން މެރުމަށް މިޞްރުގެ އެއިރުގެ ފިރުޢައުނު ރަމްސީސް ދެވަނަ އަމުރުކޮށްފައި ނެތް އަހަރަކަށް ވާތީ، ފިރިހެން ދަރިއަކު ވިހެއުމުން ފިރުޢައުނަށް ފޮރުވުމަށް އެއްވެސް ބުރައެއް އުފުލާކަށް އެޢާއިލާއަކަށް އެފަހަރަކު ނުޖެހެއެވެ. ނަމަވެސް މޫސާގެފާނު އުފަންވެ ވަޑައިގަތް އަހަރު، ވިހާ ކޮންމެ ފިރިހެން ދަރިއަކު ވަގުތުން ޤަތުލުކުޅައުމުގެ އަމުރު ފިރުޢައުނު ނެރެފައި އޮތަތީ، ފިރުޢައުނުގެ ޖައްލާދު ސިފައިންގެ އަތްދަށުން ތުއްޕުޅު މޫސާގެފާނު ސަލާމަތްކުރެއްވުމަށްޓަކައި ﷲގެ އަމުރުފުޅާ އެއްގޮތަށް ފޮށްޓެއްގެ ތެރެއަށްލާފައި ކޯރުގެ ފެންގަނޑުގެ ތެރެއަށް މޫސާގެފާނުގެ އެންމެ ޅަފަތުގައި ދޫކޮށްލެވުނު ވާހަކަ ވަރަށް ތަފްޞީލުކޮށް ކީރިތި ޤުރުއާނުގައި ވާރިދުވެފައިވެއެވެ.

ތާރީޚް ފޮތްތަކުން އެނގޭ ގޮތުގައި މޫސާގެފާނާ ހާރޫންގެފާނު ބޮޑުފުޅުވަމުން އައީ، އަޚުވަންތަކަމުގެ ފުރިހަމަ ކުލުނާ އެކުވެރިކަމާއެކުއެވެ. ދިމާވި ޙާދިސާތަކަކަށްފަހު ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްވެވަޑައިގަތުމަށް 10 އަހަރު ރަށުން ބޭރުގައި އުޅުއްވިފަހުން، މިޞްރުގެ ބިމަށް އެނބުރި ވަޑައިގަތުމަށާ، ފިރުޢައުނާ ކުރިމަތިލައްވާ ﷲގެ ރިސާލަތު ފިރުޢައުނަށް އިއްވަވާ ރަސޫލު ބޭކަލެއްގެ ޒިންމާ މޫސާގެފާނާ މަތިކުރައްވައިފިކަން ސީދާސީދާ ﷲގެ ޙަޟްރަތުން އަމުރުކުރައްވައި ވަޙީކުރެއްވިއެވެ. އެހިނދު، މޫސާގެފާނުގެ އަރިހުގައި ނާއިބެއް ނުވަތަ ވަޒީރެއްގެ ގޮތުގައި ބޭބޭފުޅު ހާރޫންގެފާނު ހިމަނުއްވައިދެއްވުމަށް ﷲގެ ހަޟްރަތުގައި މޫސާގެފާނު ދެންނެވިއެވެ. އެކަމުގެ ސަބަބެއްކަމުގައި ދެންނެވީ، ﷲގެ ރިސާލަތު ބަޔާންކޮށްދެއްވުމުގައި ދޫފުޅު ފަސޭހަކަމާއެކު މާ މޮޅަށް ހާރޫންގެފާނު ވާހަކަފުޅު ދައްކަވާނެތީ، މޫސާގެފާނަށް ލިބިވަޑައިގަންނަވާ ބާރަކަށް އަދި ޔަޤީންކަމަކަށް ހާރޫންގެފާނު އަރިހުގައި ހުންނެވުން ވާނެކަމެވެ.

މޫސާގެފާނުގެ އެ ދެންނެވުން ކީރިތިﷲ ޤަބޫލުކުރައްވާ ވޮޑިގެންވިއެވެ. އަދި މޫސާގެފާނުގެ އަރިހުގައި ވަޒީރެއް އަދި އެހީތެރިއެއްގެ ގޮތުގައި އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ފިރުޢައުނުގެ ކުރިމައްޗަށް ހާރޫނުގެފާނު ފޮނުއްވިއެވެ.

އެ ދުވަހަށްފަހު ހާރޫންގެފާނު އަވަހާރަވެވަޑައިގަތުމާއި ހަމަޔަށްވެސް އެއީ ބޭބެއެއްގެ ގޮތުގައި އެފަދަ ދެވަނައެއް ނެތް ވަފާތެރިކަމުގެ ނަމޫނާއެކެވެ. ކީރިތި ޤުރުއާނުގައި ވިއްސަށްވުރެ ގިނަ ފަހަރު ހާރޫންގެފާނުގެ ނަން ގަނެވިފައިވީއިރު، ރަސޫލެއްގެ ދަރަޖައިގާ، އަދި ނަބިއްޔެއްގެ ދަރަޖައިގާ، އަދި މޫސާގެފާނު ވަޑައިގެން ނޫޅުއްވާ ވަގުތުތަކުގައި މީސްތަކުންނަށް މަގުދައްކަވާ ބޭކަލެއްގެ ގޮތުގައި އަދި މޫސާގެފާނުގެ ވަޒީރެއް ނުވަތަ ނާއިބެއްގެ ގޮތުގައިވެސް ހާރޫންގެފާނުގެ ވާހަކަ ބަޔާންވެގެންވެއެވެ. އެކަލޭގެފާނުގެ އިޚްލާޞްތެރިކަމާ ސާބިތުކަމުގެ ވާހަކަތައް ﷲގެ ކަލާމްފުޅުގައި ތަކުރާރުވެގެން ވެއެވެ.

ބަނީއިސްރާއީލުންގެ ބޮޑާދެއްކުމާ ނުކިޔަމަންތެރިކަން އިންތިހާއަށް ދިޔަ ވަގުތުތަކުގައި ބައެއް ފަހަރު ޙައްޤުމަގުގައި މޫސާގެފާނުގެ އަރިހުގައި ސާބިތުވެވަޑައިގެން ދެގޮތެއްނުވެ ހުންނެވި ހަމައެކަނި ބޭކަލަކަށްވެސް ހާރޫންގެފާނު ވިއެވެ. މިކަން، ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 25 ވަނަ އާޔަތުގައި ބަޔާން ވެގެން ވެއެވެ.

ވަފާތެރި އެންމެ ބޭބެއެއްގެ މި ނަމޫނާ ޤުރުއާނުގައި ބަޔާންވެގެންވީ ބީދައިން، ކެހިވެރި އަދި މަކަރުވެރި 10 ބޭބެއިންގެ އަސަރު ގަދަ ވާހަކަވެސް ތާރީޚީ ޢިބްތަރެއްގެ ގޮތުގައި ޤުރުއާނުގައި އޮތީ ފެންނާށެވެ. އެއީ ސަލާމްލެއްވި ޔޫސުފްގެފާނުގެ އެއްބަފާ 10 ބޭބެއިންނެވެ. ރައޫބީން، ޝަމްޢޫން، ލާވީ، ޔަހޫޛާ، ދާން، ނިފްތާނީ، ޖާދް، އަޝީރް، ޔުސާކިރް، އަދި ޒަބޫލޫން އެވެ.

މި 10 ބޭބެއިންގެ ހަގަށް އެއްބަފާގައި ހުންނެވި ޔޫސުފްގެފާނާ މެދު ބައްޕާފުޅު ޔަޢުޤޫބުގެފާނު މާ ލޯބިން ކަންތައްކޮށްދެއްވާކަމަށް ޤަބޫލުކުރެވުނު ހިނދު، 10 ބޭބެއިން ސައްލާކޮށް ރޭވީ ކޮއްކޮ ޤަތުލު ކުރުމަށެވެ. ނުވަތަ ދުރު ހިސާބަކަށް ގެންގޮސް ގެއްލުވާލުމަށެވެ. މިކަމުގެ ޚަބަރުތައް ކީރިތި ޤުރުއާނުގެ ޔޫސުފް ސޫރަތުގައި ވާރިދުވެފައި އެވަނީއެވެ.

ޔޫސުފްގެފާނު ކުޅެން ގެންގޮސް ވަޅަކަށް ވައްޓައިލާ ގެއްލުވާލުމަށް ފަހު 10 ބޭބެއިން އެނބުރި ރޮމުން ރޮމުން އައިސް ބައްޕާފުޅުގެ އަރިހުގައި ދެންނެވީ މިނިކާވަގެއް ޔޫސުފްގެފާނު ކައިލީ ކަމަށެވެ. ހެއްކެއްގެ ގޮތުގައި ދެއްކީ ޖަނަވާރެއްގެ ލެއިން ތަތްތަޅުވާފައި އޮތް ޔޫސުފްގެފާނުގެ ގަމީސްކޮޅެވެ.

10 ބޭބެއިންގެ މި ކެހިވެރި ޢަމަލުގެ ސަބަބުން، ލޯބިވާ ޢާއިލާއާ ވަކިވެވަޑައިގެން ބާޒާރުގައި ވިއްކާލެވުނު އަޅުކުއްޖެއްގެ ގޮތުގައި ޔޫސުފްގެފާނު ވިއެވެ. ޅަފަތުގައި އެތައް އަނިޔާއެއްގެ ޝިކާރައަކަށް ވެވަޑައިގެން، އެންމެފަހުން އެއްވެސް ކުށެއްނެތި ޖަލުގައި އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.

މިއީ ދިރިއުޅުމަށް އަގުހުރި ޢިބްރަތެކެވެ. ބައެއް ފަހަރު ތިމާގެ ޢާއިލާއާއާ ސަހަރޯވެރީންގެ ލިސްޓުގައި އެތައް އެތައް ބަޔަކު ތިބެއެވެ. ނަމަވެސް އޭގެ ތެރޭގައި ވަފާތެރިއަކު ނެތިދެއެވެ. އެ މީހުންގެ ޢަދަދު ކިތަންމެ ގިނަޔަސް އެމީހުންގެ ކެހިވެރިކަމުގެ ދަލުގައި ތިމާޖެހި ދިރިއުޅުން އިންދިރާސްވެދެއެވެ.

އަނެއްބައިފަހަރު ތިމާގެ ގާތްތިމާގެކަން އޮތް އިޚްލާޞްތެރި އެންމެ މީހެއްގެ ވަފާތެރިކަމުގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުން އާބާދުވެ އުފާވެރިކަން ލިބިދެއެވެ.

މިއީ އާދަމުގެފާނުއްސުރެ މިއަދާ ހަމަޔަށްވެސް ތަކުރާރުވަމުން އަންނަ ދުނިޔަވީ ސުންނަތެކެވެ. ކީރިތި ޤުރުއާނުން ފެންނަން އޮތް ޢިބްރަތެކެވެ. ގާތް މީހުން ކިތަންމެ ގިނަޔަސް އެކަމުން މަންފާއެއް ނުކޮށްފާނެއެވެ. ނަމަވެސް ވަފާތެރި އެންމެ މީހެއްގެ ސަބަބުންވެސް ކާމިޔާބު އަތްމަތިވެދާނެއެވެ. ކޮލިޓީއަކީ ޢަދަދެއް ނޫނެވެ. ކޮލިޓިއަކީ އިތުބާރެވެ.