ދުނިޔެ

ސައޫދީ އަށް ވެސް ވެލީގެ ތޫފާނެއް

ވެލީގެ ވަރުގަދަ ތޫފާނެއްގެ ސަބަބުން ސައޫދީ އަރަބިއްޔާގެ ވެރިޔަށް ރިޔާޟް އާއި އެހެން ބައެއް ސަރަހައްދުތަކުގައި އިއްޔެ އިން ފެށިގެން ހާސްކަމާ ކުރިމަތިވެއްޖެ އެވެ. ސައޫދީ އަށް މި އުނދަގޫތަކާ ކުރިމަތިވި އިރު މެދުއިރުމަތީގެ އެކި ގައުމުތަކަށް މި ދުވަސްވަރު ދަނީ ވެލީގެ ތޫފާނުތައް ކުރިމަތިވަމުންނެވެ.

ސައޫދީގެ ވެރިރަށުގެ އިތުރުން މައްކާ އާއި މަދީނާ އަށް ވެސް ވަނީ، ވައި ގަދަވެ ވަޔާ އެކު ވެއްޔާއި ހިރަފުސްތައް އަރައިގެން އައުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. މި ތޫފާނު އަދިވެސް ދެ ދުވަހަކަށް ދެމިގެން ދާނެ ކަމަށް ލަފާކުރެވިފައި ވާއިރު މިހާރު ވެސް ވަނީ އެކަމުގެ ސަބަބުން ޓްރެފިކަށް ދަތިވެފަ އެވެ.

މި ތޫފާނުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އެއްވެސް މައްސަލައެއް ކުރިމަތިވި ކަމަކަށް އަދި ރިޕޯޓްކޮށްފައެއް ނުވެ އެވެ. އަދި ސައޫދީގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ވެސް އެއްވެސް ހުރަހެއް ކުރިމަތިނުވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.

ސައޫދީ އަށް ވެލީގެ ތޫފާނެއް ކުރިމަތިވި އިރު އަވަށްޓެރި ކުވައިތަށް ވެސް ވަނީ މީގެ ތޫފާނެއް ކުރިމަތިވެފަ އެވެ. އެ ތޫފާނުގެ ސަބަބުން ވަނީ ތެލުގެ އެކްސްޕޯޓަށް ވެސް ހުރަސްތައް ކުރިމަތިވެފައި ކަމަށް ކުވައިތު ނެޝަނަލް ޕެޓްރޯލިއަމް ކޮމްޕެނީން ބުނެފައިވެ އެެވެ. އެ ގައުމުގައި ވަނީ ތޫފާނާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫތަކެއް އަރައިފަ އެވެ.

މި ދުވަސްވަރު ވަނީ އިޒްރާއީލާއި ފަލަސްތީނާއި ލުބްނާން އަދި މިސްރަށް ވެސް ވެލީގެ ތޫފާންތަކާ ކުރިމަތިލާން ޖެހިފަ އެވެ.