ބޭރު ކުޅިވަރު

ޔޫރޯގެ ދެ ވަނަ ބުރަށް ދާ ޓީމު ކަނޑައަޅާނީ ކިހިނެތް؟

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު ފިޔަވަހީގެ މެޗުތައް މިރޭ ފަށާނެ އެވެ. ކޮންމެ ގްރޫޕެއްގެ ވެސް ފަހު ދެ މެޗު ކުޅޭނީ އެއްވަގުތެއްގަ އެވެ. މިއީ ދެ ގައުމެއް އެކައްޗެއް ކިޔައިގެން އެބަޔަކު ބޭނުންވާ ގޮތަކަށް ނަތީޖާ ބަދަލުކޮށްފާނެތީވެ އަމަލުކުރަމުންދާ ގޮތެކެވެ.

ކުރިއާ ހިލާފަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު 24 ގައުމު ވާދަކުރެ އެވެ. މި ގައުމުތައް ބަހާލާފައިވަނީ ހަ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ގައުމެވެ. މީގެ ތެރެއިން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތުދޭނީ 16 ގައުމަކަށެވެ. އެއީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރިހޯދާ ދެ ގައުމަކަށާއި ގްރޫޕްތަކުން ތިން ވަނަ އަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށެވެ.

މިހެންވީއިރު ސުވާލަކީ ތިން ވަނަ އަށްދާ ހަ ގައުމުތަކުގެ ތެރެއިން ގަދަ ހަތަރެއް ހޮވާނީ ކިހިނަކުން ހެއްޔެވެ؟ މިކަމުގައި ދެ ފިޔަވައްސެއް ހިމެނެ އެވެ.

ގްރޫޕްތަކުގެ ތިން ވަނަ ޓީމު ކަނޑައެޅުން

1- ޕޮއިންޓްގެ ގޮތުން ދެ ޓީމެއް ނުވަތަ އެއަށްވުރެ ގިނަ ޓީމު އެއްވަރުވެއްޖެނަމަ ޓީމުތައް ރޭންކް ކުރާނީ އެޓީމުތައް އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށްގެން ހޯދި ޕޮއިންޓަށް ބަލައިގެންނެވެ.
2- އެއަށްފަހު ދެން ބަލާނީ ޕޮއިންޓުން އެއްވަރުވި ޓީމުތައް ބައްދަލުކުރި މެޗުތަކުގެ ފައިދާގޯލުގެ ތަފާތަށެވެ.
3- ތިން ވަނަ އަށް ބަލާނީ އެ ޓީމުތައް ކުޅެގެން ޖަހާފައިވާ ގޯލުތަކަށެވެ. ކުރި ލިބޭނީ ގިނަ ގޯލު ޖެހި ޓީމަކަށެވެ.
4- އެއަށްފަހު ދެން ބަލާނީ އެއްވަރުވި ޓީމުތަކުން ގްރޫޕުގެ ހުރިހާ މެޗެއްގައި ޖަހާފައިވާ ގޯލުގެ އަދަދަށެވެ.
5- މިވަރުން ވެސް އެއްވަރުވެއްޖެނަމަ ކުރިލިބޭ ޓީމެއް ކަނޑައަޅާނީ ގްރޫޕުގެ ފަހު މެޗުގައި ކުޅޭ ދެ ޓީމު ޕެނަލްޓީ ޖަހައިގެންނެވެ.
6- އެއަށްފަހު ދެން ބަލާނީ ފެއާޕްލޭ ރެކޯޑަށެވެ. ފެއާޕްލޭ އަށް ޕޮއިންޓް ދޭނީ ރަތްކާޑަކަށް ތިން ޕޮއިންޓް، ރީނދޫ ކާޑަކަށް އެއް ޕޮއިންޓެވެ. ކުރި ލިބޭނީ ފެއާޕްލޭ ރެކޯޑް އެންމެ ރަނގަޅު ޓީމަކަށެވެ.
7- މިވަރުން ވެސް ދެ ޓީމެއް އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ގުރުލައިގެންނެވެ.

ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރު ޓީމު ކަނޑައެޅުން

1- މިބައިގައި ފުރަތަމަ އިސްކަންދޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ޓީމަށެވެ.
2- އެއަށްފަހު ފައިދާ ގޯލުގެ ތަފާތަށެވެ.
3- ދެން ޖަހާފައިވާ ގޯލަށެވެ.
4- ހަތަރުވަނަ އަށް ބަލާނީ ފެއާޕްލޭ ރެކޯޑަށެވެ.
5- އެންމެ ފަހު ކަމަކަށް ބަލާނީ ޔޫއޭފާއިން ނެރެފައިވާ ގައުމީ ޓީމުތަކުގެ ރޭންކިން އަށެވެ.