އެމެރިކާ

ހަނގުރާމަވެރިންނަށް ފިޔަވަޅު ނާޅާނަމަ ޕާކިސްތާނާ ގުޅުން ހަނި ކުރާނަން: އެމެރިކާ

ޕާކިސްތާންގެ އެތެރޭގައި ހަރަކާތްތެރިވާ ހަނގުރާމަ ވެރިންނާމެދު ފިޔަވަޅުތައް ނާޅާނަމަ އެ ގައުމާއެކު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށް ބުނެ އެމެރިކާއިން ޕާކިސްތާނަށް އިންޒާރުކޮށްފި އެވެ.

އެމެރިކާގެ ޕެންޓަގަންއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހައްގާނީ ނެޓްވޯކާއި ލަޝްކަރޭ ތޮއިބާ ފަދަ ގުރޫޕްތަކުން ސަލާމަތް ހޯދައިގެން ރައްކަމާއެކު ފިލަން ޕާކިސްތާންގެ ސަރަހައްދުތައް ބޭނުން ކުރާ ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކެޓްރީ އޭޝް ކާޓާއާ ހަވާލާދީ ޕެންޓަގަންއިން ނެރެފައިވާ ރިޕޯޓްގައި ބުނަނީ ސެޕްޓެމްބަރު އެމެރިކާގެ މާލީ އަހަރީ ހިސާބުތައް ނިމޭއިރު އެމެރިކާގެ ހާއްސަ ބައިވެރިންނަށް ފޯރުކޮށްދޭ 300 މިލިއަން ޑޮލަރުގެ ތެރެއިން ޕާކިސްތާނަށް ފޯރުކޮށްދޭން ޖެހޭ ބައި މެދުކަނޑާލަން ޖެހިދާނެ ކަމަށެވެ.

"ޕާކިސްތާނުން އެބަޖެހޭ އެ ގައުމުގެ އެތެރޭގެ ސަލަމާތީ ކަންކަން ވަރުގަދަ ކުރަން. މިކަމުގެ އަސަރު ކުރާނީ ހަމައެކަނި އެމެރިކާއާއި ޕާކިސްތާންގެ ގުޅުމަކަށް ނޫން. ސަރަހައްދުގެ ސަލާމަތައް ވެސް އޭގެ އަސަރު ކުރާނެ،" އެމެރިކާއިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ރިޕޯޓް އެމެރިކާގެ ކޮންގރެސްއަށް ފޮނުވައި އެކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރާ ގޮތަށް ވސް ވަނީ ހަމަޖެހިފައެވެ.