އިންޑަސްޓްރިއަލް ވިލެޖް

ސިނާއީ އަވަށުގައި ކެނޑި ނެރު ބޭނުން ކުރަން ފަށައިފި

ކުނި މެނޭޖުކުރުމާއި ސިނާއީ މަސައްކަތައް މާލެއިން ހިއްކައި އާބިން، ސިނާއީ އަވަށުގައި ކެނޑި އާ ނެރު ބޭނުން ކުރަން ފަށައިފި އެވެ.

ސިނާއީ އަވަށުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޖެނަރަލް މެނޭޖާ އަހުމަދު ސައީދު ވިދާޅުވީ އޮޑި ދޯނި ފަހަރު ސިނާއީ އަވަށާ ކައިރިން މާލެއަށް ވަނުމަށް އެދިމާލުން އާނެރެއް ކަނޑައިފަވާ ކަމަށާއި މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ނެރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

"މިހާރު ހަފްތާއެއް ވެދާނެ ނެރު ބޭނުން ކުރަން ފެށިތާ. އެއީ މަސައްކަތާ ހަވާލު ކުރުމުން އެންމެ ފުރަތަމަ ކުރަން ފެށި އެއް ކަންތައް. އިންޑަސްޓްރިއަލް ވިލެޖުގެ ބޭރުން ބޮޑުހިލަ ޖެހުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ،" ސައީދު ވިދާޅުވި އެވެ.

މާލޭގެ ކުނީގެ މައްސަލައަށާއި ތޮއްޖެހުމުގެ ކަންތަކަށް އެކަށީގެންވާ ހައްލެއް ގެނައުމަށްޓަކައި 159 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސިނާއީ އަވަށެއް ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ އިރު ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އެ މަސައްކަތް އަންނަ އަހަަރުގެ މިނިވަން ދުވަހަށް ނިންމަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުނި މެނޭޖް ކުރުމާއި ގަރާޖާއި ބޮޑެތި ވެހިކަލްތައް އެ އަވަށަށް ބަދަލު ކުރިޔަސް އެތަން ވެގެންދާނީ ފެހި އަދި ސާފުތާހިރު ތަނަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.