ހަބަރު

ރައީސް ޔާމީން ހައްޔަރުކުރުމަށް ފުލުހުންނަށް ހުށަހަޅާނަން: އިދިކޮޅު އިއްތިހާދު

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބުނެފި އެވެ.

އެ އިއްތިހާދުގެ ނައިބު ލީޑަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވައްކަމާއި ހިޔާނާތާއި ނުފޫޒުން ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި ރައީސް ޔާމީން ހައްޔަރުކޮށްގެން ތަހުގީގު ހިންގުމަށް އެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

އިދިކޮޅު އިއްތިހާދުން ރައީސް ހައްޔަރުކުރަން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ބުނެފައިމިވަނީ އެ އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލާއި އިއްދިހާދުގެ ބައިވެރިއެއްގެ ކަމަށްވާ ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނިކޮށެވެ.

ފުލުހުން ބުނެފައިވަނީ ޖަމީލާއި އަކްރަމް ފުލުހަށް ހާޒިކުރަނީ ފުލުހުން ބަލަމުން ދާ މައްސަލަތަކެއްގައި ކަމަށާއި އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓް އަމުރެއް އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް ލައްވާ ނެރެން މަސައްކަތް ކުރުމުގައި ބައިވެރިވުން ވެސް ހިމެނޭ ކަމަށެވެ.