ބޮލީވުޑް

ސަލްމާނަށް އަރިޖިތް އެއީ ކާކުން ނޭނގުނު!

Jun 20, 2016
2

ސުޕަސްޓާ ސަލްމާން ޚާން އަކީ ބޮލީވުޑްގެ އެންމެ ބާރު ގަދަ މީހާ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެތަކެއް ތަރިންނެއްގެ ފިލްމީ ކެރިއަރު އޭނާ ބިނާކޮށްދީފައިވާއިރު، އޭނާއާ ޒާތީ ގޮތުން ޖެހުނު އެތަކެއް ތަރިންނެއްގެ ތަރި ވަނީ އޮއްސިގެން ގޮސްފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އޮތް އެވޯޑް ހަފްލާއެއްގައި ސަލްމާނާ މުޚާތަބުކޮށް ލޯބީގެ ލަވަތައް ކިޔަން ދެވަނައެއް ނުވާ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތް ސިންގް އަށް ބުނެވު އެއްޗަކުން މިދެތަރިންގެ ދެމެދުގައި ވަނީ ވަރުގަދަ ފިނި ހަނގުރާމައެއް ފެށިގެން ގޮސްފަ އެވެ.

އޭގެފަހުން ސަލްމާން ކުޅޭ އެއްވެސް ފިލްމެއްގައި އަރިޖިތް ކިޔާ ލަވައެއް ނުހިމަނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އަންނަ މަހުގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ "ސުލްތާން" ގެ "ޖަގް ގޫމިޔާ" ލަވަ ކިޔައިދީފަ އެވެ. އޭނާ މިފިލްމަށް ކިޔައިދިން ލަވަ ނުހިމަނަން ފިލްމު އުފައްދާ ފަރާތުން ނިންމުމުން އަރިޖިތް ވަނީ ސަލްމާންގެ ކިބައިން މާފަށް އެދި ފޭސްބުކްގައި ސިޓީއެއް ވެސް ޕޯސްޓްކޮށްފަ އެވެ.

އަރިޖިތްގެ ސިޓީގައި އޭނާ މިފިލްމަށް ކިޔާދީފައިވާ ލަވަ "ޖަގް ގޫމިޔާ" ފިލްމުގައި ނުހިމަނާކަން އެނގި އެގޮތަށް އެކަން ނުކުރަން ސަލްމާނު ކިބައިން އާދޭސް ކޮށްފައިވެ އެވެ. އަރިޖީތު މައާފަށް އެދުނު ނަމަވެސް ސަލްމާން ހުރީ މައާފް ކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ހިތްގައިމު އަޑުން ކިޔާދީފައިވާ މިލަވަ އެތަކެއް އާދޭސްތަކެއް ކުރި ނަމަވެސް ވަނީ ފިލްމުން އުނިކޮށްފަ އެވެ.

އެންމެފަހުން މިލަވަ މިހާރު ވަނީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފާތިހު އަލީ ޚާން ލައްވާ ކިޔުއްވާފަ އެވެ.

ރާހަތު ލައްވާ ކިޔުއްވާފައިވާ "ޖަގް ގޫމިޔާ ލަވަ:

މިހާރު "ސުލްތާން" ގެ ޕްރޮމޯޝަން މަސަކަތްތައް ފެށިގެން ކުރިއަށްދާއިރު އެންމެފުރަތަމަ ވެސް ސަލްމާނާ ނޫސްވެރިންގެ ސުވާލުތައް އަމާޒުވެފައިވަނީ އަރިޖިތްއާ ބެހޭގޮތުންނެވެ. އޭނާ އާއި ސަލްމާނާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އާއި އޭނާ އެތަކެއް އާދޭހެއް ކުރުމުންވެސް އެލަވަ މިފިލްމުން އުނިކުރީ ކަމަށް ބުނެ ސަލްމާނަށް ތުހުމަތުގެ އިނގިލިތައް ވަނީ ދިއްކޮށްފަ އެވެ.

މިސުވާލަށް ޖަވާބުދެމުން އެންމެ ފުރަތަމަ ވެސް ސަލްމާން ވަނީ އަރިޖިތް އަށް ނިސްބަތްކޮށް އެއީ ކާކު ތޯ އަހާފަ އެވެ. އަދި ތަކުރާރުކޮށް ނޫސްވެރިން އޭނާ ސަލްމާން ކިބައިން މާފަށް އެދި ފިލްމުން ލަވަ އުނިނުކުރަން އެދުނު ގޮތާ ބެހޭގޮތުންް ސުވާލުކުރުމުން ވަނީ "އެއްކަލަ ލަވަކިޔުންތެރިޔާ" އާ ބެހޭގޮތުން ދޯ އޭ ބުނެފަ އެވެ. އަދި ސަލްމާން ވަނީ ފިލްމެއްގައި ހިމަނާނީ ކޮން ލަވަކިޔުންތެރިއެއްގެ ލަވައެއްކަން ނިންމާނީ ފިލްމު އުފައްދާ ފަރާތުން ކަމަށާއި އަބަދުވެސް ފިލްމުތަކަށް ލަވާކިޔާ ލަވަކިތުންތެރިން ބަދަލުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ އަޑުންވެސް މިފިލްމަށް ކިޔައިދިން ލަވައެއް މިހާރު ވަނީ ނަގާފައި. އެކަމާ ކޮންމެހެން ދެރަވެގެން އުޅޭނެ ކަމެއް ނެތް. ހަޔާތުގައި މިކަހަލަ ކަންތައްތައް ދިމާވާނެ" ސަލްމާން ބުނެފައިވެ އެވެ.

އިތުރަށް ސަލްމާން ވަނީ އަރިޖިތް މާފަށް އެދި ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ސިޓީއާ ގުޅިގެން ވާހަކަދައްކަމުން ބައެއް ލަވަކިޔުންތެރިންނަށް ލަވަކިޔަން ފުރުސަތު ލިބުމުން އެންމް ފުރަތަމަ ނުކިޔާނެ ކަމަށް ބުނާ ކަމަށާއި ދެން ލަވަކިޔުއްވަން ބޭނުންވާ ފަރާތުން އެމީހެއް ކައިރީ ލަވަކިޔައިދޭތޯ އާދޭސްކުރާ ކަމަށް ބުނެފަ އެވެ. އަދި އެފަދަ ކަންތައްތައް ކުރުމުން އެމީހުންގެ މަގުސަދަކީ ކޮބައިކަން އެންމެނަށްވެސް އިނގޭ ކަމަށް ސަލްމާން ބުނެފައިވެ އެވެ.

ސަލްމާން އަނުޝްކާ ރެސްލިންތެޅުންތެރިންގެ ރޯލުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.