"ޑޮން" އާއި "ޑޮން 2" ގެ ކާމިޔާބީއަށް ފަހު މި ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދުމަށް ތައްޔާރުވަމުން އަންނައިރު، ތިންވަނަ ފިލްމުގެ ލީޑްރލުން ޝާހްރުކް ޚާން އާއެކު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެނިގެން ނުދާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
ފުރަތަމަ ފިލްމާއި ދެ ވަނަ ފިލްމުގައި ރޯމާ ކިޔާ ފުލުސް އޮފިސަރެއްގެ ރޯލުން ޕްރިޔަންކާ ފެނިގެން ގޮސްފައިވާއިރު، ތިން ވަނަ ފިލްމުގައި އޭނާ ފެނިގެން ނުދާނެ ކަމަށްވެ އެވެ.
"ޑޮން 3" ގެ ސްކްރިޕްޓްގެ މަސައްކަތް ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރު ކުރަމުން އަންނައިރު ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އާއި ރިތޭޝް ސިދްވާނީގެ އިތުރުން ޕްރިޔަންކާ ވެސް ތިން ވަނަ ފިލްމުގައި ރޯމާ ރޯލު ކުޅޭކަށް ބޭނުމެއް ނުވެ އެވެ.
ބުނެވޭ ގޮތުގައި ޕްރިޔަންކާ މިފިިލްމު ރޯލު ދޫކޮށްލަން ނިންމީ ހޮލީވުޑް ފިލްމުތަކަށް ވަގުތު ދޭން ބޭނުންވާތީ ކަމަށްވެ އެވެ. އެގޮތުން ދެވަނަ އަށް ކުޅޭ ހޮލީވުޑް ފިލްމު ޕްރިޔަންކާ ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށްވާއިރު އަންނަ މަހުގެ ތެރޭގައި އޭނާ ކުޅެމުން އަންނަ ޓީވީ ސީރީޒް "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށާނެ އެވެ.
މިމަހުގެ ކުރީކޮޅު ޕްރިޔަންކާ ވަނީ ޗުއްޓީ ހޭދަކުރުމުގެ އިތުރުން ކުރިއަށް ކުޅޭނެ ބައެއް ބޮލީވުޑް ފިލްމުތައް ނިންމުމަށް އިންޑިއާއަށް އައިސްފަ އެވެ.
ޕްރިޔަންކާ "ޑޮން 3" އިން ފެނިގެންނުދާނެ ކަން އަދި ފިލްމު އުފައްދާ ފަރާތުން ޔަގީންކޮށް ނުދިން ނަމަވެސް އޭނާ ކުޅޭ ރޯލަށް އާމޫނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެ އެވެ.
"ޑޮން 2" ނިކުތްތާ މިހާރު ހަތަރު އަހަރުވެގެން ގޮސްފައިވާއިރު މިސިލްސިލާގެ ތިން ވަނަ ފިލްމުން ޝާހްރުކް ފެނިގެންދާނީ މާފިޔާ ލީޑަރެއްގެ ގޮތުގަ އެވެ.