ރޯދަ މަހާ ރޯއްޖާ

ދިވެހިންގެ ލޯބި ހޯއްދެވި ޑރ. އަފީފް ކޮބާ؟

Jun 20, 2016
11

ބައެއް ކުދިންނަކީ ޑޮކްޓަރު ނޫނީ ހޮސްޕިޓަލުގެ ނަން އަޑު އިވޭ އިރަށްވެސް ބިރުން ކޮންވެސް ތަަކަށް ވަދެފިލަން ބޭނުންވެފައި ތިބޭ ކުދިންނެވެ. އެކުދިން ޑޮކްޓަރަށް ދެއްކުން ގިނަ މައިންބަފައިންނަށް ވަނީ ވަރުގަދަ ބޮލުރިހުމަކަށެވެ. ނަމަވެސް އެކުއްޖާ ބަލިވުމުން ހިފަހައްޓާފައި ގަދަ ބާރުންވިޔަސް ފަރުވާ ހޯދަން ބެލެނިވެރިންނަށް މަޖުބޫރުވެއެވެ. -- ދައްކަން މި އުޅެނީ މައިންބަފައިންގެ އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް ބަރޯސާ ވެވިދާނެ ޑޮކްޓަރެއްގެ ވާހަކައެވެ. އެއީ ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ކުޑަކުދިންގެ ޑޮކްޓަރެވެ. އެންމެ ފޭވަރިޓު، ޑރ. އަފީފް އެވެ.

އަފީފް ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ކުރައްވަމުން މައިންބަފައިންނާއޮ އެކުދިންގެ ލޯބި ހޯދަމުން އަންނަތާ މިހާރު 25 އަހަރުވެއްޖެއެވެ. ކުޑަކުއްޖަކު ބަލިވެގެން ދިއުމުން ވީހާވެސް އަވަހަކަށް އެންމެ ރަނގަޅަށް އެކުދިންގެ ބައްޔާ ހަނގުރާމަ ފައްޓަވަ އެވެ. ބިރުން ހުރެގެން ޑޮކްޓަރު ގާތަށް ދާ ކުއްޖާ އުފާކޮށްލަނީ އެހާވެސް އަވަހަށެވެ. އަފީފް ފަރުވާ ދެއްވާ ކޮޓަރިއަށް ވަންނަނ ކުދިން އިރުކޮޅެއްގެ ތެރޭގައި އުފާވެ އެ ކޮޓަރިން ނުކުންނަ ހިތް ވެސް ނުވަނީ އެވެ.

ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ކުރުމަށް ހުރިހާ މައިންބަފައިން އިތުބާރު ކުރާ އަދި ކުޑަކުދިންގެ ހިތްތައް އަތުލާފައިވާ އަފީފް ތުއްތު ކުދިންގެ ދުނިޔެއަށް ވަނުމުގެ ފަހަތުގައި ވަނީ ކޮންވާހަކައެއް ހެއްޔެވެ؟ ރާއްޖޭގެ އެންމެ މައްޝޫރު ކުޑަކުދިންގެ ޑޮކްޓަރަކަށް ވާން ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟ "އަވަސް" އަށް ދެއްވި އިންޓަވިއުގައި އޭނާގެ އެ މަސައްކަތް ފެށުނު ގޮތުގެ މައްޗައް އަލިއަޅުވައިލެއްވި އެވެ.

އައްޑު އަތޮޅު މީދޫއަށް ނިސްބަތްވާ އަފީފްގެ އަމާޒު އަބަދުވެސް ގެނގުޅުއްވީ ޑޮކްޓަރަކަށް ވުމަށެވެ. ނަމަވެސް ގައުމު އެމީހަކަށް ފަހުރުވެރިވާ ވަރުގެ ޑޮކްޓަރަކަށްވެ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށް އެހީވުމަށް އަފީފް އަޒުމު ކަނޑައެޅުއްވީ އޭނާ ރަށުގައި މީގެ 40 ހަކަށް އަހަރު ކުރިން ހިނގި ކަމެއް ލޯކުރިމައްޗައް ފެނި ހިތާ ކުޅެލުމުންނެވެ.

އަފީފް ވިދާޅުވި ގޮތުގައި އައްޑޫގައި އިނގިރޭސި ރޯޔަލް އެއާފޯސް އޮތް އިރު ސިއްހީ ގޮތުން ކުރީގައި އޮތް ނަމަވެސް އެމީހުން ދިޔުމުން އެ ދާއިރާއިން ވަރަށް ހާލުގައި ޖެހުނެވެ. އެތަނުގައި ހިންގި ހޮސްޕިޓަލު ހުއްޓުމަކަށް އައުމުން ބަލިވެފައި ތިބި މީހުނަށް ފަރުވާ ނުދެވި ހާލުގައި އުޅުންތަން ލޮލުން ދެކެ ވަޑައިގެންނެވި އެވެ. އެހާ ހިސާބުން މޮޅު ޑޮކްޓަރަކަށް ވެވަޑައިގެންނެވުމަށް އަޒުމު ކަނޑައެޅުއްވި އެވެ.

"އިނގިރޭސިން ގަން ދޫކޮށްލައިފަ ދިޔުމާ ގުޅިގެން އެތަނުން ކުރިން ލިބުނު ހުރިހާ ސިއްހީ ފަރުވާތައް ހުއްޓިގެން ދިޔަ. އެ ހުއްޓުމާ ގުޅިގެން ރައްތިތުންނަށް ދިމާވި ދަތިތަކައި ތަހަންމަލު ކުރަމުން ދިޔަ ބުރަ ފެނިފައި އަޅުގަނޑަށް ހިތަށް އެރީ އަޅުގަނޑަށް އެފަދަ ކަމެއް ކުރަން ލިބިއްޖެއާ މިއީ ކުރަން ރަނގަޅު ކަމެކޭ. އެހެން ހިތާ އެ އަމާޒަށް މަސައްކަތް ކުރަމުން ގެންދިޔައީ،" އަފީފް ވިދާޅުވި އެވެ.

އަފީފް އެ އަޒުމުގައި ގްރޭޑު ހަތެއް ނިންމާފައި މާލެ ވަޑައިގެން އީޕީއެސްގައި ކިޔަވަން ފެއްޓެވި އިރު ސައިންސްގެ ދާއިރާ ކިޔެވޭކަށް ނެތެވެ. ނަމަވެސް ކަންދިމާ ކުރި އިރު އަނެއް އަހަރު އޯ ލެވަލް ތައާރަފްކޮށް އެ ފުރުސަތު ވެސް ހުޅުވިގެން ދިޔަ އެވެ. އެ ފުރުސަތު ހޯއްދަވައި ފާސްވެ ވަޑައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ވަޑައިގަތުމަށް ނިންމެވި ތަނާ އޭލެވަލް ތައާރަފް ކުރިއެވެ. ނަމަވެސް އޭރު އަފީފްގެ އާއިލާއަށް އެހާ އަތްމަތި ތަނަވަހެއް ނޫނެވެ. ގަން ހޮސްޕިޓަލު ހުއްޓުމާއެކު އަފީފް ބައްޕަގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ. ވަރަށް ދަތި ހާލުގައި ހުރި ނަމަވެސް ޑޮކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަފީފު ގޮތް ދޫނުކުރައްވަ އެވެ. އެހެން ކަމުން ކިޔެވުން މަޑުޖައްސާލައިފާ އާމްދަނީ ހޯދަން ނުކުތުމަށް ނިންމެވި އެވެ.

"އޭލެވަލް ހަދަން އާމްދަނީ ހޯދަން ވެގެން އަޅުގަނޑު ދިޔައީ ކުރިން ކިޔެވި އީޕީއެސް ސްކޫލުގެ ހިސާބު ޓީޗަރަކަށް. މާބޮޑު ތަޖުރިބާއެއް ހުރެގެނެއް ނޫން. ދެން އެހެން ހުއްޓާ އެ ސްކޫލުގެ ހެޑް މާސްޓަރު އަޅުގަނޑު ކައިރީ ވިދާޅުވީ އޭ ލެވަލް ހަދަން ނުގޮސް ތިހުރީ ކީއްވެގެންހެއްޔޭ. ދެން ފައިނޭންޝަލީ ދަތިވާ ވާހަކަ ދެއްކެވުމުން އެ ސްކޫލު ލައިބްރަރީ އިން ރަނގަޅު ވަޒީފާއެއް ދިން. އެތަނުން ލިބުނު ފައިސާއިން ކިޔެވީ. ނަމަވެސް އަނެއްކާ އެ ހެޑްމާސްޓާ ވަކިވުމާ އެކު އަޅުގަނޑުގެ ވަޒީފާ ގެއްލުނު. ދެން ހަދާނެ ގޮތެއް ނޭންގިފައި ހުރެ އެކުވެރިއަކު ދިން ފުރުސަތެއްގައި ޔުނިވާސަލް އެންޓަ ޕްރައިޒްގެ އެކައުންޓެންޓަކަށް މަސައްކަތް ކުރީ. އެއީ ރޭގަނޑު 8:00 އަކުން 11:00 އަށް. ދެން ދުވާލު އޭލެވަލް އަށް ކިޔަވަނީ،" އަފީފް ވިދާޅުވި އެވެ.

ކިޔެވޭނެ ގޮތް ހުސްވެ ގިނަ މީހުން އުންމީދު ކަނޑާލާވަރު ވުމުންވެސް އަފީފުގެ މަސައްކަތް ނުހުއްޓަވަ އެވެ. އެގޮތަށް އެކި ވަޒީފާތަކަށް ވަޑައިގެން ފައިސާ ހޯއްދަވައިގެން އޭ ލެވަލް އިމްތިހާން ނިންމައިލެެއްވި އެވެ. އަދި ސިއްހީ ދާއިރާ އިން ކުރިޔަށް ވަޑައިގަތުމަށް ބޭނުންވާތީ ހެލްތު މިނިސްޓްރީގެ ވަޒީފާއަކަށް ވަޑައިގަތެވެ. އެޑްމިނިސްޓްރޭޓިވް ސެކެޓަރީ އަކަށް އުޅުއްވަނިކޮށް ޑޮކްޓަރަކަށް ވެވަަޑައިގަތުމަށް ކުރައްވާ އުންމީދުގެ ހުޅުކޮޅު އަނެއްކާވެސް ރޯވި އެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ ފަރާތުން ސަރުކާރުން ހުޅުވައިލި ޕްރީ މެޑިސިން ކޯހެއްގައި ބީއެސްސީ ހެދުމަށް އަފީފް އަށް ސްކޯލާ ޝިޕެއް ލިބިވަޑައިގަތެވެ. އިންޑިޔާއަށެވެ.

އިންޑިޔާގައި ބީއެސްސީ ކޯސް ފުރިހަމަ ކުރެއްވި އެވެ. ނަމަވެސް އެމްބީބީއެސް އަށް ވަޑައިގަތުމަށް ފުރުސަތެއް ތަނަވަހެއް ނުވި އެވެ. އަނެއްކާވެސް ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި ޑިޕާޓުމަންޓުގައި މަސައްކަތް ފެއްޓެވީ އެވެ. އޭގެ ތިން އަހަރު ފަހުން އެމްބީބީއެސް ހަދަން އިންޑިޔާގެ އެންމެ މޮޅުއެއް ޔުނިވާސިޓީއަށް ވަޑައިގެންނެވޭ ގޮތް ވެއްޖެ އެވެ. ދުވަސްތަކެއް ބޭކާރުވުމައި ގުޅިގެން ޔުނިވާސިޓީގައި އަފީފްއެކު ކިޔެވީ އޭނާއަށް ވުރެއް ހަގު ކުދިންނެވެ. ނަމަވެސް އަފީފް ހިތްވަރު ދޫނުކުރައްވަ އެވެ. އެމްބީބީއެސް ފުރިހަމަކޮށް އެންމެ ފަހުން ޑޮކްޓަރަކަށް ވެ ވަޑައިގެންނެވީ އެވެ.

"މީގަ ބޮޑަށް އޮތީ ކުރަން ބޭނުންވާ ކަމަށް ކަނޑައަޅައި އެކަމަކަށް ހުއްޓައި ނުލާ މަސައްކަތް ކުރުން. އަޅުގަނޑަށް ލިބުނު ހެޑް މާސްޓަރުކަން ކިޔަވަން ޔޫކޭއަށް ދާން ފުރުސަތުވެސް. ދެން ޓީޗިން ހަދަން ވެސް ބޭރަށް ދާން ފުރުސަތު ލިބުން. ނަމަވެސް އަޅުގަނޑު މަޑު ކުރީ ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ލިބޭނެ ކަމަށް. އިރާދަކުރެއްވީތީ އެކަންވި،" އަފީފް ވިދާޅުވި އެވެ.

އަފީފް ބޭނުންފުޅުވި ކަންތައް ވިއެވެ. ޑޮކްޓަރުކަން ކިޔަވައިގެން ވަޑައިގަތުމުން ހެލްތު މިނިސްޓްރީ އިން އަފީފް ފޮނުއްވެވީ ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. އެތަނުގައި ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި އެވެ. އޭރު އިތުރު ޑޮކްޓަރަކު ނުހުންނާތީ ހުރިހާ ކަމަކަށް ހާއްސަ ވާން ވެސް ޖެހި ވަޑައިގެންނެވި އެވެ އެއީ މަސައްކަތުގެ ބުރަ ކަމާ ސީރިޔަސް ކަން އަފީފަށް ތަޖުރިބާ ކުރެވެން ފެށި ހިސާބެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން ކުޅުދުއްފުށީގައި ތިން އަހަރު މަސައްކަތް ކުރެއްވި އެވެ. އަދި މިހާރުގެ އޭޑީކޭގެ އިމާރާތުގައި ހުރި ސެންޓްރަލް ހޮސްޕިޓަލަށް ބަދަލުވެ ވަޑައިގެން އެތަނުގަ އާއި އައިޖީއެމްއެޗް ހުޅުވުމާއެކު އެތަނުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަނިކޮށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށްވެ ވަޑައިގަތުމުން ފުރުސަތު ލިބި މިއާންމާގައި މާސްޓާސް ހައްދަވައި އެ ގައުމުގައި ކުޑަކުދިންނަށް ހާއްސަ 750 އެންދު ހިމެނޭ ބޮޑު ހޮސްޕިޓަލެއްގައި ތަޖުރިބާ ހޯއްދަވައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވެވަޑައިގެންނެވި އެވެ.

މިއީ އަފީފަށް ކާމިޔާބީ އައި ގޮތެވެ. ނަމަވެސް ހިސާބުންވެސް އަފީފްއަށް އޮތް ދަތިތަކަށް ނިމުމެއް ނާދެ އެވެ. އެންމެ ދެކެން ބޭނުންވީ ދުވަސްތައް ކަޑަތު ކުރައްވަމުން ހުވަފެންތައް ހަގީގަތަކަށް ހައްދަވަން ކުރެއްވި ބުރަ މަސައްކަތުގެ ފޮނި މޭވާ އައިސްފައި ވަނިކޮށް އަފީފްގެ ހާލުކޮޅު ދެރަވާން ފެށީއެވެ. ދެ ކިޑްނީ ފެއިލްވީ އެވެ. ކުރެއްވި ހުރިހާ މަސައްކަތް ނިމުމަކަށް އައީ ކަމަށް އިހުސާސްވެ ވަޑައިގެންނެވި އެވެ. އެހެންވެ ހާލަތު ބަދަލުވި ގޮތުން އައިޖީއެމްއެޗްއިން އިސްތިއުފާ ދެއްވައި މަސައްކަތް ދޫކޮށްލެވީ އެވެ.

"އަޅުގަނޑު އެވަރުންވެސް އުންމީދުތައް ކަނޑައި ނުލަން. އަޅުގަނޑު ބޮޑަށް މަސައްކަތް ކުރީ އެކަން ދިމާވީމަ ފަރުވާއެއް ހޯދޭނެ ގޮތެއް ބަލަން. އެގޮތުން މަސައްކަތް ކުރި އިރު ނަސީބަކުން އަޅުގަނޑަށް ކިޑްނީ ދޭނެ މީހަކުވެސްވި. އެއީ ކޮއްކޮއެއް އަޅުގަނޑުގެ. އާއިލާ ވަރަށް ބޮޑަށް އަޅުގަނޑަށް އެހީވި. ހިތް ވަރު ލައިދިން. މިއަދު ދުނިޔޭގައި ވެސް މިހުރީ އެއިން މީހެއްގެ ކިޑްނީގައި،" އަފީފް ކިޔައިދިނެވެ.

އަފީފް އަށް ކިޑްނީ ޑޮނޭޓް ކުރާނެ ފަރާތެއް ލިބުމުން އިންޑިޔާއަށް ފަރުވާއަށް ފުރާ ވަޑައިގަތެވެ. އަދި ހަ މަސްދުވަސް ވަންދެއް އެކަމަށް ބޭސްކުރެއްވި އެވެ. އެ ހަނގުރާމައިންވެސް ކާމިޔާބު ހޯއްދަވައި 2013 ވަނަ އަހަރު އަފީފް އަލުން އެނބުރި ޑޮކްޓަރުގެ ހެދުން އެޅުއްވި އެވެ. ނަމަވެސް މަސައްކަތް ފެށީ ދި ކްލިނިކްގައާއި ޕްރައިމެކްސް މެޑިކެއާގަ އެވެ. އަދިވެސް އަފީފް މަސައްކަތް ކުރައްވަނީ އެ ދެތަނުގައެވެ. އަދި އޭނާއަކީ މިހާރުގެ މެޑިކަލް ކައުންސިލްގެ ރައީސްވެސް މެއެވެ.

ވަރަށް ދަތި ގޮތަކަށް ވަރުގަދަ ހަނގުރާމައެއް ކުރައްވައިގެން އެންމެންގެ ލޯބި ހޯއްދެވި ޑޮކްޓަރު އެއްވެސް މީހަކު އެއްވެސް ކަމެއްގައި ހިއްވަރު ދޫކޮށް ނުލެއްވުމަށެވެ.