ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާ ކަނު އަނދިރީގައި ވަނިކޮށް އުންމީދުގެ ހުޅުކޮޅަކާއިގެން، މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ޕީއެޗްޑީއެއް ހާސިލްކުރައްވަން ހުންނެވުމަށްފަހު 2011 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން ދާއިރާއަށް ހިދުމަތްކުރައްވަން ފެއްޓެވި މ. ރޭޝަމް، ޑރ. އައިޝަތު މުނީޒާ އަކީ މިއަދު ދިވެހިންނަށް އާ މޫނެއް ނޫނެވެ. އެކަމަނާ އަކީ ވޭތުވެދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ހިދުމަތް ކުރައްވަމުންގެންދަވާ މަދު ޒުވާން އަންހެން ކަނބަލުންގެ ސަފުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާ ކަނބަލެއް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. އުމުރުން 30 އަހަރު ފުރުނު އިރު، ރާއްޖޭގައި ތިބި އެ އުމުރުގެ ޒުވާނުންނާ އަޅާ ބަލާއިރު ގައުމީ ފެންވަރުގައްޔާއި ދުނިޔޭގެ ފެންވަރުގައި އަދަދު ނުކުރެވޭ ގިނަ ކާމިޔާބީތަކެއް މުނީޒާ ވަނީ ހޯއްދަވާފަ އެވެ.
މުނީޒާ ފަދަ ހިދުމަތްތެރި އަންހެން ކަނބަލަކާއި ބައްދަލުކޮށްލުމަށް އަޅުގަނޑަށް ލިބުނު ފުރުސަތުގެ އިންތިޒާރުގައި ހުރެވުނީ ދެ ދުވަހުގެ ދިގު ހާސްކަމެއްގެ ތެރޭގަ އެވެ. އަޅުގަނޑު ފަދަ ދާއިރާގެ ތަޖުރިބާ މަދު ނޫސްވެރިއަކަށް، ދުނިޔެ ބަލައިގަންނަ ފަދަ އަގުހުރި ހިދުމަތްތަކެއް ގައުމަށް ކުރައްވަމުންގެންދަވާ ހަރުދަނާ، އަދި އެހާމެ ގާބިލު އަންހެން ބޭފުޅަކާ ބައްދަލުކޮށްލާނެ ފުރުސަތެއް ލިބުމުން ވާނީވެސް އެހެންތާއެވެ. ހާސްކަމާ އެއްވަރަށް މުނީޒާއާ ބައްދަލުކޮށްލުމަށް ބޭނުންވެފައި ހުރި ޝައުގެއްގެ ބޮޑުކަމުން ދިގު ސުވާލު ކަރުދާހެއް ތައްޔާރުކޮށްގެން ފިނޭންސް މިނިސްޓްރީއަށް ދިއުމުން އެކަމަނާ އަޅުގަނޑަށް މަރުހަބާކީ އެކުވެރި ހިނިތުންވުމަކާ އެކު އެވެ. އެއީ މަޑުމައިތިރި އަންހެން ބޭފުޅެކެވެ. އެހެނަސް ދޫ ފަރިތަ އެވެ. އަޅުގަނޑުގެ ސުވާލުތަކަށް ޝައުގުވެރިކަމާއެކު ޖަވާބުދެއްވަމުން ގެންދެވީ ވަރަށް ވެސް ފަސޭހަކަމާ އެކު އެވެ.
ރާއްޖޭގެ މާލީ ވުޒާރާގެ ޑެޕިއުޓީ ފައިނޭންސް މިނިސްޓަރެއްގެ މަގާމުގައި މިވަގުތު ހުންނެވި މުނީޒާ އަކީ ބޭންކިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައި، ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ހިކުމަތްތެރި އަންހެން ބޭފުޅެކެވެ. މުނީޒާއަކީ މި ފަހުގެ ތާރީހެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމް ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްއާއި އިސްލާމިކް ފައިނޭންސް އެޑްވައިޒަރެއްގެ އިތުރުން ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީގެ ޗެއާޕާސަންކަން 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރެއްވުމާއިި، ރާއްޖޭގެ ފިގްހު އެކަޑަމީގެ މެންބަރު ކަންވެސް ކުރައްވާފައިވާ މުނީޒާ އަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި އިސްލާމިކް ފައިނޭންސް ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އެޗްޑީއެފްސީގެ އަމްނާ އާއި އެޗްޑީސީގެ އިސްލާމިކް ޕްރޮޑަކްޓުތަކާއި އެލިއާ އިންވެސްޓުމަންޓް މޯލްޑިވްސް ލިމިޓަޑް އާއި އެލައިޑް އަޔާދީ ތަކާފުލް އާއި ލިޓަސް އޮޓޯމޯބައިލްސް ކޮމްޕެނީ އަދި އެމްޓީސީސީ ފަދަ އެތައް ކުންފުނި ތަކަކަށް އިސްލާމިކް ފައިނޭންސްގެ ތެރެއަށް ތައާރަފުކޮށްދެއްވި ބޭކަނބަލެކެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ ޓެކްނިކަލް ހިޔާލު ދެއްވައި، އެކަމުގެ މުގުލުގައި އެންމެ އިސްކޮށް ހުންނެވި އެއް ފަރާތަކީ ވެސް މުނީޒާއެވެ. ރާއްޖެއަށް ސުކޫކު ތައާރަފުކޮށްދެއްވުމާއި ދިވެހި ސަރުކާރުން ބޭނުންކުރާ އިސްލާމިކް ޓްރެޒަރީ އިންސްޓްރޫމަންޓުތައް ވުޖޫދަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް މުނީޒާއެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރަތަމަ ޗެއާޕަސަންއަކީ ވެސް މުނީޒާއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އުފެއްދުމަށްޓަކައި ތައްޔާރުކުރެވުނު ފުރަތަމަ ސްޓްރެޓިޖިކް ޕްލޭނުގެ މުގައްރިރަކީ ވެސް އެކަމަނާއެވެ. އަދި މިހާރު އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް މުޅިން އަލަށް މިއަހަރު އުފެއްދި މޯލްޑިވެސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ވެސް މެ އެވެ. މިހެން ގޮސް މިލިސްޓަށް މިފަދަ އެތައް މަގާމެއް އިތުރުކޮށްލެވިދާނެ އެވެ.
ވަރަށް ޒުވާން އުމުރުގައި އެހާ ބޮޑު ކާމިޔާބީއެއް ހޯދުނު ސަބަބު މުނީޒާ ސިފަކުރައްވަނީ ވަރަށް ތަފާތު ގޮތަކަށެވެ. މާފަންނު މަދަރުސާއިން ޕްރީސްކޫލް ހަޔާތް ނިންމައި ޖަމާލުއްދީން ސްކޫލުން ގްރޭޑް ފަހެއް ނިންމައި އަމީނިއްޔާ ސްކޫލަށް ބަދަލުވެ ޖީސީ ނިންމި އިރުވެސް މުނީޒާ އަކީ ރަނގަޅު މާކުހެއް ހޯދުމަށްވުރެ ބޮޑަށް ސްކޫލުގެ އެކި ހަރަކާތްތަކުގައި އަވަދިނެތި އުޅެން ބޭނުންވި ދަރިވަރެކެވެ. އާދަވެގެން ކޮންމެ އަހަރަކު، ގައުމީ ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތްތަކާއި އެނޫންވެސް ސްކޫލް ގުރުއާން މުބާރާތްތަކުގައި ބައިވެރިވުމަކީ ޝައުގެއް ކަމަށް މުނީޒާ ވިދާޅުވި އެވެ. އަދި ހާއްސަކޮށް އަދަބީ ހަރަކާތްތަކާއި ކްލަބް ހަރަކާތްތަކުގައި ބައިވެރިވެ ވާދަކުރުން ވީ ކިޔެވުމަށްވުރެ އިސްކަންދެއްވި ކަމެއް ކަމަށް ވިދާޅުވާއިރު، މިހާރު އަދާކުރައްވަމުން ގެންދަވާ ޒިންމާދާރު ގިނަ މަގާމްތަކެއްގައި ސާބިތުކަމާއެކު ހަރަކާތްތެރިވުމުގެ ހުނަރަކީ ސްކޫލު ދައުރުގައި އުނގެނުނު މުހިއްމު ހުނަރެއް ކަމަށް މުނީޒާ ސިފަކުރައްވަ އެވެ.
"އަނެއްހެން ބުނާނަމަ އެއް އިރެއްގައިވެސް އެހާ ޝައުގުވެރިކަމެއް ދިން ކަމެއް ނޫން ކިޔެވުމަކީ. ސްކޫލަށް ވެސް ދަނީ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް. އޭލެވެލަށް ސީއެޗްއެސްއީގައި ކިޔެވި އިރުވެސް އާޓް ސްޓްރީމް އަޅުގަނޑު ކިޔެވީ. އެކަމަކު އޭރުވެސް ގުރުއާން މުބާރާތްތަކާއި އަދަބިއްޔާތުގެ އެކި ކަންކަމުގައި އުޅުނިން. ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން މެލޭޝިއާއަށް ކިޔަވަން ގޮސް ހުރި އިރުވެސް ސްޓޫޑެންޓް ރެޕްރެޒެންޓެޓިވް ކައުންސިލަށް 13000 ވޯޓު ހޯދައިގެން އިންޓަނޭޝަނަލް ކަންސްޓިޓުއެންސީގެ ރެޕްރެޒެންޓެޓިވް އެއް ގޮތަށް ހޮވުނީ. އެހެންވީމަ މުޅިން ވެސް އިތުރު ހަރަކާތްތަކުގެ އަޅުގަނޑަށް އުޅެވުނީ. އެއީ ކަންނޭނގެ ކާމިޔާބީއަށް މަސައްކަތްކުރަން އެންމެ އެހީވި ކަންކަމަކީ،" މުނީޒާ ވިދާޅުވި އެވެ.
ކީރިތި ގުރުއާން ކިޔެވުމަށް ޅައިރުއްސުރެ ބޮޑު ޝައުގުވެރިކަމެއް ދެވިފައިވާ މުނީޒާ، މިހާރުވެސް އޭނާގެ އެންމެ އުފާވެރި ހަނދާންތަކުގެ ލިސްޓަށް އެންމެ ފުރަތަމަވެސް އިތުރު ކޮށްލަނީ ގުރުއާނުގެ އެކި މުބާރާތްތަކުން ލިބިފައިވާ ރަން ވަނަ ތަކެވެ.
"ކާމިޔާބީއާ ގުޅޭ ވަރަށް ގިނަ އުފާވެރި ހަނދާންތަކެއް އެބަހުރި. އަޅުގަނޑަށް ގުރުއާން މުބާރާތަކުން ވަނައެއް ލިބޭ ކޮންމެދުވަހަކީ ކާމިޔާބީއެއް ކަމަށް ދެކުނިން. ހާއްސަކޮށް މެލޭޝިއާގައި ކިޔަވަން ހުރި އިރު ޔުނިވަސިޓީއާއި ސައޫދީ ސަރުކާރު ގުޅިގެން ބޭއްވި މުބާރާތަކުން އެއްވަނަ ލިބުނު. އެއީ އުންމީދު ކުރި ކަމެއް ވެސް ނޫން. އެހެންވެ އިންތިހާއަށް އުފާވި، ހަމަ އެގޮތަށް ކުއަލަލަމްޕޫރު އިސްލާމިކް ފައިނޭންސް ފޯރަމަށް ފުރަތަމަ ފަހަރަށް އަޅުގަނޑު އިސްލާމިކް ފައިނޭންސާއި ބެހޭ ދާއިރާއިން ލިޔުނު މަޒްމޫނަކަށް އެއްވަނަ ލިބުން. އެވެސް ސަޕްރައިޒެއްހެން ލިބުނު ކާމިޔާބީއެއް،" މުނީޒާ ވިދާޅުވި އެވެ.
މުނީޒާގެ ނަޒަރުގައި ކާމިޔާބަކީ ހޯދައި ކޮޅުންލާނެ އެއްޗެއް ނޫނެވެ. އަބަދުވެސް ނުކުރެވޭނެހެން މީހުންނަށް ހީވާ ކަންކަން ކުރުމުގެ އަޒުމް އޮންނަން ވާނެ އެވެ. އެހެންވީމާ މުނީޒާ ފަދަ ކަނބަލަކަށް ހަގީގަތުގައިވެސް "ސްކައި އިޒް ދަ ލިމިޓް" އެވެ.
ޔުނިވަސިޓީ ދައުރުގައި މުނީޒާ ހޯދާފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޖާނަލްތަކުގައި އިސްލާމިކް ފައިނޭންސާ ބެހޭގޮތުން އޭނާގެ ލިޔުންތައް ޝާއިއުކުރުމުގެ ފުރުސަތު ލިބުނެވެ. އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ހެއްދެވި ރިސާޗްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލަިގަނެ، ގޯލްޑު، ސިލްވަރ އަދި ބްރޮންޒު މެޑަލް އެކި ފަހަރު މަތިން އެކި އެކި ރިސާޗްތަކަށް ލިބިވަޑައިގެންނެވިއެވެ. އަދި މާސްޓާސް ކިޔަވަމުން ދިޔައިރު އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ބައިނަލް އަގުވާމީ މާކެޓަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ފޮތެއް ނެރުއްވި އެވެ. އޭރުން ފެށިގެން މިއަދާ ހަމަޔަށް، އެކި ޖާނަލްތަަކަށް އާޓިކަލްވެސް ލިޔުއްވަމުން ފަސް ފޮތް ނެރުއްވާފައިވާއިރު، އޭނާގެ މަސައްކަތުން ރާއްޖޭގެ މާކެޓަށް އާ ޕްރޮޑަކްޓެއް ނެރެވޭ ކޮންމެ ދުވަހަކީ ހަނދާނުން ފިލައިގެންދާނެ ދުވަހެއް ނޫންކަމަށް މުނީޒާ ވިދާޅުވި އެވެ.
"މިސާލަކަށް އިސްލާމިކް ކެޕިޓަލް މާކެޓަށް ބަލާކަމަށް ވާނަމަ ސުކޫކެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ތައާރަފްކުރެވުނު ދުވަސް، ހަމަ އެގޮތަށް މިސާލަކަށް އެލިއާ އިން ސައިކަލް ޕްރޮޑަކްޓެއް މާކެޓަށް ނެރުން، ނޫނިއްޔާމު އެޗްޑީއެފްސީ އަމްނާ ވިންގް ވުޖޫދަށް ގެނައުން، މިހަކަލަ އާ ޕްރޮޑަކްޓެއް މާކެޓަށް ނެރެވޭ ކޮންމެ ދުވަހަކީ ވެސް ހަމަ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރުވާ ދުވަހެއް، މި ދެންނެވި ދުވަސްތަކަކީ ބަޔަކަށް ތިމާގެ ފަރާތުން ހިދުމަތެއް ކުރެވޭކަން އިހުސާސްވާ ދުވަސްތަކެއް" ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފްކުރުމުގައި ވެސް މުހިއްމު މަސައްކަތްޕުޅުތަކެއް ކުރެއްވި މުނީޒާގެ އުފާވެރި ހަނދާންތަކެއް އަވަސް އާ ހިއްސާކޮށްލީ މިހެންނެވެ.
އިސްލާމިކް ފައިނޭސްގެ ދާއިރާގައި ރާއްޖޭގެ ތަރަހައިން ބޭރަށް ފިޔަޖަހަމުންދާ މުނީޒާއަކީ ކިޔަވައި ނިމެންދެންވެސް، އެ ދާއިރާއަށް ވަދެ މާ މޮޅު ކަންތައްތަކެއް ކުރުމަށް ތަދުބީރުކޮށްގެން ހުންނެވި ބޭފުޅެއް ނޫނެވެ. މުނީޒާގެ ބަހުން ނަމަ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ވަންނަން އޭނާއަށް "މަޖުބޫރު"ވީ އެވެ. އިސްލާމިކް ފައިނޭންސްގެ ވިސްނުމަކީ، އޭރު ރާއްޖޭގައި ގަބޫލުކުރެވިފައި އޮތް ފިލޯސަފީއަކަށް ނުވި ނަމަވެސް، އެއީ ބައިނަލް އަގުވާމީ ގޮތުން ދުނިޔެ ގަބޫލުކޮށްފައިވާ ފިލޯސަފީއަކަށްވާތީ ލިބިފައިހުރި ތައުލީމުގެ ބޭނުންކޮށްގެން އެ އުސޫލުތައް ރާއްޖެއަށް ގެންނަން ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރުމަށް ޝައުގުވެރިވީއެވެ.
"ހަގީގަތުގަ އަޅުގަނޑު ރާއްޖެއަށް އައިއިރަކު އިސްލާމިކް ފައިނޭންސެއް ނެތް ރާއްޖެއަކު. އެހެންނަމަވެސް އަމާނާ ތަކާފުލް 2003 ވަނަ އަހަރުން ފެށިގެން އަދި މޯލްޑިވްސް އިސްލާމިކް ބޭންކު އަޅުގަނޑު މެލޭގައި ކިޔަވަން ހުރެފަ އައި އަހަރު އުފެދުނު. އެހިސާބުން އަޅުގަނޑަށް ވިސްނުނީ، އަޅުގަނޑު އެބަ ޖެހެއޭ ކިޔެވި ދާއިރާއިން ސޮސައިޓީއަށް ހިދުމަތްތަކެއް ކުރަން. މިސާލަކަށް އަޅުގަނޑަށް ގާނޫނީ ދާއިރާއިން ވެސް ކުރިއަށް ދެވިދާނެ، ލޯ ފާމެއް ވެސް ހުޅުވިދާނެ. އެކަމަކު އަޅުގަނޑުގެ ކާމިޔާބީ އަކަށް ވާނީ ނެތް އެއްޗެއް އުފައްދައިގެން ބަޔަކަށް ހިދުމަތެއް ކޮށްދެވުމުން ދެއްތޮ. އޭރު އަޅުގަނޑު އައި އިރަކު ގެދޮރު އިމާރަތްކުރުމަށް ރިބާއާ ނުލާ ފައިސާ ހޯދޭނެ މަގެއް ނެތް،" މުނީޒާ ވިދާޅުވި އެވެ.
"މީހުން އެބަ ބުނޭ ނުވާނެއޭ. ބުނީމަ އަނެއްކާ އެކަންތައް ކޮށްފަ ދެން ނުވާނެއޭ ބުނާ ކަންތައް ކުރަން މި ދަނީ އަވަހަށް. ގޮސް އެ ހުރިހާ ނުވާނެއޭ ބުނާ ކަންތައްތައް ކޮށް ނިމޭ އިރު އަނެއްކާވެސް އިތުރުކަމެއް ފެނިފަ މި ހުންނަނީ،"
ގިނަ ޒިންމާ ތައް އަދާ ކުރާމީހުން އެ ޒިންމާތަކުގެ އިތުރަށް އެހެން ކަމެއް ކުރާނެތޯ ނުވަތަ އެހެން ކަމަކަށް ވަގުތު ހުސްކުރެވިދާނެތޯ މިއީ އާންމުކޮށް ހިތުގައި އުފެދޭ ސުވާލެކެވެ. ޑރ. މުނީޒާގެ ނަޒަރުގައި ކިތަންމެ ގިނަ މަސައްކަތް ކުރި ނަމަވެސް، ވަގުތު ދޭން ބޭނުންވާ މީހުންނާއި ކަންކަމަށް ވަގުތު ދެވޭނެ އެވެ. ބޭނުންވަނީ ތިމާ އެމީހަކަށް ވަގުތު ދޭނީ ނުވަތަ ކަމެއް ކޮށްދޭނީ ކިހާ ވަރަކަށްތޯ ކަނޑައެޅުން ކަމަށެވެ.
"ވަގުތަކީ ހޯދީމަ ލިބޭނެ އެއްޗެއް. އާންމުކޮށް އިންޓަވިއުކުރާ ފަރާތްތަކުން އަޅުގަނޑަށް އަންނަ ސުވާލެއް، ތި ހުރިހާ ކަމެއް ކުރަމުން އާއިލާއަށް ރަހުމަތްތެރިންނަށް ނޫނީ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރެވޭހޭ. އަޅުގަނޑު ބުނާނީ ވަގުތު ލިބެއޭ. އޭގައި އޮންނަނީ އަޅުގަނޑު އެމީހުންނަށް ވަގުތު ދޭން ބޭނުންވާ ވަރެއް. ރައްޓެހިންނާ އާއިލާއަކީ ވަރަށް މުހިއްމު ބައެއް. މި ދެކަމުން ކުރެ އެއް ކަމަކީވެސް އެއް ކަންތައް ކުރަން އަނެއް ކަންތައް ގުރުބާންކުރެވޭނެ ކަމެއްނޫން،" މުނީޒާ ވިދާޅުވި އެވެ.
ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ހަރުދަނާ ކުރުމަށް މުނީޒާ ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މި އަހަރު ސަރުކާރުން ވަނީ އެކަމަނާއަށް ރެހެންދި އެވޯޑު ދެއްވާފައެވެ. އަދި މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ބައިނަލް އަގުވާމީ ފެންވަރުގެ "ވޯލްޑް ވިމަން ލީޑަޝިޕް ކޮންގްރެސް އެންޑް އެވޯޑު" ވެސް މުނީޒާ ވަނީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި އެ ބޭންކުން ވަނީ ރާއްޖެއަށް އިސްލާމިކް ލިކުއިޑިޓީ މެނޭޖުމަންޓް އިންސްޓްރޫމަންޓުތައް ތައާރަފުކޮށްދެއްވައި އިސްލާމިކް ބޭންކިންގް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރާނެ މަގު ތަނަވަސްކޮށްދެއްވާފައިވާތީ މުނީޒާ އަށް ހާއްސަ ހަދާނީ ފިލައެއް ވެސް އަރުއްވާފައެވެ.
މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއަކާ އެކުވެސް މުނީޒާ ދެކިވަޑައިގަންނަވާ ވަރަށް ހާއްސަ ހުވަފެންފުޅެއް އަދިވެސް އެބަ އޮތެވެ. އެއީ ދެކުނު އޭޝިއާ ސަރަހައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމުގެ ހުވަފެންފުޅެވެ.
"ދެކުނު އޭޝިއާ ސަރަހައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކީ ރާއްޖެ ކަމަށް ސަރަހައްދުގެ ގައުމުތަކުން ބަލައިގަންނަ ދުވަހަކީ އަޅުގަނޑުގެ އުންމީދުތައް ފުރިހަމަވާ ދުވަސް. އެދުވަހަކުން އަޅުގަނޑަށް ހީވަނީ މި ދާއިރާއިން ރިޓަޔާވާންވެސް އަޅުގަނޑު ހުންނާނީ ތައްޔާރަށް ހެން ހަމަ މިއާ އެކު އިސްލާމިކް ޓުވަރިޒަމް ރާއްޖެއަށް ތައާރަފުވެ، އޭގެ ފައިދާ ދިވެހިންނަށް ލިބޭނެ ދުވަހަކީވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް،" އުންމީދީ ހިނިތުންވުމަކާއެކު މުނީޒާ ވިދާޅުވި އެވެ.
އެހެންވީމާ ކާމިޔާބީއާ ހަމަޔަށް ވާސިލްވުމަށް ލައްކަ ހިއްވަރަކާއެކު މަސައްކަތްކުރަންޖެހޭކަން މުނީޒާ މިވަނީ އަަމަލީ ގޮތުން ސާބިތުކޮށްދެއްވާފައެވެ. ކާމިޔާބުގެ ހަރުފަތްތަކުން މައްޗަށް އެރުމަށް އަދިވެސް މުނީޒާގެ މިސްރާބު ހުރީ ވަރަށް ސާބިތުކަމާއި އެކުގައެވެ.