މީހުން

ދިވެހިން އައިޓީއާ "ރައްޓެހި" ކޮށްދިން ރަފީއުއްދީން!

އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރާ ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަކީ މިހާރުގެ ދިވެހިންނަށް މާ އައު ކަމެއް ނޫނެވެ. އުމުރުން ދޮށީ މީހުންނާއި ކުޑަކުދިން ވެސް އެތަކެއްޗަށް މިހާރު ފަރިތަ އެވެ. ނަމަވެސް އެއީ އަބަދުވެސް ކަން އޮތް ގޮތެއް ނޫނެވެ. ފޮށި ކޮމްޕއިޓަރެއް މަގުމަތީގައި ބަހައްޓާ ވީޑިއޯއެއް އަޅުވާލުމުން މަގުމަތި ތޮއްޖެހޭ ވަރަށް މީހުން އެއްވާ ޒަމާން ވެސް އޮތީ މާ ފަހަތެއްގަ އެއް ނޫނެވެ.

އެހެންކަމުން މިހާރު ދިވެހިންގެ ވިސްނުމާއި ތަހުޒީބުކަން ހުރި މިންވަރަށް ގެނެސް ދިނުމަށް މުޅި ހަޔާތް ހޭދަކޮށްލަން ވެސް ބަޔަކު ތިބޭނެ ކަން ވެސް ހަނދާންކޮށްލަން ޖެހެ އެވެ. އެ މަސައްކަތުގައި އޭރު އެންމެ މައްޝޫރުވެ ރާއްޖޭގެ އައިޓީ ދާއިރާއެއް އިންގިލާބެއް ގެނައުމުގައި ބޮޑު ރޯލެއް އަދާކުރި ރަފިއުދީން ނަސީމްގެ ވާހަކަ ވާހަކަ ދައްކަމާ ހެއްޔެވެ؟

ރަފީއުއާ ބެހޭ ކުރު ތައާރަފެއް ދޭނަމަވެ؛ އޭނާއަކީ އައިޓީ ކިޔަވާދޭ ކޮލެޖު، ސައިރެކްސް ވުޖޫދަށް ގެނެސް ރާއްޖެއަށް މައިކްރޯސޮފްޓް ވިންޑޯޒް ތައާރަފްކޮށް، ހެޔޮ އަގެއްގައި ކޮމްޕިއުޓަރު ގަނެވޭނެ މަގު ދިވެހިންނަށް ތަނަވަސްކޮށްދީ، އައިޓީ ކުރިއެރުވުމަށްޓަކައި މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ގޮސް އެތަށް ހާސް ބަޔަކަށް އުނގަންނާދިން މީހެކެވެ. އެ މަސައްކަތަށް ރަފީއު ފުރަތަމަ ނިކުތީ އޭނާގެ އުމުރުން 20 އަހަރު ވެސް ނުފުރެނީހެވެ. އެފަދަ ބޮޑެތި ހިދުމަތްތައް ގައުމަށްކޮށްދިނުމަށް އެންމެ މަތީ ފެންވަރުގައި އައިޓީ ކިޔަވައިގެން ނޫނީ ނުވާނޭ ހިތަށް އަރާފާނެ އެވެ. ނަމަވެސް ރަފީއު އެ ކަންކަން ހާސިލު ކުރީ ވަރުގަދަ އަަޒުމާކާގެން ނިކުމެ އެވެ.

"އަޅުގަނޑު އައިޓީ ދާއިރާއެއް ނުކިޔަވަން. ނަމަވެސް ހާޑްވެއާ ތަކެތި ރިޕެއާ ކުރުމުގެ ކޯހެއްގައި ބައިވެރިވެ އެކަހަލަ މަސައްކަތް އޭރު ކުރަން. އެގޮތުން ރާއްޖެއިން ތެޔޮ ހޯދަން އައި އިނގިރޭސި ބަޔަކާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުން. އެ މީހުން އުޅޭތަނުން ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރެއް ފެނުނީ ވެސް. އަޅުގަނޑު ވެސް ފުދޭވަރަކަށް އާ ވާނެ. ނަމަވެސް ވަރަށް ޝައުގުވެރިކަން ހުރީމަ އެތަނުން ބަޔަކު އަޅުގަނޑަށް ބޮޑަށް ކިޔާ ދިނީ އެއާ ކުޅެން. އޭރު ވަރަށް ބީރައްޓެހި އެއްޗެއް އެއީ އަދި ރާއްޖޭގައި ވަރަށް އަގު ބޮޑު އެއްޗެއް. ދެން އެތަނުން އަޅުގަނޑަށް ފުރަތަމަ ވިންޑޯޒް ފެނިގެން ހިތަށް އެރީ މިއީ ދުނިޔޭގައި ވަރަށް ބޮޑަށް ކުރި ހޯދާނެ އެއްޗެއްކަން. އަދި އަޅުގަނޑެކޭ އެއްފަދައިން އެހެން ދިވެހިންނާ ހަމަޔަށް ވެސް ވިންޑޯޒް ގެނެސްދޭންވީކަން،" އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ރަފީއު ވިދާޅުވި އެވެ.

ރަފީއު ވިދާޅުވި ގޮތުގައި އޭރު ވެސް ރާއްޖޭގައި އައިޓީ ދާއިރާ ކިޔަވައިގެން ތިބި މަދު ބަޔަކު ރާއްޖޭގައި އުޅެ އެވެ. އަދި ސަރުކާރުގެ މަދު އޮފީހެއްގައި ކޮމްޕިއުޓަރެއް ވެސް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް ވިންޑޯޒްއާ މައިކްރޮސޮފްޓްގެ ބަދަލުގައި އޭރު ބޭނުން ކުރަނީ ވޯޑްސްޓާ ނުވަތަ ވޯޑްޕާފެކްޓް ފަދަ އެޕްލިކޭޝަންތަކެވެ. އެހެންކަމުން އައިޓީ ދާއިރާ ކިޔަވައިގެން ތިބި މީހުންނަށް ވެސް އެ މީހުން ކިޔެވި އެއްޗެހީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފެ އެވެ. އެހެން ކަމުން ރަފީއު ނިންމީ ރާއްޖެއިން ބޭރުން ކޮމްޕިއުޓަރުތަކެއް ގެނެސް ސައިރެކްސް ހުޅުވައިގެން ވިންޑޯޒް ތައާރަފްކޮށްދިނުމަށެވެ.

"ސައިރެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުފައްދައިގެން ރާއްޖެއިން ބޭރުން ގެނައީ ފަސް ކޮމްޕިއުޓަރު. ދެން ވަރަށް ގިނަ މީހުން އަހާނެ ފަސް ކޮމްޕިއުޓަރުން ކިހިނެތް ހޭ އެހާ ބައިވަރު މީހުނަށް ކިޔަވާދޭނީ. ނަމަވެސް އަޅުގަނޑު ފުރަތަމަ ބޭއްވީ ފަސް ހަފްތާގެ ކްރޭޝް ކޯސްތަކެއް. އަދި ވަރަށް ރަނގަޅަށް އެތައް ސަތޭކަ ކުދިންތަކަކަށް ކިޔަވައި ދިނިން. ވަރަށް ބޮޑު ތަރުހީބެއް ލިބުން. އެއީ ވިންޑޯޒްގެ ޕްލެޓްފޯމުގެ ތައާރަފެއް އަރުވުން. މިސާލަކަށް ފޯލްޑާ އެއް ހެދުމާއި ފައިލްއެއް ސޭވް ކުރުމާއި ފައިލް އެއް ހުޅުވާ ޑިލީޓު ކުރުމާއި ނަން ބަދަލު ކުރުން ފަދަ އާދައިގެ އެއްޗެހި ފުރަތަމަ ދަސްކޮށްދިނީ،" ރަފީއު ވިދާޅުވި އެވެ. "އޭރު ފޮރިން މިނިސްޓްރީގައި ވެސް ގެންގުޅެނީ ވޯޑް ޕާފެކްޓް. ދެން އޭރު ސާވިސްވެސްކޮށްދޭތީ ވިންޑޯޒް އަޅާ ދިނިން ފޮރިން މިނިސްޓްރީގެ ކޮމްޕިއުޓަރަށް. އޭރު ބޭނުން ކުރީ ވެސް ބޮޑެތި ފްލޮޕީ ޑިސްކުތައް. ގާތްގަނޑަކަށް 20 ވަރަކަށް ފްލޮޕީއިން ވިންޑޯޒް އެޅޭނީ،"

ކޮންމެއަކަސް ރަފީއުގެ މި މަސައްކަތް ހިނގައިގަނެ 1995 އަކަށް އެޅި އިރު ސައިރެކްސް އޮތީ މުޅި ރާއްޖޭގައި އެންމެ މައްޝޫރު އައިޓީ ކިޔަވާދޭ ތަނަށް ވެފަ އެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ވިންޑޯޒް ތައާރަފްކޮށް އޭގެ މޮޑިއުލްސްތައް ކިޔަވާދީ އެންމެ ފުރަތަމަ ކުލަ ޕްރިންޓަރެއް ރާއްޖެއަށް ގެނެސް ޕެއިންޓިއަމް ސިސްޓަމެއް ވެސް ރާއްޖެއަށް ގެނައި ބަޔަކީ އެއީ އެވެ. ސައިރެކްސް ދިޔައީ ރަފީއުއާ އެކީ ފިޔަ ޖަހަމުންނެވެ. އައިޓީ އުނގަންނައި ދިނުމުގެ ދާއިރާއަށް އިންގިލާބެއް ގެނެސް ދިނެވެ.

ނަމަވެސް އޭރުގެ މާލީ ހާލަތު ދިމާކުރި ގޮތުންނާއި ތަފާތު ގޮންޖެހުންތަކާ ހެދި ރަފީއުއަށް ޖެހުނީ އޭނާ އުފަންކޮށް ބޮޑު ކުރި ސައިރެކްސް ދޫކޮށްލާށެވެ.

"އަޅުގަނޑު ވަރަށް ޅަ ވާނެ. އުމުރުން 17 އަދި 18 ގައި އުޅޭނީ. އޭރު ވިޔަފާރި މާ ބޮޑަށް ނޭނގޭނެ. ވިޔަފާރިއަށް ވުރެ ބޮޑަށް ކުރާ ހިތުން ކުރި ކަމެއް ސައިރެކްސްގެ މަސައްކަތަކީ ވެސް. ދެން ވިންޑޯޒް 2000 އާ ހަމަޔަށް އައީމަ އަޅުގަނޑު ޖެހުނު ކުރިން ސައިރެކްސްގައި ބޭނުން ކުރަމުން ދިޔަ ސިސްޓަމްތައް ބަދަލުކޮށް ޕެއިންޓިއަމް ސިސްޓަމްތައް ގަންނަން. އެ ނޫނީ އެންމެ ބޭނުންވާ އެއްޗެއް ކިޔަވައެއް ނުދެވޭނެ. ސައިރެކްސް ދާނީ ފަހަތަށް އެހެންވެ އަޅުގަނޑުއަތުގައި އޭރު އެހާ ބޮޑު ކޭޝްފްލޯއެއް ނެތީމަ ޖެހުނީ ސައިރެކްސް އެހެން ބަޔަކަށް ވިއްކާލަން،" ރަފީއު ވިދާޅުވި އެވެ.

ކޮންމެއަކަސް ރަފީއުގެ ވާހަކަތައް ސައިރެކްސްއާ ހަމައިން ނިންމާލެވޭކަށް ނެތެވެ. އޭނާ ވަނީ ރިސޯސް ކޮމްޕިއުޓާ ޓްރެއިނިން ސެންޓާގެ ނަމުގައި ތަނެއް ހުޅުވާ އައިޓީ ކިޔަވަން ބޭނުންވާ ދަރިވަރުންގެ ގާތަށް މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށް އުނގަންނާދީފަ އެވެ. އެކަމުގައި އެތަށް ދުވަސްތަކެއް ހޭދަ ކުރި އެވެ. އެއީ ވެސް ގައުމަށްކޮށްދެއްވި ބުރަ އަދި ހިދުމަތްތެރި މަސައްކަތެކެވެ. ރާއްޖޭގައި އައިޓީ ކިޔަވައިދޭން ރަފީއު ނާރާ ރަށެއް ވަރަށް މަދުވާނެ އެވެ. އައިޓީ ދާއިރާއިން ހަވީރު ނޫހަށް ވެސް އޭނާ ލިޔުއްވެވި އެވެ.

އޭގެ އިތުރުންް 2000 ގެ އަހަރުތަކަށް އެރި އިރު ހޯމް ޕީސީގެ ނަމުގައި ފިހާރައެއް ހުޅުވާ ވަރަށް ހެޔޮ އަގެއްގައި ކޮމްޕިއުޓަރު ވިއްކުމުގެ ވިޔަފާރިއެއް ވެސް ރަފީއު ފެށި އެވެ. އެ ނިމުނީކީ ނޫނެވެ. އޭނާއަކީ ރާއްޖެއަށް ވަން ޕްލަސްއާ ހުވާއީ ފަދަ ފޯނު ރާއްޖެ ގެނެސް މައްޝޫރު ކުރުވި ޒިއޯމް މޯބައިލްސްގެ ބޮޑު މީހާ އެވެ.

"ޓެކްނޮލޮޖީއަށް އައި އެންމެ ބޮޑު ބަދަލުއައީ 1993 އަކާއި 2000 ވަނަ އަހަރާ ދެމެދު. އޭގެ ފަހުން މިހާރުވެސް ދަނީ އިންތިހާއަށް އަވަހަށް ބަދަލުވަމުން. ދެން ކޮމްޕިއުޓަރުގެ ބޭނުންތައް ހަނިވެ މުސްތަގުބަލު އޮތީ ޓީވީއާ ފޯނުގެ. އެއީ ކޮމްޕިއުޓަރުން ކުރެވޭ ހުރިހާ ކަމެއް މާ ފަސޭހައިން ފޯނުންކޮށްލެވޭ. އެހެންވެ އަޅުގަނޑު މިހާރު ކުރަނީ އޭގެ ވިޔަފާރި،" ރަފީއު ވިދާޅުވި އެވެ.

ރަފީއު މިހާރު އަންނަނީ މާލޭގައި ފޯނު ވިއްކާ ދެ ފިހާރައެއް ހުޅުވާގެން ރަފީއު ވިޔަފާރި ކުރަމުންނެވެ. ނަމަވެސް އޭނާ މުސްތަގުބަލަށް އޮތް އުންމީދަކީ އަދިވެސް ދިވެހިންނަށް އެންމެން އާންމުގޮތެއްގައި ބޭނުން ކުރާތަކެތި ނޫން މުޅިންއާ ތަފާތު އަދި މުސްރަގުބަލު އޮތް އެއްޗެހި ތައާރަފްކޮށް ޓެކްނޮލޮޖީ ދާއިރާއިން ކުރިއެރުންތަކެއް ހޯދައިދިނުމަށެވެ. އެ ދާއިރާއަށް ވަންނަ ޒުވާން ކުދިންނަށް ވެސް ރަފީއު ދޭ ނަސޭހަތަކީ ހަމަ އެ އެވެ.