ރޯދަ މަހާ ރޯއްޖާ

ބޯޅަ ދަނޑާއި ސިޔާސީ ދަނޑުގެ ތަޖުރިބާ ޓޮމްއަށް!

މުޅި ގައުމުގެ ހައްގުގައި ފުޓުބޯޅަ މެޗު ކުޅެން ފެށާއިރު އޭނާ ގޯލެއް ޖެހާނެ ކަމަށް ރައްޔިތުން ކުރާ ފޮނި އުންމީދުތައް ފެނަށް ދިޔަ ނުދިނުމަށް ކުޅޭ ކުޅުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިފައިގެން ގައުމުގެ މުސްތަގުބަލު އުޖާލާ ކުރަން ނުކުންނަވައި މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި ކުރާ "ހަނގުރާމަ" އިގެ ތަފާތެވެ. އެކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ ރައްޔިތުންގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ފުޓުބޯޅައިން ރާއްޖެއަށް ރީތި ނަން ހޯދާދީފައިވާ އަހުމަދު ތޯރިގު (ޓޮމް) އަށެވެ.

"ނިއުރޭޑިއަންޓުގައި ހުރެ ވިކްޓްރީ ކޮޅަށް ލަނޑެއް ޖެހީމަ ނިއުގެ ސަޕޯޓަރުން އުފަލުން ފޯރި ނަގާ ފަހުރުވެރިވާނެ. އިދިކޮޅު ވިކްޓަރީގެ ސަޕޯޓަރުން ތިބޭނީ އަޅުގަނޑާ މެދު ކުޑަކޮށް ހިތްހަމަ ނުޖެހިފަ. ނަމަވެސް ގައުމީ ޓީމަށް ކުޅެމުން ބޭރު ބަޔަކާ ދެކޮޅަށް ލަނޑެއް ޖަހައިފި ނަމަ ވިކްޓްރީ ސަޕޯޓަރުން ވެސް ނިއުރޭޑިއަންޓް ސަޕޯޓަރުން ވެސް އުފަލުން ފޮޅޭ. އަޅުގަނޑަށް މަރުހަބާ ކިޔާ ކާމިޔާބީގައި ބައިވެރިވާނެ. އެއީ ސިޔާސީ ދާއިރާގައި ނޯންނަ ކަމަކީ. ރާއްޖޭގައި މައިގަނޑު ދެ ސިޔާސި ޕާޓީއެއް އޮންނަ އިރު، މުޅި ގައުމާ ރައްޔިތުންގެ ފައިދާއަށް ކުރާ ކަންކަމުން ލިބޭ ކާމިޔާބީތަކުގައި އިދިކޮޅެއް ބައިވެރިއެއް ނުވާނެ. އަބަދުވެސް އެއްބައެއްގެ ނުރުހުމާއި ނަފުރަތު ލިބޭނެ،" ޓޮމް ވިދާޅުވި އެވެ.

ފުޓުބޯޅައާ ސިޔާސީ ދާއިރާއަކީ އެންމެ ފަސޭހައިން ދިވެހިންގެ ލެއާ ކުޅެލާ ދެ ދާއިރާ އެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އަޑު ގަދަ ކުރާނީ ވެސް ފުޓުބޯޅަ ދަނޑެއްގައި ނުވަތަ ސިޔާސީ އެއްވުމެއްގަ އެވެ. އެގޮތަށް ބަލާއިރު ރާއްޖޭގައި ރޫހުގެ ގޮތުން ދާދި އެއްކަހަލަ ދެ ކަމަކީ އެއީއޭ ވެސް ބުނެވިދާނެ އެވެ.

ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ކުލަބުގައި އެންމެ މަތީ ފެންވަރުގައި ކުޅެ ފޮނި ކާމިޔާބީތަކާއެކު ފިޔަ ޖެހި، ޓޮމް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މެންބަރެއް ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އެވެ. ޓޮމް ވިދާޅުވި ގޮތުގައި ސިޔާސީ ދަނޑުގަ އާއި ފުޓުބޯޅައި ދަނޑުގައި އޭނާ ކުރީ ވަރަށް ތަފާތު ދެ ތަޖުރިބާއެކެވެ.

"ފުޓުބޯޅަ ކުޅުނު އިރު މުޅި ފޯކަސް އޮންނަނީ މެޗުން ޓީމު މޮޅު ކޮށްދިނުމާއި ހަށިގަނޑު ބައްޓަން ކުރުމާއި ބުންވަރު ހޯދުމާ ޕްރެކްޓިސް ކުރުމަށް. އިތުރު މާ ގިނަ ކަންކަމަށް ވިސްނާކަށް ނުޖެހޭ. ގާތްގަނޑަކަށް ހުރިހާ ކަމެއް ވެސް ކުރިޔަށް ދާނީ ރާވާފައި އޮންނަ ގޮތަށް،" ޓޮމް ވިދާޅުވި އެވެ. "މަޖިލީސް މެންބަރަކަށް ވީމަ 24 ގަޑިއިރު ހުންނަން ޖެހެނީ މީހަކަށް ދިމާވެދާނެ ކަމަކަށް އެހީވުމަށް ތައްޔާރަށް. މީހަކު މާލީ ގޮތުން ދަތިވުމާއި ރާއްޖެއިން ބޭރަށް ނުފުރިފައި ހުރުމާއި އާސަންދަ ހަމަނުޖެހުން ނުވަތަ ވަޒީފާ ނުލިބިގެން އުޅޭ މީހަކަށް އެހީތެރިކަން ދިނުން ފަދަ ކަންކަމުގައި އުޅެ އެކަންކަމާ މެދު ވިސްނާ އެހީ ފޯރުކޮށްދިނުމުގައި އުޅެން ޖެހޭނީ. އޭގެ އިތުރުން މަޖިލީހަށް ގޮސް 2:30 ވަންދެން ކޮމިޓީތަކާއި ތަޅުމުގައި މަސައްކަތް ކުރަން ޖެހޭ. ބިލްތަކަށާއި ކުރާަ އެކިއެކި ކަންކަމުގައި ހިޔާލު ދީ ދިރާސާތައްކޮށް ގިނަ މަސައްކަތް އޮވޭ،"

ޓޮމް ވިދާޅުވި ގޮތުގައި ފުޓުބޯޅަ ކުޅުނު ދުވަސްވަރު އޭނާއަކީ ކެއުމަށް ވަރަށް ފަރުވާތެރިވި މީހެކެވެ. ހާއްސަކޮށް މެޗެއް ނެތް ނަމަ ރޭގަނޑު އަވަހަށް ނިދަން ޓޮމް ވަރަށް ސަމާލުކަން ދެއްވި އެވެ. ނަމަވެސް މިހާރު ސީޔާސީ ބޭފުޅަކަށް ވެ ވަޑައިގެންނެވުމުން ކޮންމެ ރެއަކުވެސް ގިނަ އިރުތަކެއް ވަންދެއް ބޭރުގައި އުޅުއްވަން ޖެހި ވަޑައިގަންނަވަ އެވެ. ހޭލައި މީހުންނާ ބައްދަލު ކުރެއްުމާއި އެކި ކަންކަމުގައި މީހުންނަށް އެހީވެދީ ޕާޓީގެ މަސައްކަތުގައި ދަންވަންދެއް އުޅުއްވަން ޖެހިވަޑައިގަންނަވަ އެވެ.

"ކުޅުނު އިރު ރޭގަނޑު 10:00 ގެ ފަހުން އަޅުގަނޑު ހޯދަން ވަރަށް އުނދަގޫ ވާނެ. ވަރަށް ހާއްސަ ހާލަތެއްގައި ނޫނީ އަޅުގަނޑު ބޭރަކަށް ނުނިކުންނާނަން. މެޗެއް ކުޅުނަސް ޕްރެކްޓިސް ކުރިއަސް ނުވައަކާ ދިހައަކާ ދެމެދު ނިދަން އަބަދުވެސް. އެއާ ހިލާފަށް މިހާރު މުޅިން ތަފާތު. ވަރަށް އުނދަގޫ މާ ލަސްވީމަ ހޭލާ އުޅެން ވެސް. އެކަމަކު ކޮނޑުގައި އެޅިފައި ހުންނަ މައްސޫލިއްޔަތު އެއަށް ވުރެ ބޮޑު،" ޓޮމް ވިދާޅުވި އެވެ.

ފުޓުބޯޅާއާ ސިޔާސި ދާއިރާއަކީ ވެސް އޭގެ ޒާތުގައި ތަފާތު ޕްރެޝަރުތައް އެކި ކޮޅުކޮޅުން އަންނަ ދެ ކަމެކެވެ. އަދި އެ ޕްރެޝަރާ ހެދި ދަނޑުމަތީ ނެރޭ ނަތީޖާ އާއި މަޖިލީހުގެ ވޯޓުގެ ނަތީޖާއަށް ކޮންމެ ފަދަ ބަދަލެއް އައުން ވެސް އެކަށީގެންވެ އެވެ. ޓޮމް ވިދާޅުވި ގޮތުގައި ފުޓުބޯޅަ ދަނޑުގައާއި ސިޔާސި ދާއިރާއަކީ ވެސް އެއްވަރަށް ފިކުރު ކުރަން ޖެހޭ އުނދަގޫ ބޮޑެތި ޕްރެޝަރުތަކެއް އަންނަ ދެ ދާއިރާ އެވެ.

އަންނަ ޕްރެޝަރާއި ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ބައެއް ފަހަރު ދާއިރާއިން އަންނަ ޕްރެޝަރުތައް ވެސް ބޮޑެވެ. ހަމަ އެގޮތަށް ފުޓުބޯޅައިގައި އުޅުުނު އިރުވެސް އޮތް ޕްރެޝަރު ވަކި ކުޑައެއް ނޫނެވެ.

"ހަނދާންވޭ އެފްސީ ކަޕްގައި ކުއާޓާ ފައިނަލް މެޗު ކުޅުމަށް އަޅުނގަނޑު މެލޭޝިއާގައި ހުއްޓާ ނިއުރޭޑިއަންޓުގެ ޗެއާމަން ދައުވަތު ދިން. އަޅުގަނޑު އެއްވެސް ޕްރެކްޓިސްއެއް ނުކުރަން. ނަމަވެސް އޭރު ހުރި ފޯވަޑު އިންޖަރީވެފަ ހުރީ. އެހެންވެ ކޮންމެހެން ވެސް ދާން ޖެހިގެން އެންމެ ފަހު ޕްރެކްޓިސްއަށް ދެވުނީ. އެއީ އެންމެ ޕްރެޝަރަށް އެރި ދުވަސް. މުޅި ގައުމު އޮތީ އަޅުގަނޑުގެ ލަނޑަކަށް ބަރޯސާ ވެގެން. އަޅުގަނޑު އެބަ ސިކުނޑި ތައްޔާރުވެގެން ހުންނަން ޖެހޭނެކަން އެނގޭ. ނަމަވެސް އެ މެޗައް ތައްޔާރުވާން ހުރި އިރު ވިސްނާ ވިސްނާ ޕްރެޝަރުގަ ހުރި ވަރު ނުނިދިވެސް ދިޔަ. ދަނޑަށް އަރާއިރު ފުރަތަމަ 10 މިނެޓު ތެރޭގައި ވަރަށް ބޮޑަށް ނުތަވަވަސްކަން ހުރެ ހާސްކަން ހުރި،" ޓޮމް ވިދާޅުވި އެވެ.

އެ ހުރިހާ ޕްރެޝަރާއި ބުރަ މަސަައްކަތުގެ ތެރޭގައި ވެސް ޓޮމްގެ އަޒުމަށް ބަދަލެއް ނުގެންނަވަ އެވެ. ކުޑައިރުއްސުރެ ފުޓުބޯޅައިގެ ހުނަރާއެކު މޮޅަށް ބޯޅަ ކުޅުނު ނަމަވެސް މަޖިިލިސް މެންބަރަކަށް ވެވަޑައިގެންނެވުމަކީ ޓޮމްގެ ޑްރީމް ޖޮބެކެވެ. ޓޮމް ހުންނެވީ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ ގޮތުން ގައުމަށް ހިދުމަތް ކުރެއްވުމުގައެވެ. އަދި އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވާ ޓޮމް އަދިވެސް ހުންނެވީ ބޯޅައިގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރައްވާ ހިތުންނެވެ.