ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕުގެ އެއްވަނަ ހޯދުމަށްވުރެ ދެ ވަނަ ބުރަށް ދިއުމުން މުހިންމު ކަމަށާއި ސްލޮވާކިޔާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ކެޕްޓަން ވޭން ރޫނީއާއެކު ހަ ކުޅުންތެރިއަކު ރެސްޓް ކުރުވަން އިނގިރޭސި ކޯޗު ރޯއި ހޮޖްސަން ނިންމައިފި އެވެ.
އިނގިރޭސި މީޑިޔާއިން ބުނާ ގޮތުގައި އަރާމުކުރަން ފުރުސަތުދޭ އަނެއް ފަސް ކުޅުންތެރިންނަކީ ހެރީކޭން އާއި ޑެލޭ އަލީ، ރަހީމް ސްޓާލިން އަދި ކޭލް ވޯކާ އާއި ޑެނީ ރޯސް އެވެ.
މި ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ 11އިން ފެނުން ގާތީ ޑެނިއަލް ސްޓަރިޖާއި ޖިމީ ވާޑީ އާއި ޖޯޑަން ހެންޑަސަން އާއި ޖެކް ވިލްޝެއާ އަދި ނެތަނިއަލް ކްލޭން އާއި ރަޔަން ބާޓްރާންޑެވެ.
އިނގިރޭސިން މިހާގިނަ ބަދަލުތަކެއް ގެންނަން ނިންމި ނަމަވެސް ސްލޮވާކިޔާއިން ނެރޭނީ ރަޝިޔާއާ އަތުން މޮޅުވި މެޗުގެ ފުރަތަމަ 11ގަ އެވެ.
މި ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު ކޮންމެ ގައުމަކުން ވެސް ހަ ކުޅުންތެރިއަކަށް ވަނި ރީނދޫ ކާޑު ދައްކައިފަ އެވެ. މިހެންވެ މި މެޗުގައި އެއިން ކުޅުންތެރިއަކަށް ކާޑެއް ދައްކައިފިނަމަ ދެ ވަނަ ބުރުގައި ނުކުޅެވޭނެ އެވެ.
މި މެޗަށް ދެ ޓީމު ނުކުންނައިރު ކޯޗު ހޮޖްސަން ބުނީ ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ އެޑްވާންޓޭޖް ތަކެއް އެބަހުރި ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ކުޅެން ޖެހޭނީ ފްރާންސްގައި. އެހެންވީމަ އެންމެ މުހިންމު ކަމަކީ ދެ ވަނަ ބުރަށް ދިއުން. އެއްވަނަ ލިބުން ގާތް އަހަރުމެންނަށް. އެއްވަނަ ލިބިއްޖެނަމަ ކުޅެންޖެހޭނީ (ފްރާންސްގެ ވެރިރަށް) ޕެރިހުގައި. އެއ އަހަރުމެންގެ ޓްރޭނިން ބޭސްއާ ކައިރި. އެއީ ހިތްހަމަޖެހުމެއް. އެއްވަނަ ލިބިއްޖެނަމަ ކުޅެން ޖެހޭނީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ޓީމަކާ. އެހެންވީމަ އެއްވަނަ ހޯދަން ކުޅޭނީ. އެކަމަކު އެންމެ މުހިންމީ ކޮލިފައިވުން،" ކޯޗު ބުންޏެވެ.
މިރޭގެ މެޗު ކުޅޭ ޖިއޯފްރޯއި ސްޓޭޑިއަމަކީ 1998ގެ ވޯލްޑް ކަޕުގައި އާޖެންޓީނާއާ ބައްދަލުކޮށް 2-2އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން އިނގިރޭސިން ބަލިވި ދަނޑެވެ.