ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް އިނގިރޭސީންނާއި ސްލޮވާކިޔާ މިރޭ މެޗަކީ ސްލޮވާކިޔާގެ ކެޕްޓަން މާޓިން ސްކަޓެލް އަށް ވަރަށް ހާއްސަ މެޗެކެވެ. އިނގިރޭސި ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިއަކީ އޭނާއާއެކު ލިވަޕޫލަށް ކުޅޭ ކުޅުންތެރިންނެވެ. މިހެންވެ މެޗަކީ އެހާ ފަސޭހަ މެޗެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ޖޭމްސް މިލްނާ އާއި ނެތަނިއަލް ކްލޭން އާއި ޑެނިއަލް ސްޓަރިޖާއި އާދަމް ލަލާނާ އަކީ އިނގިރޭސި ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. އަދި މިހާރު މެންޗެސްޓާ ސިޓީ އަށް ކުޅޭ ރަހީމް ސްޓާލިން އަކީ ވެސް މިދިޔަ އަހަރާ ޖެހެންދެން ލިވަޕޫލަށް ކުޅުނު ކުޅުންތެރިއެކެވެ.
"މިއީ އަހަންނަށް ވެސް އެހާ ފަސޭހަ މެޗެއްނޫން. އެމީހުންނަށް ވެސް އަހަރެން އެނގޭނެ. އަހަންނަށް ވެސް އެމީހުން އެނގޭނެ. މެޗަށްވުރެ ބޮޑަށް މިއޮތީ ވަރަށް ބޮޑަށް ގުޅިފައި. އެކަމަކު ޕްރޮފެޝަނަލް ވާންޖެހޭނެ. އަހަރުމެން މި 90 މިނިޓްގައި އެއްވެސް ރަހުމަތްތެރިކަމެއް ނޯންނާނެ. މެޗުގެ ކުރިންނާއި މެޗަށް ފަހު ރަހުމަތްތެރިކަން އޮންނާނީ. މިވާދަކުރަނީ ދެ ގައުމު. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރާނީ އެބަޔަކު މޮޅުވާން،" ސްކަޓެލް ބުންޏެވެ.
ފާއިތުވެދިޔަ އަށް އަހަރު ލިވަޕޫލަށް ކުޅުނު ޑިފެންޑަރު ބުނީ އިނގިރޭސި ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި އޭނާ އެދެނީ އިނގިރޭސީންނާއި ސްލޮވާކިޔާ ދެ ވަނަ ބުރުގައި ކުޅެން ކަމަށެވެ.
ސްކަޓެލް އަންނަ ސީޒަނުގައި ލިވަޕޫލްގައި ހުންނާނެކަން ނުވަތަ ނޫންކަން އެނގޭނީ ޔޫރޯ އަށް ފަހު އެވެ. ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގެން ކްލޮޕްގެ ޕްލޭނުގައި ސްކަޓެލް އަށް މިހާރު ޖާގަ ނެތް ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. ނަމަވެސް ކުޅުންތެރިޔާ ބުނީ އެއްވެސް އެއްޗެއް ބުނާނީ ޔޫރޯ އަށް ފަހު ކަމަށެވެ.