ބޭރު ކުޅިވަރު

ސެމީ އަށް ނުދެވިއްޖެނަމަ އިނގިރޭސި ކޯޗުގެ ވަޒީފާ ގެއްލެނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދެވިއްޖެނަމަ އިނގިރޭސި ކޯޗު ރޯއި ހޮޖްސަން އަށް އާ ކޮންޓްރެކްޓެއް ޔަގީންވާނެ ކަމަށާއި ކޯޗުގެ ކުރިމަގާމެދު ގޮތެއް ނިންމާނީ މުބާރާތަށް ފަހު ކަމަށް އިނގިރޭސި އެފްއޭއިން ބުނެފި އެވެ.

އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ބުނީ 2012 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވި ކޯޗަށް ކުއާޓާ ފައިނަލާ ހަމައަށް ދެވިއްޖެނަމަ ނުވަތަ ޕެނަލްޓީ ޖަހައިގެން ވަރުގަދަ ގައުމެއްގެ އަތުން ބަލިވެއްޖެނަމަ އޭނާ މަގާމުގައި ބަހައްޓަން ބަހުސް ކުރާނެ ކަމަށެވެ.

"ސެމީ ފައިނަލަށް ދެވިއްޖެނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީއަކަށްވާނެ. ކޯޗާ މެދު ވަކި ގޮތެއް ނިންމާނީ މުބާރާތަށް ފަހު. އިނގިރޭސި ޓީމަކީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރެވެން ޖެހޭނެ ޓީމެއް،" ޑައިކް ބުންޏެވެ.

އުމުރުން މިހާރު 68 އަހަރުގެ ހޮޖްސަން މިކަމާ ބެހޭ ގޮތުން ބުނީ އޭނާގެ ވަޒީފާއާ މެދު ކަންބޮޑުނުވާ ކަމަށާއި އެފްއޭއިން ނިންމާ ކޮންމެ ގޮތަކަށް ވެސް އޭނާ އެއްބަސްވާނެ ކަމަށެވެ.

އިނގިރޭސި ޓީމު މިހާރު އޮތީ ޔޫރޯގެ ދެ ވަނަ ބުރާ ވަރަށް ގާތުގަ އެވެ. މިރޭ ސްލޮވާކިޔާ އަތުން މޮޅުވެއްޖެނަމަ ދެ ވަނަ ބުރަށްދާނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ކޯޗާ ބެހެ ގޮތުން ކެޕްޓަން ވޭން ރޫނީ ބުނީ ކުޅުންތެރިންނާއި އޭނާ ވެސް ބޭނުންވަނީ އެ މަގާމުގައި ހޮޖްސަން ދެމިހުންނަން ކަމަށެވެ.

"އޭނާ ވަނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައި. ކުރިން އެންމެ ބޮޑަށް ވާހަކަ ދެކެވެނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު އަހަރުމެން ޓީމުގައި ޒުވާން ކުޅުންތެރިން ނެތިގެން. ޒުވާން ކުޅުންތެރިންނަށް އޭނާ އުއްމީދެއް ގެނެސްދީފި. ދެން ޓީމުގައި އޮތީ ވަރަށް ރަނގަޅު ގުޅުމެއް. އޭނާ ދަނީ ވަރަށް ރަނގަޅަށް ޓީމު މެނޭޖްކުރަމުން. އަހަންނަށް ހީވަނީ އެހެން ކުޅުންތެރިން ބުނާނީ އަހަރެން މިބުނި ވާހަކަހެން،" ރޫނީ ބުންޏެވެ.