ބޭރު ކުޅިވަރު

ގޮޓްޒޭ އަށް ޖަރުމަނުން ފާޑުކިޔައިފި

ޖަރުމަނުގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ އަށް އެގައުމުގެ ފުޓްބޯޅަ އެނަލިސްޓުން ފާޑުކިޔައފި އެވެ.

މެޗުތަކަށް އިންސާފު ކުރަމުންދާ އެންލިސްޓުން ފާޑުކިޔާފައިމިވަނީ ޔޫރޯގައި ޖަރުމަނު ކުޅުނު ދެ މެޗުގައި ވެސް އެންމެ ކުރިއަށް ކުޅުނު ކުޅުންތެރިޔާ އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވުމުންނެވެ. ކޯޗު ޖޯހިމް ލޯ ކުޅުންތެރިޔާ އަށް އިތުބާރުކުރި ނަމަވެސް ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ އަށް މިހާތަނަށް މި މުބާރާތުގައި އަދި އެއްކަމެއްވެސް ނުކުރެ އެވެ.

އެންމެ ހާއްސަކޮށް ފާހަގަ ކުރަންޖެހޭ ކަމަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔުކްރޭނާ ދެކޮޅަށް ކުޅުނު ފުރަތަމަ 20 މިނިޓްގައި އެންމެ ބޯޅައެއްގައި ވެސް އޭނާ ފައިން ޖަހާފައިނުވުމެވެ.

ފާޑުކިއުންތަކަށް ޖަވާބުދެމުން ގޮޓްޒޭ ބުނެފައިވަނީ މިއީ ފުޓްބޯޅަ ކަމަށާއި ބައެއް ފަހަރު މީހުން ހިތްހަމަނުޖެހޭނެ ކަމަށާއި އަނެއް ބައި ފަހަރު މީހުން އެންމެ ހިތްހަމަޖެހޭ މީހަކަށް ވެސް ކުޅުންތެރިން ވެދާނެ ކަމަށެވެ.

ޖަރުމަނު ޓީމުގެ މެނޭޖަރު އޮލިވާ ބިއަހޯފް ވެސް ވަނީ އޭނާގެ ޓީމުގެ އެޓޭކް ރަނގަޅު ކުރަންޖެހޭ ކަމަށް އެއްބަސްވެފަ އެވެ.

"ކުދި ގައުމުތަކުން ދަނީ މެޗުގައި ރަނގަޅަށް ކުޅެން ނުފަށައިފިނަމަ ކިތަންމެ ބޮޑު ގައުމެއް ވެސް ވިޔަސް އެބަޔަކާ ދެކޮޅަށް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން. އެހެންވީމާ އެކަން އަހަރުމެންވެސް ދަންނަން ޖެހޭ. ޑިފެންސުން ފެށިގެން އަހަރުމެންގެ އެޓޭކާ ހަމައަށް ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް. އެކަމަކު އެޓޭކް ރަނގަޅު ކުރަންޖެހޭ،" ޖަރުމަނުގެ ކުރީގެ ފޯވަޑް ބުންޏެވެ.

ދުނިޔޭގެ ޗެމްޕިއަން ޓީމަށް ޔޫރޯގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް މާދަމާ ރޭ ނޮދަން އަޔަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން ބޭނުންވަނީ ގިނަވެގެން ޕޮއިންޓެކެވެ.