ދީން

އުމަރުގެފާނު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުން

ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމާއެކު އިސްލާމީ އުންމަތުގެ ލީޑަރޝިޕާ ޙަވާލުވެ ވަޑައިގަތީ އަބޫބަކުރުގެފާނެވެ. ރަސޫލެއްގެ ގޮތުގައި 23 އަހަރު ދުވަހުގެ ތެރޭގައި ކީރިތި ރަސޫލާ ބިންގައި އަޅުއްވައި ފައްކާކުރެއްވި އިސްލާމީ އުންމަތް އިތުރަށް ވަރުގަދަކޮށް ފުޅާކުރެއްވުމުގައި މުހިންމު މަސައްކަތްޕުޅުތަކެއް އަބޫބަކުރުގެފާނުގެ ޚަލީފާ ކަމުގައި ވަނީ ކުރައްވަވާފައެވެ.

މި ގޮތުން އަބޫބަކުރުގެފާނު ކުރެއްވި އެއްކަމަކީ މުޅި އިސްލާމީ އުންމަތުގެ ހިތް ކަމުގައިވާ މަދީނާގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢުމަރުގެފާނު ޢައްޔަން ކުރެއްވުމެވެ. އަބޫބަކުރުގެފާނަށް ފަހު މުޅި އިސްލާމީ އުންމަތުގައިވެސް އޭރު ހުންނެވި އެންމެ ގިނަބަޔަކު އިޙްތިރާމް ކުރާ، އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތު ކަމުގައިވާ ޢުމަރުގެފާނު މަދީނާގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމުގައި އަބޫބަކުރުގެފާނު ވަރަށް އީޖާބީ ވިސްނުންފުޅުތަކެއް ގެންގުޅުއްވިއެވެ.

އެއްކަމަކީ، އަބޫބަކުރުގެފާނަށް ފަހު އިސްލާމީ އުންމަތުގައި ދެން ހުންނެވި އެންމެ ބަސްވިކޭ އިންސާނާ ( ޢުމަރުގެފާނު ) މަދީނާގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެއްވުމުން ޝަރީޢަތްތަކާމެދު މީސްތަކުންގެ އިތުބާރު ލިބޭނޭކަމެވެ. އަނެއް ކަމަކީ، އެއްވެސް ޝަރީޢަތަކާ ގުޅިގެން އެއްވެސް މީހަކަށް ނުފޫޒެއް ނުފޯރުވޭނެ އަދި އެއްވެސް މީހަކަށް ބަސްކިޔާ ފާޑުކިޔަންވެސް ނުކެރޭނެ ފަދަ ނަންހުރި ވަރުގަދަ ފަނޑިޔާރަކު މަދީނާއާ އަދި މުޅި އިސްލާމީ އުންމަތުގެ އެންމެ މަތީ ކޯޓުގައި އިސް ފަނޑިޔާރެއްގެ ގޮތުގައި ބެހެއްޓެވުމެވެ.

އަބޫބަކުރުގެފާނު ޙަވާލުކުރެއްވި މިޝަން ތަންފީޒުކުރެއްވުމަށްޓަކައި 1 އަހަރުދުވަސް މަދީނާގެ ފަނޑިޔާރުކަމުގައި ޢުމަރުގެފާނު ވޭތުކުރެއްވިއެވެ. އެއަށްފަހު ހަމަ ކުއްލިއަކަށް އެ މަޤާމުން އިސްތިޢުފާ ހުށަހެޅުއްވިއެވެ.

އިސްލާމީ ދައުލަތުގެ ޢަދުލު އިންސާފާ ގުޅޭ އެންމެ މަތީ އެއް މަޤާމުގައި ޢުމަރުގެފާނު ހުންނަވާފައި ކުއްލިއަކަށް މަޤާމުން އިސްތިޢުފާދެއްވުންވީ ޚަލީފާ އަބޫބަކުރުއްޞިއްދީޤަށް ލިބިވަޑައިގަތް ކުއްލި ޙައިރާންކަމަކަށެވެ. އެހެންކަމުން އިސްތިޢުފާ އެދެއްވި ސަބަބު އޮޅުން ފިލުއްވުމުގެ ގޮތުން އަބޫބަކުރުގެފާނު ސުވާލުކުރެއްވިއެވެ.

"އޭ ޢުމަރުގެފާނެވެ. ފަނޑިޔާރުކަން ކުރެއްވުމަކީ މާބުރަ ކަމަކަށް ވަނީތޯއެވެ؟ ސާދާ ލުއި ދިރިއުޅުމެއް ޚިޔާރުކުރެއްވުމަށްޓަކައި ފަނޑިޔާރުކަން ދޫކޮށްލެއްވީ ތޯއެވެ؟"

ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. " އޭ ﷲގެ ރަސޫލާގެ ޚަލީފާއެވެ. އެހެންނަކުން ނޫނެވެ. މަދީނާގެ ފަނޑިޔާރުކަމުގައި އަޅުގަނޑު މި ހޭދަކުރި އެއް އަހަރު ޝަރީޢަތުގެ އެންމެ މަޖިލީހެއްވެސް ނުބާއްވަމެވެ. އަދި އެއްވެސް މީހަކު އެއްވެސް މައްސަލައެއް މިވީ އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަކަށް ހުށައެއްވެސް ނާޅައެވެ. އެންމެހާ މީސްތަކުން ﷲއަށް ހެޔޮގޮތުގައި އީމާންވެތިބި މިކަހަލަ ސަހަރެއްގައި ފަނޑިޔާރުގެއަކަށް ބޭނުމެއް ނޫނެވެ. މި ސަހަރުގެ ކޮންމެ މީހަކަށްވެސް އެމީހަކު ލިބިގަންނަން ޖެހޭނީ އެމީހެއްގެ މަސައްކަތަށް ހައްޤު އަދި ޙަލާލު މިންވަރުކަން ޤަބޫލުކުރެއެވެ. އެހެންވީމާ ނުޙައްޤުން އެއްޗެއް ހޯދައިގަންނާކަށް ނޫޅެއެވެ. މި ސަހަރުގެ ކޮންމެ މީހަކަށްވެސް އެމީހަކު އެހެން މީހަކަށް އަދާކުރަން ޖެހޭ ހައްޤެއް ނުވަތަ ދޭން ޖެހޭ އެއްޗެއް އޮތްނަމަ، އެކަން ކެރިކުޅަދާނަވީ އެންމެ އަވަހަކަށް ނިންމައިދޭން ޖެހޭނެކަން އެނގެއެވެ. އެހެންވީމާ، އެއްވެސް މީހަކު އަނެކެއްގެ ޙައްޤެއް ނުވަތަ މުދަލެއް ހިފަހައްޓައިގެންނެއް ނޫޅެއެވެ. މި ސަހަރުގެ ކޮންމެ މީހަކުމެ އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ މިންވަރަށް އޭނާގެ އަނެއް އަޚާ ދެކެވެސް ލޯބިވެއެވެ. ސަހަރުން ބޭރުގައި މީހަކު ވެއްޖެނަމަ، އެ މީހެއްގެ މުދަލާ އަނބިދަރީންނަށް ރައްކައުތެރިކަން ދެއެވެ. މީހަކު ބަލިވެއްޖެނަމަ، އޭނާގެ ޙާލުބަލައި އެހީތެރިވެއެވެ. މީހަކަށް ދެރަ ނިކަމެތި ގޮތެއް މެދުވެރިވެއްޖެ ނަމަ އެމީހަކަށް އަޅައިލައެވެ. މީހަކު ކަމަކަށް ބޭނުންވެއްޖެނަމަ، އެކަމެއް ކޮށްދޭން ވާގިވެރިވުމުގައި އެންމެން އެއްބައިވެއެވެ. މީހަކަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެމީހަކާމެދު ސަހަރޯވެރިވެ ހެޔޮ ފޯރުވައެވެ. އެމީހުންގެ ދީނަކީ އަދި ގޮތަކީ އެކަކު އަނެކަކަށް އަބަދުމެ ހެޔޮ ނަސޭހަތް ދިނުމެވެ. ރަނގަޅު ކޮންމެ ކަމަކަށް އެމީހުން ބާރު އަޅައެވެ. ނުބައި ކޮންމެ ކަމެއް އެމީހުން މަނާކުރެތެވެ. މި ގޮތަށް ކަންކަން ތަރުތީބުވެ އެންމެން އެއް އުޞޫލެއްގައި ހިފަހައްޓައިގެން ތިބި ޤައުމެއްގައި މީހެއްގެ މައްޗަށް ދަޢުވާ ކުރާނީ ކޮންކަމަކާތޯއެވެ؟ މީހެއްގެ މައްޗަށް ދަޢުވާ ލިބޭނީވެސް ކޮން ކަމަކާތޯއެވެ؟ "

ޢުމަރުގެފާނު ވިދާޅުވެދެއްވާފައި މިވަނީ އޭރުގެ އިސްލާމީ އުންމަތުގެ އުފާވެރި ދިރިއުޅުމެވެ. މަދީނާގައި ކީރިތި ރަސޫލާ ބިންގައު އަޅުއްވައި ބިނާކުރެއްވި އޯގާތެރި އަދި އެއްބަނޑު އެއްބަފާވަންތަ މުޖްތަމަޢެވެ. އެއީ ތާރީޚް ދުށް ޙަޤީޤަތެކެވެ. ސުވާލަކީ، މި ޙަޤީޤަތް އިސްލާމީ އުންމަތުގައި ތަކުރާރުވާނީ ދެން ކޮން ދުވަހަކުންތޯއެވެ؟

އެ ދުވަހަކުން ފަނޑިޔާރުގެތަކާ ޖަލުތަކަކަށް ބޮޑެތި ހޭދަތައް ކުރާކަށް ނުޖެހޭނެއެވެ. ރިހިބިލިޓޭޝަން ސެންޓަރުތައް ބޮޑު އަގުދީފައި އަޅާކަށް ނުޖެހޭނެއެވެ. މީސްތަކުން ނިކަމެތިވެ ބިކަވާތީ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ޙައްޤު ނުލިބިގެން ނުތަނަވަސްވާކަށްވެސް ނުޖެހޭނެއެވެ. އަމާންކަމާ އުފާފާގަތިކަމުގެ ވެށްޓެއް އޮންނާނީ ޤާއިމްވެ ފުރިހަމަވެފައެވެ. އިސްލާމްދީން އިންސާނީ ދިރިއުޅުމަށް ގެނަސްދޭ ޙަޤީޤީ ތަޞައްވުރަކީ މިއީއެވެ.